މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ އިންތިހާބު މި މަހު 27 ގައި ބާއްވަން ނިންމައިފި އެވެ.

އެމްއެފްއޭ އިން އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކުރުމަށްފަހު އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަަނަ ދުވަހުގެ ކުރިން މަގާމުތަކަށް ކުރިމަތިލުމަށް މިހާރު ވަނީ ފުރުސަަތު ހުޅުވާލާފަ އެވެ.

އެމްއެފްއޭގެ ކުރިއަށް އޮތް އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ ޗެއާ، ވައިސް ޗެއާ، ހަޒާންދާރު، ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، އިތުރު ތިން މެމްބަރެކެވެ.

އެމްއެފްއޭގެ ޗެއާގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އެވެ.

އެމްއެފްއޭގެ އިންތިހާބު ބާއްވަން ތައްޔާރުވަމުން މިދަނީ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމާ ގުޅިގެން އިންތިހާބަށް ހާއްސަކޮށްގެން އެކުލަވާލި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް ނަގައި އިންތިހާބުގެ މަސައްކަތް އެކޮމިޓީއާ ހަވާލުކުރުމަށްފަހު އެވެ. ކޮމިޓީގައި ހިމެނޭ ފަރާތްތަކަކީ ފިލްމީ ދާއިރާގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ އެކްޓަރު ދަރާ މުހައްމަދު ރަޝީދާއި ތަޖުރިބާކާރު ކެމެރާމަން ކޮކޯ ހަސަން ހަލީމާއި އިބްރާހީމް ރަޝީދު (ބުރޯ) އާއި ކެމަރާމަން ނިޝާންގެ އިތުރުން ކަޅުއޮށް ނަސީރެވެ.

އެމްއެފްއޭ އުފައްދާފައިވަނީ ފިލްމީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުމުގެ މަގުސަދުގައި ކަމަށްވީ ނަމަވެސް މިޖަމިއްޔާއިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ އާންމު މެންބަރުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޕެޓިޝަނެއް ހުށަހަޅާފަ އެވެ.