ނޫސްވެރިކަމުގެ އަލިމަސް ގަލަން ރާއްޖޭގެ ނޫސްވެރިކަމުގެ ތަޖުރިބާކާރު އަދި ޚިދުމަތްތެރި އަށް ބޭފުޅަކަށް ދެއްވައިފިއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި ޖަލްސާގައި އަލިމަސް ގަލަން ހާސިލްކުރެއްވި ބޭފުޅުންނަކީ ނޫސްވެރިކަމުގެ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށް ވެވަޑައިގެންނެވި "ހަވީރު" ނޫޙުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު، "އާފަތިސް" ނޫހުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ނައީމް އިބްރާހީމް، "މިހާރު"ގެ އެޑިޓަރު މޫސާ ލަތީފު، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މުހައްމަދު ސައީދު މޫސާ ވަޖުދީ، ހޯރަފުށީ މުހައްމަދު ސަލީމް، ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު އަދި ވީމީޑިއާގެ އިސް ހިންގުންތެރިޔާ އިމާދު ލަތީފެވެ.

ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް، އަލިމަސް ޝަރަފުގެ ގަލަން ވެސް މިރޭ އަށް ބޭފުޅަކަށް ވަނީ އަރުވައިފަ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ޑރ. މުހައްމަދު ޒާހިރު ހުސެން، އައްބާސް އިބްރާހީމް، ސީނާ އަހުމަދު ޒާހިރު، އިބްރާހީމް ރަޝީދު މޫސާ، ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު މިރޭ ހާސިލްކުރެއްވި އަބްދުﷲ ސޯދިގު (ސޯދުބެ)، ކޮޕީ މުހައްމަދު ރަޝީދު އަދި އަބްދުﷲ ފާރޫގު ހަސަން އެވެ.

މީގެ އިތުރުން، ނޫސްވެރިކަމުގެ ރަން ގަލަން ނުވަ ބޭފުޅަކު މިރޭ ވަނީ ހާސިލްކުރައްވާފައެވެ.

އެ ބޭފުޅުންނަކީ "އާފަތިސް"ގެ ކުރީގެ އެޑިޓަރު ފެއަރީ އަހުމަދު ޒާހިރު، ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރު މުހައްމަދު ޖަމީލް، "މިހާރު"ގެ މެނޭޖިން އެޑިޓަރު އަދި "ދޯ" މަޖައްލާގެ އެޑިޓަރު އިސްމާއީލް ނަސީރު، "މިހާރު"ގެ ލޯކަލް އެޑިޓަރު އަހުމަދު ހަމްދޫން، "ސަން އޮންލައިން"، "ވީނިއުސް" އަދި "އަވަސް"ގެ އެޑިޓަރުކަން ކުރައްވާފައިވާ އާދަމް ހަލީމް (މުންޑޫ)، ރާއްޖެ ޓީވީގެ ސީއޯއޯއަކަށް މީގެކުރިން ހުންނެވި ހުސެން ފިޔާޒު މޫސާ، ސީއެންއެމް ވުޖޫދަށް ގެންނެވި އިސްމާއީލް ރަޝީދު، "ހަވީރު" އަދި "މިހާރު"ގެ ސީނިއާ އެޑިޓަރުކަން ކުރައްވާފައިވާ އަހުމަދު އަބްދުﷲ ސައީދު އަދި "މިހާރު"ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު - ފޮރިން ހަސަން އާމިރު އެވެ.

މިރޭގެ ޖަލްސާގައި، އެކި ދާއިރާތަކުން މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިންނަށް ވެސް ވަނީ އެވޯޑް ދީފަ އެވެ. އެގޮތުން ފީޗާ ލިޔުމުގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ އާމިނަތު ޝިފްލީން އެވެ.

ސިޔާސީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔަކީ "އަވަސް"ގެ މޫސާ ރަޝީދެވެ.

ކުޅިވަރުގެ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިންނަށް ހޮވުނީ "މިހާރު"ގެ އައްޒާމް އަލިފުޅާއި "އަވަސް"ގެ ހުސެން ހަބީބެވެ.

ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ އަބްދުﷲ ޖަމީލް އެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ މުއިއްޒު އިބުރާހީމް އެވެ.

އިޖުތިމާއީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ "މިހާރު"ގެ އަހުމަދު ސާއިލް އަލީ އެވެ.

ވީޑިއޯ ޖާނަލިޒަމް އެވޯޑް ހާސިލްކުރީ ޗެނަލް 13ގެ އާމިނަތު ލަޔާލް މަނިކެވެ.

ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ ރާއްޖެ އެމްވީގެ މުހައްމަދު ޝަރުހާން ވަހީދެވެ.

މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ އަވަސް އޮންލައިންގެ ނާޒިމް ހަސަން އެވެ.