އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލަޔޮނަލް މެސީ ގައުމީ ޓީމަށް ކުޅޭ ޖާޒީ ނަންބަރު ޖަހައި، ޕްލާސްޓިކް ކޮތަޅަކުން ހަދާފައިވާ ޖާޒީއެއް ލައިގެން ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ފޮޓޯތަކުން ސަބަބުން އަފްޣާނިސްތާނު ކުޑަކުއްޖާ މުރްތަޟާ އަހްމަދީއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

އެސަމާލުކަމުގެ ސަބަބުން މުރްތަޟާގެ ހުވަފެންވެސް ހަގީގަތަކަށް ވިއެވެ. މެސީވަނީ އެކުއްޖާއާ ބައްދަލުވެސް ކޮށްފައެވެ. އެއީ، 2016 ވަނަ އަހަރުގެ ތެރޭގައެވެ. މުރްތަޟާގެ މިހާރުގެ އުމުރަކީ 7 އަހަރެވެ.

އެކަމަކު، މުރްތަޟާ އަހްމަދީގެ ވާހަކަ މިހާރު ދައްކަންޖެހިފައިވަނީ މާ ބިރުވެރި ކަމެއްގެގޮތުގައެވެ. ހަނގުރާމައިގެ ސަބަބުން މުރްތަޟާއާއި އޭނާގެ އާއިލާ މިހާރުވަނީ ޣަޒްނީ ޕްރޮވިންސްގައި އެ އާއިލާ ދިރިއުޅެމުންދިޔަ ގެ ދޫކޮށް ފިލައިގެން ގޮސްފައެވެ. އެ އާއިލާ ފިލައިގެންދިޔައީ، ހަނގުރާމައިގެ ސަބަބުން ގެދޮރުދޫކޮށް ފިލައިގެންދިޔަ އަފްޣާނިސްތާނުގެ އެހެންވެސް އެތައްސަތޭކަ ބަޔަކާ އެކުގައެވެ.

އިރުމަތީ ޣަޒްނީ ޕްރޮވިންސްގައި މުރްތަޟާގެ އާއިލާ ދިރިއުޅެމުންދިޔަ ސަރަހައްދަކީ އާންމުކޮށް ސުލްހަވެރި ސަރަހައްދެކެވެ. ނަމަވެސް، އެ ސަރަހައްދަށް ތާލިބާން ހަނގުރާމަވެރިން ވަރުގަދަ ހަމަލާތައް ދޭން ފެށުމާގުޅިގެން މުރްތަޟާގެ އާއިލާ ގެދޫކޮށް ފިލައިގެންދިޔައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ރިޕޯޓްތައް ބުނާގޮތުން، މުރްތަޟާގެ އާއިލާއާއި، ގެދޮރު ދޫކޮށް ފިލައިގެން ގޮސްފައިވާ އެތައްހާސް ބަޔަކު މިހާރުތިބީ ވެރިރަށް ކާބުލްގައެވެ. އެމީހުން ތިބީ އެހީތެރިކަމެއް ލިބޭނޭ މަގެއް ފެނޭތޯއެވެ.

މުރްތަޟާގެ އާއިލާއަށް އެހެން ބިރެއްވެސް ކުރިމަތިވެފައި ވެއެވެ. އެއީ، މުރްތަޟާއަށް ލިބިފައިވާ މަޝްހޫރުކަމުގެ ސަބަބުން އޭނާ އަތުލައިގަތުމަށް ތާލިބާން ހަނގުރާމަވެރިން މަސައްކަތް ކުރަމުންދާތީ އެކަމުގެ ބިރެވެ.. މުރްތަޟާގެ މަންމަ ޝަފީގާ ބުނެފައިވަނީ، ތާލިބާން ހަނގުރާމަވެރިން އަވަށުގެ ގެތަކަށް ހިނގައި "މުރްތަޟާ" އުޅޭ ގެއެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.