މި ޑިސެމްބަރުމަހުގެ 30 ގައި ބަނގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި، މިހާރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ބަލިކޮށް އެކަމަނާގެ ހުދުމުޚުތާރު ވެރިކަމަށް ނިމުން ގެނައުމަށް އެކަމަނާގެ "ކާކާ" ތެދުވެވަޑައި ގެންފިއެވެ.

މިކަމަށް ނުކުމެވަޑައިގެންނެވި ބޭފުޅަކީ، ބަނގްލަދޭޝްގެ ކުރީގެ ޚާރިޖީ ވަޒީރު، އުމުރުފުޅުން 82 އަހަރުގެ ކަމާލް ހުސައިންއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑުން ކިޔަވާ ވިދާޅުވެގެން ހުންނެވި އަދި ބައިނަލްއަގްވާމީގޮތުން ފާހަގަކޮށްލެވޭ ގާނޫނީ ވަކީލެއްވެސް މެއެވެ.

އޭނާއަކީ ބަނގްލަދޭޝް އަންމުންގެ މެދުގައި ވަރަށް ބޮޑު އިހްތިރާމަކާއި ގަދަރެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ކަމާލް ހަސަންއަކީ ބަނގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި ޝައިޚް ހަސީނާގެ ބައްޕާފުޅު ޝައިޚް މުޖީބުއްރަހްމާންގެ ވަރަށް އަރިސް ބޭފުޅެއްވެސް މެއެވެ.

ޝައިޚް ހަސީނާ ބޮޑުވުފުޅުވީ ކަމާލް ހުސައިންއާ އެކުގައެވެ. ހަސީނާ އޭނާއަށް ވިދާޅުވަމުން ގެންދެވީވެސް "ކާކާ" ނުވަތަ ބޮޑުބޭބެ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އެހެން ނަމަވެސް، ޑިސެމްބަރު 30 ގައި ބާއްވާ އިންތިޚާބުގައި ޝައިޚް ހަސީނާގެ އަވާމީ ލީގު ޕާޓީއަށް އެންމެބޮޑު ނުރައްކަލެއް ކުރިމަތިވާނީ ކަމާލް ހުސައިން އިސްވެ ހުންނަވައި އުފައްދާފައިވާ އިއްތިހާދުގެ ފަރާތުންކަމަށް މިހާރު ބެލެވިފައި ވެއެވެ.

ފާއިތުވީ ދިހަ ވަރަކަށް އަހަރު ބަނގްލަދޭޝްގައި ވެރިކަންކުރަމުންދިޔަ ހާސީނާގެ ޕާޓީ ބަލިކުރުމަށްޓަކައި ކަމާލް ހުސައިން އިއްތިހާދު ހަދާފައިވަނީ ބަނގްލަދޭޝްގެ މައި އިދިކޮޅު ބަނގްލަދޭޝް ނޭޝަނަލް ޕާޓީ، ބީއެންޕީއާއި، އިތުރު ދެ ޕާޓީއަކާ އެކުގައެވެ. އިއްތިހާދުގެ ނަމަކަށް ކިޔާފައިވަނީ "ޖަޓިޔަ އޮއިކިޔަ ފްރަންޓް" ނުވަތަ ނޭޝަނަލް ޔުނިޓީ ފްރަންޓެވެ.

މިއިއްތިހާދުގެ ސަބަބުން، ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބީއެންޕީ ޕާޓީން، އެ ޕާޓީއަށް އާންމުންގެ އިތުރު ތާއީދު ލިބިގެންދާނެ ކަމަށް އެ ޕާޓީން އުންމީދު ކުރެއެވެ. ސަބަބަކީ، ކޮރަޕްޝަގެ ދެ މައްސަލައެއްގައި ލީޑަރ ޚާލިދާ ޒިޔާ ޖަލަށްލާފައި ވުމާވެސް އެކުގައެވެ. ޚާލިދާ ޒިޔާއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ދީފައެއް ނުވެއެވެ.

ބީއެންޕީގެ ސްޓޭޑިންގ ކޮމިޓީގެ މެމްބަރ މައުދޫދު އަހްމަދު ވިދާޅުވީ، އެ ޕާޓީން ކަމާލް ހުސައިންއާ އަތާއަތް ގުޅާލައި އިއްތިހާދުހެދީ ވަރަށް މުހިންމު ސަބަބުތަކަށްޓަކައި ކަމަށެވެ. އެގޮތުން، އެންމެ މުހިންމު އެއް ކަމަކީ، އަނިޔާވެރިކަމުން ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

ކަމާލް ހުސައިން ވިދާޅުވީ، ބީއެންޕީއާ އިއްތިހާދު ހެއްދެވީ، ބަނގްލަދޭޝްގައި އަލުން ޑިމޮކްރަސީ ގާއިމްކުރުމަށް ކަމަށާއި، އެކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޝައިޚް ހަސީނާގެ އަވާމީ ލީގު ވެރިކަމަށް އައީ، 2009 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްގެންނެވެ. އަދި 2014 ވަނަ އަހަރުގެ އާންމު އިންތިޚާބުވެސް އެ ޕާޓީން ކާމިޔާބުކުރި ނަމަވެސް އެފަހަރުގެ އިންތިޚާބު އިދިކޮޅު ބީއެންޕީން ބޮއިކޮޓް ކުރިއެވެ. އެހެންވެ، ޕާލަމެންޓްގެ ދެބައިކުޅަ އެއްބައި ގޮނޑި އަވާމީ ލީގުން ކާމިޔާބުކުރީ އެއްވެސް ވާދަވެރިކަމެއް ނެތިއެވެ.

މިފަހަރުގެ އިންތިޚާބުގައި ހަސީނާގެ ޕާޓީ ބަލިކުރަން ކަމާލް ހުސައިން އިދިކޮޅު ޕާޓީތަކާ ގުޅި އިއްތިހާދު ހެދުމުން ހަސީނާ ވިދާޅުވެފައިވަނީ، ކަމާލް ހުސައިން އިއްތިހާދު ހެއްދެވީ ގާތިލުންނާ ކަމަށެވެ. ބީއެންޕީގެ އެހެން މެމްބަރަކު އިދިކޮޅު އިއްތިހާދު ސިފަކުރައްވާފައިވަނީ "މުޖުރިމުންގެ އިއްތިހާދުގެ" ގޮތުގައެވެ.