ޑީސަލާއި ޕެޓްރޯލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވައިދުގައި މީގެކުރިން ބުނެފައިވަނީ ޑީސަލާއި ޕެޓްރޯލް ވިއްކާ ތަންތަން ހުޅުވައިގެން ހިދުމަތް ދެވޭނީ ފަތިހު 5:00 އިން މެންދަމު 12:00 އަށް ކަމަށެވެ.

ޑީސަލާއި ޕެޓްރޯލް ވިއްކާ ތަންތަން 24 ގަޑިއިރު ހިދުމަތް ދެވޭ ގޮތަށް ގަވައިދު އިސްލާހުކޮށް އިކޮނޮމިކް މިނިސްޓްރީން އަމަލުކުރަން ފެށީ މިއަދުން ފެށިގެންނެވެ.

ގަވައިދުގައި ބުނެފައިވަނީ ޑީސަލާއި ޕެޓްރޯލް ވިއްކާ ތަންތަނުން 24 ގަޑިއިރު ހިދުމަތް ދެވޭނީ އިކޮނޮމިކް މިނިސްޓްރީން އެކަމުގެ ހުއްދަ ހޯދައިގެން ކަމަށެވެ.

ޑީސަލާއި ޕެޓްރޯލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަމަަޖައްސާފައި މިވަނީ 24 ގަޑިއިރު ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަމަޖެއްސުމަށްޓަކައި އާންމުންގެ ހިޔާލަށް ހުޅުވާލާފައި ވަނިކޮށެވެ.