ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރަމްއަށް އިސްރާއީލުގެ އުދުވާނީ ސިފައިން މިއަދުގެ ފަތިހާ ވަދެގަނެ ހިންގި ޖަރީމާތަކުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 22 އަހަރުގެ މުހަންމަދު ހުސާމް އަބްދުއްލަތީފް ހަބަލީ ނަމަކަށްކިޔާ ޒުވާނެކެވެ. އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ފަލަސްތީނުން ލިބެމުންދާ ބައެއް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ އޭނާގެ ބޮލަށާއި އަތަށް ކަމަށް ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

އިސްރާއީލު ސިފައިން ބަޑިޖެހުމުން އެ ޒުވާނާ ތުލްކަރަމްގެ ތަބީތު ތަބީތު ހޮސްޕިޓަލަށް ވަގުތުން ގެންދެވުނު ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ޝަހީދުވެފައިވާ ކަމަށް ވަފާއިން ބުނެއެވެ.

ވަފާއިން ބުނެފައިވަނީ، ތުލްކަރަމްއަށް އަރައިގަނެ އިސްރާއީލު ސިފައިން އެރަށުގެ އެތައް ގެއަކަށް ވަދެގަނެ ގެތައް ފާސްކުރި ކަމަށެވެ.

އެކަމާ ގުޅިގެން އާންމުން އެއްވެ މުޒާހަރާ ކުރާން ފެށުމުން، މުޒާހަރާކުރަމުންދިޔަ މީހުންގެ ގަޔަށް އިސްރާއީލު ސިފައިން އަސްލު ވަޒަނާއި، ރަބަރު ވަޒަނާއި ކަރުނަ ގޭހުންވެސް ހަމަލާދިން ކަމަށް ވަފާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

އިސްރާއީލު ސިފައިންގެ ތަރުޖަމާނު ބުނެފައިވަނީ، އާންމުންގެ ގަޔަށް ބަޑިޖެހީ، ތުލްކަރަމްގެ ގެތައް ބަލައި ފާސްކުރަމުންދަނިކޮށް ބަޔަކު މުޒާހަރާކޮށް ސިފައިންނާ ދިމާއަށް ގާއުކަން ފެށުމުން ކަމަށެވެ.

އިސްރާއީލުގެ ހަމަލާގައި އެކަކު ޝަހީދުވިއިރު، އިތުރު ތިން ޒުވާނަކު ޒަޚަމްވެފައިވެސް ވެއެވެ.

ފަލަސްތީނު ޕްރިޒަނާސް ސޮސައިޓީން ބުނެފައިވަނީ، އިސްރާއީލުގެ އުދުވާނީ ސިފައިން ހުޅަނގު އައްސޭރީގެ ތުލްކަރަމްއާއި، އެހެން ރަށްތަކުގެ އަވަށްތަކަށް މިއަދު ވަދެގަނެ 24 ވަރަކަށް ޒުވާނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ބައިތު ލަހުމާއި، ހަބްރޫނުން އެކަނިވެސް ދިހަ ޒުވާނުން ހައްޔަރުކުރި ކަމަށް ބުނެފައި ވެއެވެ.

ނާބުލުސްއާއި، ތުބާސްއިން ނުވަމީހުން ހައްޔަރު ކޮށްފައިވާއިރު އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ. ރާމަﷲއާއި، ހިޒްމާއިން އިތުރު ފަސްމީހުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފަލަސްތީނު ޕްރިޒަނާސް ސޮސައިޓީން ބުނެފައި ވެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކަށް މިއަދުގެ ފަތިހާ އަރައިގަނެ މިފަދަ އޮޕަރޭޝަނެއް ހިންގައި ފަލަސްތީނުގެ އެތައް ބަޔަކު ހައްޔަރުކުރަން ޖެހުނީ ކީއްވެގެންކަމެއް އިސްރާއީލުން އަދި ނުބުނެއެވެ. ނަމަވެސް، އިސްރާއީލުން "ހޯދަން ބޭނުންވާ" މީހުން ހައްޔަރުކުރަން މިފަދަ އޮޕަރޭޝަންތައް ދޭތެރެ ދޭތެރެއިން ހިންގައެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 6،500 މީހުން މިހާރުވެސް އެބަތިއްބެވެ. އޭގެތެރޭގައި ފަލަސްތީނު ޕާލަމެންޓްގެ ހަ މެމްބަރުންނާއި، 52 އަންހެނުންނާއި، 270 ކުޑަކުދިންވެސް ހިމެނެއެވެ. ގިނަމީހުން ހައްޔަރުކޮށްފައިތިބީ އެއްވެސް ޝަރީއަތަކާ ނުލައެވެ.