ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ 225 މެމްބަރުން ސޮއިކުރައްވައި ލިއުމެއް ހުށަހެޅުއްވި ކަމުގައިވިޔަސް، ބޮޑުވަޒީރު ކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ނުކުރައްވާނޭ ކަމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ މުސްލިމް އަދި ބައިމަދު ސިންގަޅާ ޕާޓީތައް ހިމެނޭ ޔުނައިޓެޑް ނޭޝަނަލް ފްރަންޓްގެ ލީޑަރުންނާއެކު ރައީސް ސިރިސޭނާ މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު މިކަން މީޑިއާއަށް ހާމަކުރެއްވީ ލަކްޝްމަން ކިރިއެލާއެވެ.

ޕާލަމެންޓް ހުރިހާ މެމްބަރުން އެދިވަޑައިގެންނެވި ނަމަވެސް، ބޮޑުވަޒީރު ކަމަށް ރަނިލް އަލުން އައްޔަން ނުކުރައްވާނޭކަމަށް ސިރިސޭނާވަނީ ބައްދަލުވުމުގައި އެބޭފުޅުންގާތު ވިދާޅުވެފައެވެ.

ސްރީލަންކާގެ ގާނޫނުއަސާސީ ބުނާގޮތުން، ބޮޑުވަޒީރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބާރު އޮންނަނީ ރައީސަށެވެ.

ރައީސް ސިރިސޭނާ މިދިޔަ ނޮވެމްބަރުމަހުގެ 25 ވަނަދުވަހުވެސް ވަނީ، ބޮޑުވަޒީރުކަމުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ އަލުން އިސް ނުކުރައްވާނެ ކަމަށް ވައުދުވެވަޑައި ގެންފައެވެ. ރައީސްކަމުގައި ދެމިހުންނެވިހާ ދުވަހަކު އެކަން ނުކުރައްވާނެ ކަމަށް ސިރިސޭނާ ވިދާޅުވެފައި ވެއެވެ.

ބޮޑުވަޒީރު ކަމަށް ރަނިލް އައްޔަން ނުކުރައްވާނެ ސަބަބެއް ކަމަށް ސިރިސޭނާ ވިދާޅުވެފައިވަނީ، ރަނިލްއަކީ ވަރަށް ބޮޑަށް ކޮރަޕްޓް ބޭފުޅެއް ކަމަށްވުމެވެ.

ރަނިލްގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގު ކުރުމަށް ޚާއްސަ ކޮމިޝަނެއް އުފެއްދުމަށްވެސް ސިރިސޭނާވަނީ ނިންމަވާފައެވެ.

ކަންމިހެން އޮތްނަމަވެސް، ސްރީލަންކާގެ ޕާލަމެންޓްގެ އަޣުލަބިއްޔަތު އަދިވެސް އޮތީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ، ޔޫއެންޕީއަށް ކަމަށްވާއިރު، އެޕާޓީން އިއްޔެވަނީ ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަގެ ނަންފުޅު ހުށަހަޅާފައެވެ.

ސްރީލަންކާ މިހާރު ވެއްޓިފައިވާ ސިޔާސީ މައްސަލަގަނޑުން އަރައިގަތުމަށް ސްރީލަންކާގެ ރައީސް ސިރިސޭނާ މިއަދުވެސް ވަނީ ސިޔާސީ އެތައް ޕާޓީއަކާއި، އިއްތިހާދަކާ ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވާފައެވެ.

އެގޮތުން، ޕާލަމެންޓްގައި ހިމެނޭ ޓެމިލް ނޭޝަނަލް އެލަޔަންސްގެ ވެރިންނާއިވެސް ސިރިސޭނާ މިއަދު ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމުގައި ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފަރނާންޑޯއާއި، އެޓަރނީ ޖެނެރަލްސްގެ ޑިޕާޓްމަންޓްގެ އޮފިޝަލުންވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.