މާލޭގެ މަގުތަކުގައި އިއްޔެ ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެ، ބައެއް ގެތައް ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން އެފަދަ ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހިވުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ(މަޓީ)ގެ ފަރާތުންނާއި ސީޖީޓީގެ ފަރާތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްސީ)އަށް ފައިސާގެ އެހީއެއް ދީފި އެވެ.

އަމީނީ މަގުގައި ހުންނަ އެންޑީއެމްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޓީގެ ފަރާތުން ހަދިޔާކުރި ދެ ލައްކަ ފަންސާސް ހާސް ރުފިޔާ އާއި ސިޖީޓީގެ ފަރާތުން ހަދިޔާކުރި ހަތަރު ލައްކަ ރުފިޔާއާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

ފައިސާގެ އެހީއާ ހަވާލުވެވަޑައިގަތުމަށްފަހު މާރިޔާ ވިދާޅުވީ ގުދުރަތީ މިފަދަ ހާދިސާތަކާ ދިމާކޮށް އާންމު ފަރާތްތަކުގެ ބޮޑު އެހީތެރިކަމެއް ލިބިގެންދަނީ ހިޔާނާތުގެ މައްސަލަތަކުގައި މިސަުކާރުން ވަކި މީހެއް ތަފާތު ނުކޮށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަން ބޭނުންކުރާނީ ހާލުގަ ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި ދެފުށްފެންނަ ގޮތަކަށް ހުރިހާ ކަމެއްވެސް ކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭއިރު އެކަންކަމުގެ ތަފްސީލު ފޮތްތަކުން ފެންނަން ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި އިއްޔެ ފެން ބޮޑުވެ އާންމުންނަށް ދިމާވި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެންޑީއެމްސީގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެެވެ. ސިފައިންނާއި ފުލުހުން ކުރި މަސައްކަތުގެ އަގު ރައްޔިތުން ވަޒަންކުރި ފާހަގަކުރައްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންނެވި ގޮތަށް ސިފައިންނަކީ ރައްޔިތުންގެ އިހުތިރާމު ލިބިފައިވާ ރައްޔިތުން އިތުބާރު ކުރާ ބަޔަކަށް ހެދިފައިވާ ކަމަށެވެ.

މާލޭގައި އިއްޔެ ފެން ބޮޑުވުމާ ގުޅިގެން އެތައް ބަޔަކަށް ގެއްލުންތަކެއް ލިބިފައިވާތީ އެމީހުންނަށް އެހީވުމަށް އާންމުންނާއި ބައެެއް ކުންފުނިތަކުގެ އެހީތެރިކަން މެދުނުކެނޑި ލިބެމުންދާ ކަމަށްވެސް އެންޑީއެމްސީން ވަނީ ބުނެފަ އެވެ.