ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާރޑް މުހައްމަދު ނާޒިމް ކުރިމަތިލައްވާނީ ދަނގެތީ ދާއިރާއަށްކަމަށް އިއުލާނުކުރައްވައިފިއެވެ.

ނާޒިމް މިކަން ހާމަކުރައްވާފައިވަނީ ވީޓީވީގެ ގެނެސްދޭ މެހެމާންސަރާ ޕްރަގްރާމްގައި މިހަފްތާގެ މެހެމާންގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާ، މިހާތަނަށް ވިސްނަވަމުން ގެންދެވީ ކުރިމަތިލައްވާނެ ދާއިރާއަކާއިމެދުކަމަށެވެ. ދަނގެތީ ދާއިރާ އިޚްތިޔާރުކުރެއްވީ އެ ދާއިރާގެ 5 ރަށުގެ ބައެއް ރައްޔިތުންނާއި، އަދި ކައުންސިލަރުންނާއިވެސް މަޝްވަރާކުރެއްވުމަށްފަހުކަމަށް ނާޒިމް ވިދާޅުވިއެވެ.

ދަނގެތީ ދާއިރާއަކީ ވަރަށް ބޮޑަށް އިހްމާލްވެވިފައިވާ ދާއިރާއެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ވަށައިގެން ރިސޯޓްތައް ހުރިއިރު، ދާއިރާގެ ރައްޔިތުންނަށް ފަތުުރުވެރިކަމުގެ ހަގީގީ ނަފާ ލިބެމުންނުދާކަމަށެވެ. އަދި ރަށްރަށައް ބޭނުންވާ ވަރަށް އަސާސީ ކަންކަންވެސް އަދިވެސް ހުރީ ނުކުރެވިކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ މިއީ ވަރަށް ބޮޑަށް އަޅާނުލެވި އޮތް ދާއިރާއެއްކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ކުރިމަތިލަނީ ދާއިރާއަށް ދިމާވެފައިވާ މައްސަަލަތައް ހައްލުކޮށް، ރައްޔިތުން އުފާކޮށްދޭނެ ފަދަ ޚިދުމަތްތަކެއް ކޮށްދިނުމަށް." ނާޒިމް ވިދާޅުވިއެވެ.