މެލޭޝިއާގައި ކުރިއަށް ދިޔަ ހެކަތޮންގައި ވާދަކޮށް ދިވެހި ޓީމަކުން ކާމިޔާބު ހޯދައިފި އެވެ.

މައިންޑްވެލީން އިންތިޒާމު ކުރި މިހެކަތޮން ކުރިއަށް ދިޔައީ އިއްޔެއާއި އޭގެ ކުރީ ދުވަހު މެލޭޝިއާގަ އެވެ.

މައިންޑްވެލީގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިހެކަތޮންގައި ކާމިޔާބު ހޯދި ދިވެހި ޓީމުގައި މަސައްކަތް ކޮށްފައިވަނީ ހެޑް އޮފް ޕްރޮޑަކްޓް ޑިޒައިން ޝާފިއު ހުސައިނާއި ސީނިއާ ޕްރޮޑަކްޓް ޑިޒައިނާ ނަސްރުﷲ އަދްނާން (ނައްޓު) އާއި ސީނިއާ އައިއޯއެސް ޑިވެލޮޕަރު މުހައްމަދު މާއިލްގެ އިތުރުން ހެޑް އޮފް އިންފްރާސްޓްރަކްޗާ އެންޑް ޕްރޮޑަކްޓް މެނޭޖަރު އަހްމަދް ރިޔާޒީ މުހައްމަދެވެ.

މިހެކަތޮންގައި ބައިވެރިވި 40 މީހުންގެ ތެރޭގައި ޑިޒައިނަރުންނާއި ޑިވެލޮޕަރުން ހިމެނެ އެވެ.

މެލޭޝިއާގައި ކުރިއަށް ދިޔަ ހެކަތޮންގައި ކާމިޔާބު ހޯދި ދިވެހި ޓީމުގައި ހިމެނޭ ފަރާތްތަކަކީ އަމިއްލައަށް ބައެއް ސޮފްޓްވެއާތައް އުފައްދާފައިވާ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި މުހިއްމު މަސައްކަތްތަކެއް މީގެކުރިންވެސް ކޮށްފައިވާ ފަރާތްތަކެކެވެ.

މިހެކަތޮން ކާމިޔާބު ކުރި ދިވެހި ޓީމުން އުފެެއްދި ހިޔާލަށް ޕްރޮޑަކްޓް އުފެއްދުމަށް އިތުރު ޓީމަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މެލޭޝިއާގައި ކުރިއަށް ދިޔަ ހެކަތޮންގައި ވާދަކޮށް ދިވެހި ޓީމުން ހޯދި ކާމިޔާބީއާ ގުޅިގެން ރާއްޖޭގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ މަރުހަބާ ކިޔާފަ އެވެ.

ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގެ މީހުން މަސައްކަތް ކުރާ މައިންޑްވެލީއަކީ އޮންލައިން ކޮށް ކޯސްތައް ކުރިއަށް ގެންދާ ތަނެކެވެ. މިތަން ތިން މިލިއަން ދަރިވަރުން މިހާރު ވެސް ދަނީ ކިޔަވަމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ހެކަތޮންތަކުގައި ދިވެހިން ވާދަކޮށް ބޮޑެތި ކާމިޔާބީތައް ހޯދުން އިތުރުވެފައިވާއިރު ބައެއް ދިވެހިން މިހާރު ގެންދަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ފާހަަގަކޮށްލެވޭ ދުނިޔޭގެ ބައެއް ކުންފުނިތަކުގައިވެސް މަސައްކަތް ކުރަމުންނެވެ.