​ހުޅުމާލެ ވަގުތީ މިސްކިތުގައި ހުކުރު ކުރުމަށް ހަމަޖައްސާފައިވާ ޚަތީބު ގަޑިޖެހުނު އިރުވެސް މިސްކިތަށް ހާޟިރު ނުވުމުން އެހެން މީހަކު ލައްވައި އިމާމުވެ ހުކުރުކޮށްފިއެވެ.

ހުޅުމާލޭގައި އަލަން މީހުން އާބާދުވި ސަރަހައްދުގައި، ހުޅުމާލެ ހޮސްޕިޓަލުގެ ފުރަގަހުން އޮތް ބިމުގައި ބިނާކޮށްފައިވާ ވަގުތީ މިސްކިތް މަސްޖިދުލް ފިޠުޔާގައި މިއަދު އިމާމުވެ ހުކުރު ކުރެއްވީ އައްޝައިޚު ޖައުފަރެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ރާއްޖޭގެ ހުކުރުކުރާ މިސްކިތްތަކުގައި ކިޔުމަށް ފޮނުއްވާފައިވާ ޚުޠުބާ އެމިސްކިތުގައި ނެތުމުން ޝައިޚް ޖައުފަރު ޚުތުބާ ވިދާޅުވީ އަމިއްލަ ފުޅަށެވެ.

ޚުޠުބާގައި ޝައިޚް ޖައުފަރު މައިގަނޑުގޮތެއްގައި ވާހަކަފުޅު ދެއްކެވީ ހުކުރު ޚުޠުބާ އަޑުއެހުމުގައި ޣާފިލް ނުވުމަށާއި، ޤިޔާމަތް ދުވަސް ހަނދުމަ ކުރުމަށާއި ކޮންމެ މީހަކުވެސް އެމީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މައްޗަށް ރައްކާތެރި ވުމުގެ މައްޗަށެވެ.

މީގެ އިތުރުން މިމަހުުގެ ފުރަތަަމަ ދުވަހު ފާހަގަކުރި އެއިޑްސް ދުވަހާއި، އެބައްޔާއި ގުޅޭގޮތުންވެސް ޝައިޚް ޖައުފަރު ޚުޠުބާގައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެބަލިން ރައްކާތެރިވުމަށްޓަކައި މާތް ﷲ ހަރާމް ކުރައްވާފައިވާ ފާހިޝް އަމަލުތަކާއި ދުރުވެތިބުމަށް ގޮވާލެއްވިއެވެ.

ހުޅުމާލެ މަސްޖިދުލް ފިޠުޔާގައި ހުކުރުކުރަން ހަމަޖެހިފައިވާ ޚަތީބު ގަޑިއަށް ނައުމުން އެމިސްކިތުގައި ހުކުރު ނަމާދު ފެށުނީވެސް ލަހުންނެވެ.

ެއެކަމާއި ގުޅިގެން އެމިސްކިތަށް ހުކުރަށް ދިޔަ ބައެއް މީހުން އެހެން މިސްކިތްތަކަށްވެސް ދިޔައެވެ.

މަސްޖިދުލް ފިޠުޔާއަކީ އެއްފަހަރާ 1000 މީހުންނަށް ހުކުރުކުރެވޭނެ ޖާގަ އޮތް މިސްކިތެކެވެ.