ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ 15 ގައުމު ހިމެނޭ ޖަމާއަތް، އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް، އޯޕޭކުން ވަކިވާން ނިންމައި ގަތަރުން އެކަން އިޢްލާން ކޮށްފިއެވެ.

މިކަން މިއަދު ކަށަވަރު ކޮށްދެއްވީ، ގަތަރު ސަރުކާރުގެ އެނަޖީ މިނިސްޓަރ ސައާދު ޝެރީދާ އަލް ކާބީއެވެ. ގަތަރު ސަރުކާރުގެ ތެލުގެ މައި ކުންފުނި ގަތަރު ޕެޓްރޯލިއަމުންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ދޯހާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެނަޖީ މިނިސްޓަރ ސައާދު ޝެރީދާ އަލް ކާބީ ވިދާޅުވީ، އޯޕެކުން ވަކިވާން ނިންމީ، އެގައުމުން ކުރިއަށްގެންދާ ގުދުރަތީ ގޭހުގެ އުފެއްދުންތައް ތަރައްގީކޮށް އިތުރުކުރުމަށް ހިންގާ މަޝްރޫއުތަކަށް ސަމާލުކަން ދިނުމުގެގޮތުން ކަމަށެވެ.

ގަތަރުން މިހާރު އަހަރެއްގެ މައްޗަށް 77 މިލިއަން ޓަނުގެ ގުދުރަތީ ގޭސް އުފައްދާއިރު، އެމިންވަރު 110 މިލިއަން ޓަނަށް އިތުރު ކުރުމަށް ގަތަރުންދަނީ މަސައްކަތް ކުރަމުންނެވެ.

ގަތަރު ވެގެންމިދަނީ އޯޕެކުން ވަކިވާ ގަލްފްގެ ފުރަތަމަ އަރަބި ގައުމަށެވެ. ގަތަރުން އޯޕެކްގައި ބައިވެރިވެފައިވަނީ 1961 ވަނަ އަހަރުއެވެ. އެއީ އޯޕެކް އުފެދުނުތާ އަހަރެއް ފަހުންނެވެ.

އޯޕެކުން ވަކިވާން ނިންމައި ގަތަރުން އެކަން މި އިޢްލާންކުރީ، އޯޕެކްގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުން މިމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށްވެސް މެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ގަތަރު އޯޕެކުން ވަކިވާން ނިންމުމާއި، ސައުދީ އަރަބިއްޔާ އިސްވެއޮވެ އަރަބި ބައެއް ގައުމުތަކުން ގަތަރު ބްލޮކްކޮށްފައި އޮތް އޮތުމާ އެއްވެސް ގުޅުމެއް ނުވާކަމަށް ގަތަރުން ބުނެއެވެ.

ގުދުރަތީ ގޭސް އުފެއްދުން އިތުރަށް ތަރައްގީކޮށް އުފައްދާ މިންވަރު އިތުރުކުރުމުގެ މަސައްކަތަށް ސަމާލުކަން ދިނުމުގެގޮތުން، އޯޕޭކުން ވަކިވުމަށް ގަތަރުން ވިސްނަމުންދާތާ މަސްތަކެއް ވެއްޖެ ކަމަށްވެސް ބުނެއެވެ.

2013 ވަނަ އަހަރުން ފެށިގެން ގަތަރުން އުފައްދައި ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރުވަނީ ދަށްވާން ފަށާފައެވެ. 2013 ވަނަ އަހަރު ދުވާލެއްގެ މައްޗަށް 128،000 ފީފާގެ ތެޔޮ ބާޒާރަށް ނެރުނު ނަމަވެސް، 2017 ވަނަ އަހަރު އެ އަދަދުވަނީ 607،000 އަށް ދަށްވެފައެވެ. މިއީ، މުޅި އޯޕެކުން އުފައްދައި ބާޒާރަށް ނެރުނު ތެލުގެ ނިސްބަތުން އެންމެ %2 އެވެ.

ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ %40 ހިއްސާކުރާ އޯޕްކާއި، އޯޕްކްގެ ބޭރުން އެންމެ ގިނައިން ތެޔޮ އުފައްދާ ރަޝިޔާއިން މިހަފްތާގެ ކުރީކޮޅުވަނީ، ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރަށް މަދުކުރަން އެއްބަސްވެފައެވެ. މިއީ ބާޒާރުގައި ތެލުގެ އަގު ދަށްވިޔަނުދީ ހިފެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް ބުނެފައި ވެއެވެ.

މިއަހަރުގެ އޮކްޓޫބަރުމަހު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 86 އެމެރިކާ ޑޮލަރަށް މައްޗަށްވެސް ދިޔައެވެ. ނަމަވެސް މިހާރު ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގުހުރީ 60 ޑޮލަރުގައެވެ.

ގަތަރަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) ނެރޭ ގައުމެވެ. މުޅި ދުނިޔެއިން ބާޒާރަށް ނެރޭ އެލްއެންޖީ ގޭހުގެ %30 ހިއްސާކުރަނީ ގަތަރުންނެވެ.

އެކަމަކު، ގަތަރުގެ އެނަޖީ މިނިސްޓަރ ސައާދު ޝެރީދާ އަލް ކާބީ މިއަދު ވިދާޅުވީ، އެގައުމު އޯޕެކުން ވަކިވާން ނިންމި ނިންމުމަކީ ސީދާ ވިޔަފާރީގެ ނިންމުމެއް ކަމަށެވެ.