އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވެ ވަޑައިގެންނެވި ހިސާބުންފެށިގެން ފާއިތު ތިން އަހަރުވެސް މެލަނިއާ ޓްރަމްޕް އަކީ މީޑިއާގެ އެންމެ ފަލަ ސުރުހީތަކުން ޖާގަ ހޯދާ އެންމެ ތަފާތު ފަސްޓްލޭޑީ އެވެ.

ގައުމުތަކަށް ވަޑައިގަންނަވާއިރު އާއި އެމެރިކާގައިވެސް ރަސްމީ ހައިސިއްޔަތުން ހަފްލާތަކަށް ވަޑައިގަންނަވާއިރު މެލަނިއާ ހެދުންތުރުކުރައްވާ ގޮތުންނާއި ދައްކަވާ ބައެއް ވާހަގަފުޅުތަކަށްވެސް މީޑިއާއިން ވަރަށް ބޮޑަށް ފާޑުކިޔައެވެ.

އެހެންނަމަވެސް މީޑިއާގެ ފާޑުކިއުންތަކަށް މެލަނިއާ ދިން ރައްދު ވަރަށް ތަފާތެވެ. މީޑިއާއިން ކިތަންމެ ވަރަކަށް ފާޑު ކިޔަސް އޭނާ ކަންތައް ކުރައްވާނީ އޭނާއަށް ފެންނަ ރަނގަޅު ގޮތަށް ކަމަށް މެލަނިއާ ވިދާޅުވިއެވެ.

ފޮކްސް ނިއުންސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ބުދަދުވަހު މެލަނިއާ ވިދާޅުވީ ބަޔަކުން އޭނާ ބަލައި ނުގެތްފާނެ ކަމަށް ނުވިސްނާ ކަމަށާއި، ކަންކަން ކުރަނީ އޭނާއަށް ގަބޫލުފުޅު ކުރެއްވޭ ރަނގަޅު ގޮތަށް ކަމަށެވެ.

"އަހަރެން ކުރަނީ އަހަންނަށް ރަނގަޅުކަމަށް ގަބޫލު ކުރެވޭ ކަންކަން، އެހެން މީހެއްގެ ޑިސްއެޕްރޫވަލް އެއް ލިބިދާނެތީ އަޅައެއް ނުލަން" މެލަނިއާ ވިދާޅުވިއެވެ.