ދައުލަތް ހަމަ މަގުން ހިންގުމަށް އެދޭނަމަ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ވެސް މިނިވަން ނޫސްވެރިކަމަށް ޖާގަ ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތް ފެށިގެން އައީ ވެސް، ދިވެހި ނޫސްވެރިކަމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދެމުން ކަމަށާއި، ދިވެހި ނޫސްވެރިކަމުގެ ހަޔާތުން 75 އަހަރު ފާއިތުވެގެން ދިޔައިރު އޭގެ ތެރެއިން ދިގު މުއްދަތެއްގައި ދިވެހި ނޫސްވެރިކަން އޮތީ ސަރުކާރު ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިސަރުކާރުން އެކަން ބަދަލުކުރައްވާނެ ކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ފަހި މާހައުލެއް ތަނަވަސްކޮށްދީ، މިނިވަންކަމާ އެކު ޚިޔާލުފާޅުކުރެވޭނެ ވެއްޓެއް މި ސަރުކާރުން ނޫސްވެރިންނަށް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

"މިރޭ އަޅުގަނޑުމެން މި ފާހަގަކުރާ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި، ހުރިހާ ދިވެހި ނޫސްވެރިންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ތިޔަ ބޭފުޅުން މި ޤައުމުގެ ޙައްޤުގައި ކުރައްވަމުން ތިޔަ ގެންދަވާ ބުރަ މަސައްކަތުގެ އަގު، އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަން. ތިޔައީ ޖެހިލުން ކުޑަ، ހީވާގި، މުރާލި ބައެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ޒަމާނީ ޑިމޮކްރަސީތަކުގައި ވެސް ނޫސްވެރިކަން އޮންނަނީ ސެލްފް ރެގިއުލޭޓް ނިޒާމެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން ދިވެހި ނޫސްވެރިކަމަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތަކީ ނޫސްވެރިން އަމިއްލައަށް އެމީހުންގެ އިންތަކާއި މިންތައް ކަނޑައަޅައިގެން ކުރިއަށް ދިޔުން ކަމަށާއި އަޚްލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އުސޫލީ ހަމަތައް އެކަށައެޅުމަކީ ނޫސްވެރިންގެ އަމިއްލަ ޒިންމާއެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ފަހި މާހައުލެއް ގާއިމުވެގެން ދިޔައީ މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ހިސާބުން. އެހެންނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ނޫސްވެރިކަން އޮތީ މަރާލާފައި. ސަރުކާރުގެ ބިރުދެއްކުންތަކުގެ ސަބަބުން ނޫސްވެރިން ތިބީ އިންތިހާއަށް ކަންބޮޑުވެފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ނޫސްވެރިން ފަހައި ދުވެ ގާނޫނުތަކުގެ މަޅީގައި ނޫސްވެރިން ޖައްސާނެ ސަރުކާރެއް ނޫން ކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަކީ މި ސަރުކާރު ދެމިއޮތުމުގެ މައިބަދަކަމުގައި ވިދާޅުވި އެވެ.

"ނޫސްވެރިކަން ކުރިއަރުވައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ދެ ގާނޫނަކުން ދެ މުއައްސަސާއެއް މިހާރު ވެސް އުފައްދާފައި އެބައޮތް. ނަމަވެސް އެ ދެ މުއައްސަސާ މެދުވެރިކޮށް ސަރުކާރުން މިހާތަނަށް ކުރި ކަމަކީ ތަފާތު ކަންކަމުގައި ނޫސްވެރިން ކުށްވެރިކޮށް ނޫސްވެރިކަމުގައި އަނދަގޮނޑި ޖެހުން. ނާޖާއިޒު ގޮތުގައި ގާނޫނުތައް ބޭނުންކޮށް ނޫސްވެރިކަން ގައިދުކޮށް ހިފެހެއްޓުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް އެމަނިކުފާނު ސެލިއުޓް ކުރައްވާ ކަމަށާއި، ކުރީގެ ސަރުކާރުގެ ފަސާދަ އާއި ކޮރަޕްޝަންތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ނޫސްވެރިން ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރައްވާ ކަމަށެވެ.

"ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރާއިރު އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައިވާ ދެ ނޫސްވެރިއެއްގެ ހަނދާން އައުކުރަންޖެހޭ. އެއީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން. އަދި ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަ ޔާމީން ރަޝީދު،" މިހެން ވިދާޅުވުމާއެކު ރައީސްއަށް ކީރިތިކުރެއްވުނެވެ.

"މި ދެ ނޫސްވެރިން އަޅުގަނޑުމެންނާ ވަކިވުމަކީ، ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. ހިތްދަތިކަމެއް. އެއީ މި ސަރުކާރުން އަޅާނުލައި ދޫކޮށްލާނޭ ދެ މައްސަލައެއް ނޫން. އެކަންކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި މިވެރިކަމުގެ ފުރަތަމަ ދުވަހު އަޅުގަނޑު ވާނީ 'މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން'ގެ ނަމުގައި ކޮމިޝަނެއް އުފައްދާފައި. އިރާދަކުރެއްވިއްޔާ އެ ކޮމިޝަންގެ އެހީތެރިކަމާ އެކު އެ ދެ މައްސަލައިގެ ހަގީގަތާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އެއް އަސާސް ކަމަށާއި މި ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާ އެކުގައި ކަމަށެވެ. އަދި މި ސަރުކާރު ކުރިއަށް ދާނީ ބިނާކުރަނިވި ފާޑުކިޔުންތަކާ އެކުގައި ކަމަށާއި، ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެމަނިކުފާނަށް މާ މުހިންމު ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.