ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުން، މިޔަންމާގެ ލީޑަރ އަންގް ސަން ސޫކީއަށް އަރުވާފައިވާ ޝަރަފްވެރި "ފްރީޑަމް އޮފް ޕެރިސް އެވޯޑް" ނިގުޅައިގަތުމަށް ޕެރިސް ސިޓީން ނިންމައިފިއެވެ.

މިކަން ހާމަކުރީ، ޕެރިސް ސިޓީގެ މޭޔަރުގެ ތަރުޖަމާނެވެ.

ޕެރިން ސިޓީން މިގޮތަށް ނިންމީ، މިޔަންމާގެ ބައިމަދު ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ކަތިލުންތަކާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާ ދެކޮޅަށް އެއްވެސް ވާހަކަފުޅެއް ދެއްކެވުމަށް ސޫކީ އިންކާރު ކުރައްވާ މައްސަލާގައެވެ.

އަންގް ސަން ސޫކީއަށް އަރުވާފައިވާ ފްރީޑަމް އޮފް ޕެރިސް އެވޯޑް ނިގުޅައިގަތުމަށް ޕެރިސް ސިޓީގެ މޭޔަރ އޭނީ އިޑަލްގޯ ނިންމެވީ، މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފް އެތައް ޖަރީމާތަކާއި، ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް، މޭޔަރުގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

ތަރުޖަމާނު ވިދާޅުވީ، ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ޖަރީމާތަކާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރ އޭނީ އިޑަލްގޯ މިދިޔަ އަހަރުގެ ތެރޭގައި ސޫކީއަށް ސިޓީއެއްވެސް ފޮނުއްވި ކަމަށާއި، ނަމަވެސް އެ ސިޓީއަށް ސޫކީ އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ.

މިޔަންމާގެ ލީޑަރ އަންގް ސަން ސޫކީ ވެވަޑައިގަންނަވާނީ، ފްރީޑަމް އޮފް ޕެރިސް އެވޯޑް އެރުވުމަށްފަހު އެ އެވޯޑު އަނބުރާ އަތުލެވޭ ފުރަތަމަ ބޭފުޅާއަށެވެ.

ފްރީޑަމް އޮފް ޕެރިސް އެވޯޑް އަތުލުމަށް ޕެރިހުގެ މޭޔަރ ނިންމެވިއިރު، ސޫކީއާ ދެކޮޅަށް މިފަދަ ފިޔަވަޅުތައް ގްލަސްގޯވާއި، އެޑިންބާރގާއި، ކެނެޑާގެ އިތުރުން، އިނގިރޭސި އޮކްސްފޯޑް ޔުނިވަރސިޓީންވެސް އަޅާފައި ވެއެވެ.

ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކުގެ ޗެމްޕިއަންގެ ގޮތުގައި އެއް އިރެއްގައި މުޅި ދުނިޔޭގެ އިހްތިރާމާގައި ލޯބި ހޯއްދެވި ސޫކީއަށް ދުނިޔޭގައި ދެވިފައޮތް އިހްތިރާމާއި ގަދަރު މިހާރުވަނީ ވަރަށް ކުޑަވެފައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ސޫކީއަށް ދީފައިވާ އެ ޖަމާއަތުގެ އެންމެމަތީ ޝަރަފް ކަމުގައިވާ "އެމްބަސެޑަރ އޮފް ކޮންސައިންސް އެވޯޑް" ވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ނިގުޅައިގެންފައެވެ.

ސޫކީއަށް ދީފައިވާ އެންމެތީ ޝަރަފް އެމްނެސްޓީން ނިގުޅައިގަތީ، މިޔަންމާގެ ބައިމަދު ރޮހިންގާ މުސްލިމް ދަރިކޮޅުގެ މީހުންނާމެދު ހިންގަމުންގެންދާ ލާއިންސާނީ ކަތިލުންތަކާއި، ޖަރީމާތައް ހުއްޓުވަން ސޫކީގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ މައްސަލާގައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ވެރިޔާ ކުމީ ނައިދޫ ސޫކީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސޫކީއަކީ މިހާރު އުންމީދާއި، ހިތްވަރުގެ ރަމްޒެއްގެގޮތުގައި ނުބެލެވޭ ކަމަށެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގާ ކަތިލުންތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނޭޅުއްވުމާއި، އެކަމާ ދެކޮޅަށް އެއްވެސް އެއްޗެއްވެސް ވިދާޅުވާން ސޫކީ ފަސްޖެހިވަޑައިގެންފައިވާ މައްސަލާގައި މުޅި ދުނިޔޭގައި ދަނީ އެކަމާ ނުރުހުންވެ ފިޔަވަޅުތައް އަޅަމުންނެވެ.

މިކަމާ ހިތްހަމަނުޖެހިގެން ސޫކީއަށް ދީފައިވާ ޝަރަފްވެރި ރަށްވެހިކަން ކެނެޑާއިން ނިގުޅައިގެންފައި ވާއިރު، އެމެރިކާގެ މިއުޒިއަމަކުން ސޫކީއަށް ދީފައިވާ އެވޯޑެއްވެސް މިއަހަރުގެ މާޗްމަހުވަނީ އަތުލާފައެވެ.

އަންގް ސަން ސޫކީ ތައުލީމު ހާސިލްކުރެއްވި އިނގިރޭސިވިލާތުގެ އެންމެ ޝަރަފްވެރި އޮކްސްފޯރޑް ޔުނިވަރސިޓީގެ ހިޔުސް ކޮލެޖްގެ މައި ގޭޓަށް ވާގޮތަށް ބަހައްޓާފައި ހުރި ސޫކީގެ ބޮޑު ފޮޓޯވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުވަނީ ނަގައި ގުދަނަށް ލާފައެވެ.