"އައްދޭ. ތީ ދުނިޔެ މަތިން ފޫހިވެގެން އުޅޭ ސަބަބަކީ؟ ބަލަ އުފަލުގައި އުޅުމުން ތި ހިތާމައެއް ކުރާކަށް ނުޖެހޭނެއެއްނު. ތިއީ އަމިއްލައަށް ލިބިގަނެގެން އުޅޭ ހިތާމައެއްނު. ތިއަށްވުރެ މާ ހިތްދަތި ކަންކަން ދިމާވެފައިވާ މީހުން ވެސް އެ އުޅެނީ މާ އުފަލުގައި. އެ މީހުން ވެސް އުންމީދު މަރައެއް ނުލައި. މި ދުނިޔެ ދެކެ ފޫއްސެއް ނުވޭ" ސައިނާ އުޅުނީ ރަމީޒަށް ވިސްނައި ދެވޭތޯއެވެ.

"ސައިނާއަށް މި އިހުސާސްތަކެއް ނުކުރެވޭނެ. ތިޔަ މަޖާކަމާއި އުފާވެރިކަމުގައި އުޅޭ މީހަކަށް މިފަދަ އިހުސާސްތައް ކުރުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެ" ރަމީޒަށް ގަބޫލުކުރެވުނީ އޭނާގެ ހިތް ދަތި އިހުސާސްތައް ސައިނާއަށް ނޭނގޭ ކަމަށެވެ.

"ތިއީ ރަމީޒަށް ހީވާ ގޮތް. ފޮތެއްގެ ހަގީގަތް ބަނޑޭރި ގަނޑަކުންނެއް ނޭނގޭނެ. އަހަރެންގެ މޫނުމަތިން ރަމީޒަށް ފެންނާނީ މި ކުލަ. ކޮންމެ މީހަކަށް ފެންނާނީ ހަމަ މި ހިނިތުންވުން. އަހަރެންގެ ހިތެއް އެކަކަށް ވެސް ނުފެންނާނެ. އެ ހިތުގެ އިހުސާސްތައް އެހެން މީހުންނަށް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންނަށް ގަބޫލުކުރެވެނީ އަހަރެންނަކީ އެންމެ މީހެއް ނޫނޭ. އަހަރެންނާ ގުޅިފައިވާ އެތައް ބަޔަކު އެބަ ތިބިކަމަށް. އެ މީހުން ހިތުގައި ޖެއްސުމަކީ އަހަރެން ކޮށްގެން ވާނެކަމެއް ނޫންކަމަށް. އެހެންވެ މި މޫނުމަތިން ފެންނާނީ އުފާވެރިކަން. ހިނިތުންވުން" ސައިނާ ވާހަކަދެއްކީ ތެދަށެވެ. ފޮރުވީ ހަމައެކަނި އޭނާގެ ހަގީގަތެވެ.

"ތިގޮތަށް ތި ވާހަކަ ދައްކަން ކޮންމެ ދުވަހަކު ސައިނާއަކަށް ނާދެވޭ. ޚަބަރެއް ތި ވަނީ ހަފުތާއަކު އެއްފަހަރު. އެހެންވީމާ އަހަރެންގެ މޫނު މަތިން އުފާވެރިކަން ދައްކާނީ ކިހިނެއް؟" ރަމީޒު، ސައިނާއާ ދިމާކޮށްލިއެވެ. އެއީ ދެތެކެވެ. ސައިނާއަށް ހެޔޮ ހާލުގައި އުޅެވެނީ ބައެއް ދުވަސް ދުވަހުއެވެ. ގިނަ ދުވަސް ދުވަހު އޭނާގެ ޚަބަރެއް ނުވެއެވެ. ރަމީޒު ވެސް ގެއިން ނުކުންނަނީ ބައެއް ދުވަސް ދުވަހުއެވެ. އޭނާ ލޯބިކުރަނީ އެކަނިވެރިކަމަށެވެ. އުޅެން ބޭނުންވަނީ ވެސް އެކަންޏެވެ.

ރަމީޒާއި ސައިނާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ރަމީޒުގެ ހިތުަގައި ސައިނާއާމެދު ލޯބި އުފެދެމުން ދިޔަ ފަދައިން ސައިނާގެ ހިތުގައި ވެސް ރަމީޒާ މެދު ދިޔައީ ލޯބި އާލާވަމުންނެވެ. ދެ މީހުުންގެ ވިސްނުން ކިތަންމެ ތަފާތު ވިޔަސް، ދެ މީހުންގެ ވާހަކަތަކަށް ނިމުމެއް ނާދެއެވެ. ދެ މީހުންގެ ގުޅުމަށް ހީނަރު ކަމެއް ނާދެއެވެ. ކޮންމެ މީހަކަުވެސް އަނެކަކަށް ދޫދެއެވެ. އަނެކާގެ ވިސްނުން ގަބޫލުކުރެއެވެ.

ރަމީޒަށް ގަބޫލުކުރެވުނީ ސައިނާއަކީ އުފާވެރި ކުއްޖެއް ކަމަށެވެ. އެފަދަ އުފާވެރި ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލުމަކީ އިންސާފެއް ނޫންކަމަށެވެ. ރަމީޒު ހިތުން ޚާއްޞަ ޖާގައެއް ސައިނާއަށް ދެވިފައިވީ ނަމަވެސް އެ ލޯބި ހުށަހަޅާކަށް ރަމީޒު ބޭނުމެއް ނުވިއެވެ. ކުޑަ ދުވަސް ކޮޅެއްގެ މެހުމާނެއްގެ ގޮތުގައި އުޅެން ޖެހޭއިރު އޭނާ ނެތް ދުވަހަކުން ސައިނާ ކުރާނެ ހިތާމަ ރަމީޒަށް އިހުސާސް ކުރެވެއެވެ. އެހެންވެ އެ ގުޅުން ލޯތްބަށް ބަދަލުކުރަން ބޭނުން ނުވަނީއެވެ.

ރަމީޒަށް ސައިނާގެ ހަގީގަތްތަކެއް ނުއެނގެއެވެ. އެކަން ސައިނާ ހާމައެއް ވެސް ނުކުރެއެވެ. ސައިނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ހަގީގަތް އެހެން މީހުންނަށް އެނގޭކަށް ނުޖެހެއެވެ. އެ ހަގީގަތްތަކުން އެހެން މީހުން ހިތާމާކޮށް ރޮއްވާކަށް ވެސް ނުޖެހެއެވެ. އެހެންވެ އެ ކަންކަން އޮންނަނީ ސިއްރުކޮށްފައެވެ.

ދެ ހަފުތާ ވީއިރުވެސް ސައިނާގެ ޚަބަރެއް ނުވިއެވެ. ރަމީޒަށް މަޖުބޫރުވީ ސައިނާއަށް ވީނުވީއެއް ބަލާށެވެ. އެ ނިޔަތުގައި އޭނާ ސައިނާމެން ގެއަށް ދިޔައެވެ. ލިބުނު ޚަބަރަކީ ސައިނާގެ ބަލި ހާލު ބޮޑުވެ އެމެޖެންސީގައި އޭދަފުށްޓަށް ގެންދިޔަ ޚަބަރެވެ. ރަމީޒަށް ފުންނޭވާއެއް ލެވުނެވެ. ސައިނާއަށް ވީގޮތް އޮޅުން ފިލުވާލަން ބޭނުންވިއެވެ. ކިތަންމެ ބޭނުން ނުވިނަމަވެސް ރަށުގެ އެކި މީހުންނާ ވާހަކަދައްކަން މަޖުބޫރުވިއެވެ.

ސައިނާއަކީ ބަލި މީހެކެވެ. ކެންސަރުގެ ފަހު މަރުހަލާ ގުނަމުން ދިޔަ ޒުވާނެކެވެ. އޭނާ މޫނު މަތިން ފެންނަ އުފާވެރިކަމުން އެކަން ސިއްރުކުރިއެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް އޭނާ ކެތްކުރިއެވެ. މަރު އައިސް އޭނާ ގެންދާނެ ވަގުތަށް އޭނާ އިންތިޒާރު ކުރިއެވެ. ނަމަވެސް އެކަން ދަންނަނީ މަދު މީހެކެވެ. ރަމީޒަކަށް ވެސް އެކަމެއް ނޭނގެއެވެ. އޭނާ ހައިރަންވިއެވެ. އެ ހާލުގައި އުޅުނު އަންހެނެއްގެ ހިތްވަރު އެނގުމުންނެވެ. އެ ހިތްދަތިކަމުގައި ވެސް ފެނުނު ކެތްތެރިކަމުންނެވެ.

ސައިނާ އޭދަފުށްޓަށް ގެންދެވުނުތާ ތިންވަނައަށް ވީ ދުވަހު އޭނާ މި ދުނިޔެ ދޫކުރިއެވެ. އެ އުފާވެރިކަން މި ދުނިޔެއާ ވަކިވިއެވެ. އެ ޚަބަރުން މުޅި ރަށް ރޮއްވާލިއެވެ. ރަމީޒުގެ ހިތަށް އެތައް ވޭނެއް ގެނެސްދެމުންނެވެ. އިބުރަތުގެ ފިލާވަޅެއް ރަމީޒަށް ނަގައި ދެމުންނެވެ. ހިތާމައާއި މޮޅިވެރިކަމަކީ އަމިއްލައަށް ލިބިގަންނަ ކަމެކެވެ. ކިތަންމެ ވޭނުގައި އުޅެމުން ވެސް މޫނު މަތީގެ އުފާވެރިކަން ދެއްކި ދާނެއެވެ. ނުތަނަވަސްކަމުގެ އުދާސްތައް ފޮރުވިދާނެއެވެ. ސައިނާ ފަދައިން އުޅެވިދާނެއެވެ. ބޭނުންވަނީ ހިތްވަރާއި ކެތްތެރިކަމެވެ.

-- ނިމުނީ --