ކިޔައިވައިދޭން އަހަރެންނަށް ޖެހުނީ ޓީޗަރުންގެ ކޯހަކަށެވެ. އަހަރެންނަށް ވުރެ ބޮޑެތި މީހުންނަށެވެ. އަހަރެންނާ އެއް ޢުމުރެއްގެ މީހުންނަށެވެ. ބޮޑެތި މީހުންނަށް ކިޔަވައިދޭން ޖެހުމުން ބައެއް ފަހަރު އުނދަގޫވި ނަމަވެސް އެކަމަށް ވެސް އަހަރެން ތައްޔާރުވީމެވެ.

ދުވަސްކޮޅެއް ފަހުން ލައްވާލީ ހީނުކުރާ ކަމެކެވެ. އަހަރެންނަށް އައީ ހުށަހެޅުމެކެވެ. ލޯބީގެ ހުށަހެޅުމެކެވެ. ކިޔަވައިދެމުން ދިޔަ ކުލާހުގެ ދަރިވަރެއްގެ ހުށަހެޅުމެކެވެ. ދަރިވަރެކޭ ބުނި ނަމަވެސް އެއީ މީހެކެވެ. އަހަރެންނާ ދާދި އެއް ޢުމުރެއްގެ މީހެކެވެ. ރީތި ދޮން މީހެކެވެ. ހިތްކިޔާ ކަހަލަ ގޮތެއް ހުންނަ މީހެކެވެ. އެއީ ސާދުނާއެވެ.

ސާދުނާގެ ފުރަތަމަ ފެނިލުމުން ހިތަށް މާބޮޑު އަސަރުތަކެއް ނުކުރިޔަސް ފެންނަ ކޮންމެ ފަހަރަކުމެ، އަހަރެންނަށް ބަލައިގޮތާއި ވާހަކަދައްކާ ގޮތުން ޝައްކުގެ ނަޒަރު އޭނާއަށް ސީދާ ކުރެވުނެވެ. ދުވަސްތައް މާޒީވަމުން ދިޔަ ވަރަކަށް އެކަން ޔަގީނާ ގާތަށް ދިޔައެވެ.

އެއްދުވަހެއްގެ ކުލާސް ގަނޑި ނިންމާލި ވަގުތެވެ. ސާދުނާ މަޑުކުރީ އެސައިންމަންޓެއްގެ މަޢުލޫމާތު އޮޅުންފިލުވާލާށެވެ. އޭރު ކުލާހުގެ ދެން ތިބި ކުދީން ކުލާހުން ނުކުމެއްޖެއެވެ. އަހަރެންނާ ސާދުނާ އެކަނިވެއްޖެއެވެ. އޭނާ އުޅުނު ގޮތާއި ވާހަކައިގެ ރާގު ހުރި ގޮތުން ކުޑަކޮށް ހިނިވެސް އައެވެ. އޭނާ އަހަރެންނަށް ބަލާވަރުން އުނދަގޫ ވެސް ވިއެވެ.

ވާހަކަތަކުގެ ތެރެއިން ސާދުނާ ފުރުޞަތު ހޯދިއެވެ. އެ ފުރުޞަތު ހޯދާފާނެތީ ވާހަކައިގެ ރާގު އަހަރެން ބަދަލުވެސް ކުރީމެވެ. ނަމަވެސް އޭނާ އެއަށް ވުރެ ހުށިޔާރެވެ.

އަހަރެން ދެކެ ލޯބިވާ ވާހަކަ އޭނާ ހާމަކުރިއެވެ. އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑުން ދެމިގެން ހެނެވެ. ދަރިވަރަކު އެގޮތަށް ލޯބި ހުށަހަޅާފާނެކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެއަށް ވުރެ ބޮޑަށް ސީދާ ކުލާހުގައި ހުރެ އެގޮތަށް ލޯބި ހުށަހެޅުމުން އެކަން އަހަރެންނަކަށް ބަލައެއް ނުގަނެވުނެވެ.

"ހަގީގަތުގައި ވެސް އަހަރެން ވަރަށް ލޯބިވޭ. އަހަރެންނަށް ޖަވާބެއް ދޭނެކަމަށް އުންމީދުކުރަން" ޖެހިލުންވުމެއް ނެތް ކެރުމާއެކު ސާދުނާ ބުނި އެންމެ ފަހު ޖުމުލަ، އިރުތަކެއް ވަންދެން ކަންފަތުގައި ގުގުމަމުން ދިޔައެވެ. އަހަރެންނަށް ހުރެވުނީއެވެ. ބުނާނެބަހެއް ދުލަކަށް ނައިސްގެންނެވެ. ހަދާނެ ގޮތެއް ނުވިސްނިފައެވެ.

އަހަރެން ކިޔަވައިދޭ ކުލާހުގައި އަހަރެންގެ މޭޒުކައިރީ ހުރެ އަހަރެންނަށް ލޯބި ހުށަހެޅުމަށް ފަހު ސާދުނާ ނުކުތެވެ. ހިތުގައި ހުރި އިހުސާސްތައް ވެސް ނުކުތީ އެހިސާބުންނެވެ. އަމިއްލަ ނަފުސާ މެދު ވިސްނާ ލެވުނީވެސް އެއަށް ފަހުއެވެ. އަހަރެންނަކީ ޓީޗަރެކެވެ. ޓީޗަރަކާ ދަރިވަރަކާ ދެމެދު އޮންނާނީ ވަކި ކަހަލަ ގުޅުމެކެވެ. އެ ގުޅުން މާ ގާތްވެއްޖެނަމަ ކޮންމެ ކަމެއްވެސް ކުރަން ކެރިދާނެއެވެ. ކޮންމެ ފަދަ ގޮތެއް ވެސް ހަދާފާނެއެވެ. ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. އަހަރެންގެ ޒަމީރު އަހަރެންގެ ހިތަށް ބާރު ފޯރުވިއެވެ. އެކެރުމަށް ތަޢުރީފު ކުރާކަށް ހިތް ބޭނުމެއް ނުވިއެވެ. އެ ހުށަހެޅުމަށް އާނބަސް ބުނާކަށް ހިތެއް ނޭދުނެވެ. އަހަރެން ވިސްނީމެވެ. އަންހެނުންނާ އެކަން ހިއްސާކުރީމެވެ. ދެން ހަދާނެ ގޮތަކާމެދު ޚިޔާލުބަދަލުކުރީމެވެ.

ފަހުން ފަހުން އަހަރެން އުޅުނީ ވަރަށް ވިސްނައިގެންނެވެ. ސާދުނާގެ ހުށަހެޅުންތަކަށް އަހަރެން ފުރަގަސް ދިނީމެވެ. އޭނާ ދިން ދައުވަތު ތަކަށް ނޫނެކޭ ބުނީމެވެ. އެތައް ގޮތަކުން އަހަރެންނަށް ގުޅުމަށް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ފުރުޞަތުތައް ފަހިވިޔަކަ އަހަރެން ނުދެމެވެ.

އަހަރުގެ އިމްތިހާނު ފެށި ޕޭޕަރުތައް އަހަރެން އަތަށް އެރިއެވެ. މާކުކުރުމުގެ މަސައްކަތް އަހަރެން ފެށިމެވެ. ސާދުނާގެ ކިބައިން މިންޖުވާ ކަމުގެ ހިތްހަމަ ޖެހުން ލިބިގަތީމެވެ.

މާކުކުރަމުން ދިޔަ ޕޭޕަރުން ލިބުނީ ހައިރާންކަމެވެ. އޭގައި ލިޔެފައި އޮތީ ސިޓީއެކެވެ. ލޯބީގެ ސިޓީއެކެވެ. އަހަރެންނަށް ލިޔެފައިވާ ސިޓީއެކެވެ.

"އަހަރެންނަށް ޖަވާބެއް ދޭށެވެ. އަހަރެން މިވާ ލޯތްބަށް އާއެނކޭ ބުނާށެވެ. އަހަރެން މި ސިޓީ މި ލިޔަނީ މި ސިޓީ ކިޔާނެކަން ޔަގީންވާތީއެވެ. އެ ނޫން ގޮތަކަށް ނާޝިދަށް މެސެޖު ރައްދު ނުވީތީއެވެ. މި ޕޭޕަރުން ސުމެއް ލިބުނަސް އަހަރެންނަށް ވަރިހަމައެވެ. މި ޕޭޕަރުން ލިބޭ މާކުހަށް ވުރެ އަހަރެންނަށް މުހިންމީ ތިޔަ ލޯތްބެވެ. ތިޔަ ރީތިކަމާއި ތިޔަ ސާދާކަމެވެ. ހަގީގަތުގައި ވެސް އަހަރެން ވަރަށް ލޯބިވެއެވެ. އަހަރެންގެ މިހުށަހެޅުން ގަބޫލުކުރާށެވެ. މިކަން ގަބޫލު ނުކުރާނަމަ ދެން ހަދާނެ ގޮތް އެނގޭނީ އަހަރެންނަށެވެ." ޕޭޕަރުގައި ލިޔެފައިވާ ސިޓީން އަހަރެންނަށް ވެރިވީ ހިތްހަމަ ނުޖެހުމެވެ. ނުތަނަވަސް ކަމާއި ފޫހިކަމެވެ. އަހަރެންނާ ހެދި ދީވާނާ ވިޔަސް އެއީ ބޮޑުވަރެވެ. އެއީ ލޯބިކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ.

އެ ޕޭޕަރަށް އަހަރެން ދިނީ ސުމެކެވެ. ކޮށްފައިވާ އެއްވެސް ސުވާލަކާ ގުޅުމެއް ނެތް ޖަވާބެއް ދިނީތީއެވެ. އެ ވަރަކުން އަހަރެން ނުނިންމަމެވެ. އޭނާ އޮފީހަށް ހާޒިރުކުރީމެވެ. އެހެން ދާރިސުންގެ ކުރިމަތީ އޭނާ ބަހައްޓައި އެ ލޯތްބަށް ނޫނެކޭ ވެސް ބުނީމެވެ. އޭނާ އަހަރެންދެކެވާ ލޯތްބަށް ވެސް ސުމެއް ދިނީމެވެ. ފޮނުވާފައިވާ ސިޓީގެ ޖަވާބު ވެސް އަނގަބަހުން ދިނީމެވެ. އަހަރެންނަކީ މީހެއްގެ ފިރިއެކެވެ. އަހަރެންގެ ހިތްވަނީ އެހެން މީހަކަށް ދެވިފައެވެ. އެ ހިތުން އެހެން ފަރާތަކަށް ދޭނެ ލޯތްބެއް ނެތެވެ. އެއަށްފަހު އޭނާ ފޮނުވާލީމެވެ. މިއީ އަހަރެންގެ އަތުން ސުމެއް ދިން ހަމައެކަނި ޕޭޕަރެވެ. އެ ސުމަކުން މީހަކު ހިތުގައި ޖެހުނަސް އަހަރެންނަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ. ހަޔާތަށް ލިބުނީ އިތުރު އުފަލެކެވެ. އަންހެނުންގެ ގާތަށް ވެސް އައީ ހިންޏެވެ.

-- ނިމުނީ --