ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑްސް "މިހާރު އެވޯޑްސް"ގައި ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް މިއަހަރު ޓީީސީ ސްޕޯޓްސް ކްލަބުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބޭނެކަން ކަށަވަރުވެއްޖެ އެވެ.

މިހާރު އެވޯޑްސްގައި ރަން ބޫޓު ދެނީ ޕޮއިންޓް ސިސްޓަމަށް ބަލަައިގެންނެވެ. އެ ގޮތުން މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގައި ޖަހާ ލަނޑަކަށް ކޮންމެ ކުޅުންތެރިޔަކާށް ވެސް 1 ޕޮއިންޓް ލިބޭނެ އެވެ. ދިވެހި ޕްރިމިއާ ލީގުގައި ޖަހާ ގޯލުތަކަށް ދެ ޕޮއިންޓް ލިބޭއިރު، ގައުމީ ޓީމާއި ކްލަބު ލެވެލްގެ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޖަހާ ކޮންމެ ގޯލަކަށް 3 ޕޮއިންޓް ލިބޭނެ އެވެ.

މި ސީޒަނުގެ ކުރީކޮޅުގައި ނިއުރޭޑިއަންޓަށް ކުޅުމަށް ފަހު، ޓީސީ އަށް ބަދަލުވި ދަގަނޑޭ ވަނީ މި ސީޒަނުގައި ޖުމްލަ 42 ގޯލު ޖަހައިފަ އެވެ. ދަގަނޑޭ ރަން ބޫޓު ހާސިލްކުރީ 76 ޕޮއިންޓު ހަމަކޮށްގެންނެވެ. އޭނާ ނިއުރޭޑިއަންޓަށް އޭއެފްސީ ކަޕްގައި ޖަހައިދިން 6 ގޯލަށް 18 ޕޮއިންޓު ލިބިނުއިރު، ނިއުރޭޑިއަންޓަށް މާލޭ ލީގުގައި ޖަހައިދިން 14 ގޯލަށް 14 ޕޮއިންޓު، ޓީސީއަށް ދިވެހި ޕްރިމިއާ ލީގުގައި ޖަހައިދިން 22 ލަނޑަށް ވަނީ 44 ޕޮއިންޓު ވަނީ ލިބިފަ އެވެ.

ރަންބޫޓުގެ ދެވަނަ އަށް ދިޔައީ ކްލަބު އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ސީޒަނުގައި ޖުމްލަ 33 ލަނޑު ޖެހި ރިޒޭ އަށް ލިބުނީ 62 ޕޮއިންޓެވެ.

މިހާރު އެވޯޑްސް އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. މި އެވޯޑްސްގައި ޖުމްލަ 24 އެވޯޑެއް ދޭއިރު، ފުޓްބޯޅައިގެ ރަންބޫޓުގެ އިތުރުން ދެން ހިމެނެނީ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އެވެ.

މި އެވޯޑްސްގައި ހިމެނެނީ ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.