ދިރާގުން ފޯރުކޮށްދެމުންދާ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ހދ. ނޮޅިވަރަމުގައި ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތް މިއަދު ރަސްމީކޮށް ދޭން ފަށައިފި އެވެ.

ދިރާގުން ބުނީ ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ވަރަށް ކުރު މުއްދަތެއްގައި މުޅި ރާއްޖޭއަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. 2016 ވަނަ އަހަރު ފެށި މި މަސައްކަތުން މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 އިންސައްތަ އަށް މިހާރު ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެގެ އިތުރުން 49 އެހެން ރަށެކެވެ.

ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އަކީ ފައިބަ ބްރޯޑްބޭންޑް ކަމަށް ވުމާއެކު ރާއްޖޭގައި މިހާރު އެންމެ ހަލުވިކޮށް ދެވިގެންދާ ހިދުމަތަކީ ދިރާގު ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތެވެ. މިހިދުމަތުގައި 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ އެއް ޓީބީގެ ޕެކޭޖެއް އެކުލެވިގެންވެ އެވެ. މިހާރު ހދ. ނޮޅިވަރަމުގެ ގޭބިސީތަކަށާއި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމައަށް ލިބެމުންދާނެ ކަމަށްވެސް ބުނެ އެވެ.

މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހު ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ދިރާގުން ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ގޭގެއަށް ފައިބަ ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސްދުވަސް ވަންދެން ނަގާ ކޮންމެ ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 އިންސައްތަ ޑިސްކައުންޓް ލިބޭނެކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.