އިންޑިއަން ރުޕީސްގެ 100 އިން މަތީގެ ނޫޓުތައް ނޭޕާލްގައި ބޭނުންކުރުން މަނާކޮށްފި އެވެ.

އިންޑިއަން ރުޕީސްގެ 2000، 500 އަދި 200ގެ ނޫޓުތައް ނޭޕާލްގައި ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވަނިކޮށް ނޭޕާލް ސަރުކާރުން ވަނީ މި އަދަދުތަކުގެ ނޫޓުތައް އުވާލާފަ އެވެ.

ހިމާލިއާ ފަރުބަދަފަދަ ދުނިޔޭގެ މަގްބޫލު ފަރުބަދަތައް ގިނަ ނޭޕާލަކީ އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ޒިޔާރަތް ކުރާ ގައުމަކަށް ވާއިރު މި ފިޔަވަޅާ ގުޅިގެން ފަތުރުވެރިކަމަށް ބުރޫ އެރުން އެކަށީގެންވާ ކަމަށް މުރާސިލުން ދެކެ އެވެ.

ނޭޕާލްގެ ގިނަ ރައްޔިތުން ފަހަށް ފައިސާ ރައްކާކުރުމަށާއި ފައިސާގެ މުއާމަލާތްތައް ހިންގުމަށް އާންމުކޮށް ބޭނުން ކުރަނީ އިންޑިއަން ރުޕީސް އެވެ.

ނޭޕާލްގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ގޯކުލް ޕްރަސާދު ބަސްކޮތާ ވިދާޅުވީ ފަހަށް ރައްކާކުރާ ފައިސާ ގޮތުގައި އާއި އެހެނިހެން ބޭނުންތަކަށްވެސް އިންޑިއަން ރުޕީސް އަތުގައި ނުބެހެއްޓުމަށް މިހާރު އާންމުންނަށް އަންގަމުންދާ ކަމަށެވެ. އަދި 100 އަށްވުރެ ބޮޑެތި އަދަދުތައް ހުއްދައެއް ނެތި ގެންގުޅުމަކީ މަނާކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ގޯކުލް އިތުރަށް ވިދާޅުވީ އިންޑިއަން ރުޕީސްގެ 2000، 500، އަދި 200 ގެ ނޫޓުތައް އުވާލާއި، އެގައުމުގައި 100 އަށް ވުރެ މަތީގެ އިންޑިއަން ރުޕީސް ބޭނުން ކުރުން މަނާކޮށްފައިވާ ކަން ރަސްމީކޮށް ސަރުކާރުން ދާދި އަވަހަށް އިއުލާންކުރާނެ ކަމަށެވެ.