މިހާރު މިއޮތް ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި، އެހެންކަމުން އެކަންކަމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިލްސިލާކޮށް ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް ނިންމާފައިވާކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

މިހަރަކާތާއި ގުޅޭގޮތުން ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މިހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަރަކާތް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި ހަރަކާތްތައް ކުރިޔަށްގެންދާނީ މިކޮމެޓީން ކަމަށެވެ.

ކޮމެޓީގެ މެމްބަރުންނާއެކު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ މިހަރަކާތްތައް މިރޭ ޕީޕީއެމް އޮފީސް ކުރިމަތިން ފެށޭނެ ކަމަށާއި ކޮންމެ ރެއަކުވެސް މިހަރަކާތުގެ ތެރެއިން އެކިކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލުގެ އެންޑޯޒްމެންޓާއެެކު ކޮމެޓީގެ ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް ރޭވިފައިވާކަމަށް ނިހާން ވިދާޅުވިއެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހަރަކާތްތެެރި ވަމުންދާނެކަމަށް ނިހާން ވިދާޅުވިއެވެ.

މިހަރަކާތްތައް ކުރިޔަށްދާނެ ގޮތުގެ ތަފްސީލު ދެއްވަމުން ހަރަކާތް ކޮމެޓީގައި ހިމެނިވަޑައިގެންނަވާ މެމްބަރެއް ކަމުގައިވާ ރައީސް ޔާމީންގެ ތަރުޖަމާނުކަން ކުރައްވާފައިވާ އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، މިހަރަކާތްތައް ކުރިޔަށްދާނީ އެވަގުތެއްގައި ރައްޔިތުންގެ ކަންބޮޑުުވުން އެންމެ ބޮޑަށް އޮންނަ ކަންކަމުގެ މައްޗަށް ކަމަށެވެ.

"ރައްޔިތުންގެ ކަންބޮޑުވުން އޮތް ކޮންމެ ކަމަކަށް އަޅުގަނޑުމެންގެ މިހަރަކާތްތައް ވަނީ އަމާޒުކޮށްފައި. މިވަގުތަށް ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް މިއޮތީ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލިގެންދާ ދިޔުން. ދެން ހަމަ އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެބަހުރި ރައްޔިތުންނަށް ސަރުކާރަކުން ފޯރުކޮށް ދޭންޖެހޭ ކަންކަން ނެތިގެންދާނެ ހާލަތަކަށް ސިގްނަލް މިހާރު މިއޮތީ ލިބިފައި." މުއާޒު ވިދާޅުވިއެވެ.

މުއާޒުއާއި ކޮމެޓީގެ އެހެން މެމްބަރުން ފާހަގަކުރެއްވި މިކަންބޮޑުވުމަކީ ދާދިފަހުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދޭނެ ވަރަށް ދައުލަތުގައި ފައިސާ ނެތްކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަފުޅުތަކެވެ.

ހަރަކާތު ކޮމެޓީގެ މެމްބަރުން ވިދާޅުވާ ގޮތުން މުވައްޒަފުންނަށް މުސާރަދޭނެ ވަރު ދައުލަތުގައި ނެތްކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިނަމަވެސް އެފައިސާ ދައުލަތުގައި ހުންނާނެ ކަމަށާއި އެވަރަށް ފައިސާ ނެތްނަމަ އޭގެ މާނައަކީ މިސަރުކާރުން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަނީ ކަމުގައި ކަމަށެވެ. ފައިސާ ނެތްނަމަ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ނުކުރުމަށް ކޮމެޓީގެ މެމްބަރުން ގޮވާލެއްވިއެވެ.

މިހަރަކާތްތައް ފެށުމުގެ މަޤްސަދަކީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުުރުންތޯ ނޫސްވެރިން ސުވާލުކުރުމުން ކޮމެޓީގެ މެމްބަރުން ވިދާޅުވީ، ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރާ ކޮންމެ ފަހަރަކު ރައީސް ޔާމީނާއެކު ޕީޕީއެމްގެ މެމްބަރުން ދާނެކަމަށާއި ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. މައްސަލައަކީ އެހެން ކަންތައްތަކެއް ހިންގަމުން އެކަންކަން ފޮރުވުމަށް ރައީސް ޔާމީން ފުލުސް އޮފީހަށް އެކިނަންނަމުގައި ހާޒިރުކޮށް ސުވާލުކުރަން މަސައްކަތް ކުރަމުންދާ ދިޔުން ކަމަށެވެ.

މިކަންކަމަކީ ސަރުކާރުން ކުރާ ވަކި ކަންކަމެއްގެ ފޯކަސް ގެއްލުވާލަން ކުރާކަމެއް ކަމަށާއި މިހަރަކާތަކީ އެކަމަށް ފުރުސަތު ނުދިނުމަށް ކުރިޔަށްގެންދާ ހަރަކާތެއްކަމަށް ހަރަކާތް ކޮމެޓީގެ މެމްބަރުން ވިދާޅުވިއެވެ.

ޕީޕީއެމްގެ ހަރަކާތް ކޮމެޓީގެ މެމްބަރުން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ކާމިޔާބު ހަރަކާތްތަކެއް މީގެކުރިންވެސް ޕީޕީއެމްއިން ކޮށްފައިވާނެ ކަމަށާއި އެހެންކަމުން މިފަހަރު މިފަށާ ހަރަކާތްތައްވެސް ކާމިޔާބު ވާނެކަމަށެވެ.

ޕީޕީއެމްއިން ވަނީ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ބުނެ ސިލްސިލާކޮށް މުޒާހަރާތަކެއް މީގެކުރިން ކޮށްފައެވެ. އަދި ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމާއި ގުޅިގެންވެސް ޕީޕީއެމްއިން ވަނީ މުޒާހަރާކޮށްފައެވެ. މިމުޒާހަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތީގައެވެ.