އާންމުން ރައްޔިތުން ކުރަމުންދާ ވަރުގަދަ މުޒާހަރާތައް ހުއްޓުމަކަށް ގެނައުމަށް އަޅާ ފިޔަވަޅެއްގެގޮތުން، ތެލާއި، ކަރަންޓުގެ އަގު ބޮޑުކުރުމުގެ މަސައްކަތް ފަރަންސޭސި ސަރުކާރުން ވަގުތީގޮތުން މަޑު ޖައްސާލައިފިއެވެ.

ތެލާއި ކަރަންޓްގެ އަގު ބޮޑުކުރުމުގެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލަން ނިންމެވިކަން އިޢްލާން ކުރެއްވީ ފަރަންސޭސި ބޮޑުވަޒީރު އެޑުއާޑް ފިލިޕޭއެވެ.

ފަރަންސޭސި އާންމުން ވެރިރަށް ޕެރިހާއި، އެނޫންވެސް ރަށްތަކުގެ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށާފައިވަނީ، ތެލުގެ އަގު ބޮޑުކުރުމަށް ނިންމުމާއި އަދި ދިރިއުޅުމުގެ އަގުތައް ބޮޑުވުމާ ދެކޮޅުހެދުމުގެ ގޮތުންނެވެ. މުޒާހަރާތައް ފެށިފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.

މިމުޒާހަރާތަކުގައި މިހާތަނަށް ހަތަރުމީހުން މަރުވެފައިވާއިރު، ފުލުހުން އެއްލި ކަރުނަގޭސް ކެނިސްޓަރަކުން ޖެހި، ފަރަންސޭސި ރަށެއް ކަމަށްވާ މާސޭގައި އުމުރުން 80 އަހަރުގެ އަންހެނަކުވެސް މަރުވެފައި ވެއެވެ.

މުޒާހަރާ އެންމެ ހޫނުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހުގެ މުޒާހަރާގައި އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައްވެސް ވެފައި ވެއެވެ. އަދި ވެހިކަލްތަކުގައި ހުޅުޖެހުމާއި ފިހާރަތައް ލޫޓުވުމުގެ ހާދިސާތައްވެސް ހިނގާފައި ވެއެވެ.

މުޒާހަރާގެ ތެރޭގައި ފަރަންސޭސި ފުލުހުން މިހާތަނަށް 412 މީހުން ހައްޔަރު ކޮށްފައިވާއިރު، އޭގެތެރެއިން 363 މީހުން އަދިވެސް ތިބީ ޖަލުގައި ބަންދުކޮށްފައެވެ.

މުޒާހަރާގެ ތެރޭގައި ސަލާމަތީ ބާރުތަކާ ކުރިމަތިލުމާއި، މުދަލާއި ތަންތަނަށް ގެއްލުން ދިނުމުގައި އިސްކޮށް އުޅެނީ "ޔެލޯ ވެސްޓް" ގެ ނަމުން މުޚާތަބު ކުރެވޭ ގްރޫޕްގެ މީހުންނެވެ. އެމީހުންނަށް "ޔެލޯ ވެސްޓް" އޭ ކިޔަނީ ފްލޮރިސެންޓް ޖެކެޓްތަކެއް ލައިގެން މުޒާހަރާގައި ހަރަކާތްތެރިވާތީއެވެ.