މިރޭ 08:00 އިން މާދަމާރޭގެ 08:00 އާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނު އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިރޭ އެންމެ ބޮޑަށް ވިއްސާރަ ކުރާނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ދެމެދުގައިވާ ރަށްތަކަށް ކަމަށެވެ.

މެޓް އޮފީހުން އިތުރަށް ބުނީ މިރޭގެ 08:00 އިން މާދަމާރޭގެ 08:00 އާ ހަމައަށް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

މިދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވުމުން މޫސުމަށް ސަމާލުވުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

މާލެއަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން މިހާރު ވަނީ ހާއްސަ ސެންޓަރެއް ވެސް ގާއިމުކޮށްފަ އެވެ.