ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާގައި މުހިއްމު ބިލްތަކަކަށް ވޯޓަށް އަހަން އޮއްވާ، ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންތަކެއް ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންވީ ގަސްދުގައި އެކަންކަން ފެއިލްކޮށްލުމުގެ ބޭނުމުގައި ކަމަށް ވާނަމަ އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ޖަލްސާއަށް ވަޑައިނުގެންނެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގެންނަވާ މެމްބަރުންގެ މައްސަލަ އޮންނަ އުސޫލުގެ ތެރެއިން ބަލަމުންދާ ކަމަށެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި އެމްއާރްއެމް އިންވެސް އެޕާޓީތަކުގެ ތެރެއިން ޖަލްސާއަށް ވަޑައިނުގަންނަވާ މެމްބަރުންގެ މައްސަލަތައް ބައްލަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ހަ މެމްބަރެއްގެ ކަންތައް އެކަން އަޅުގަނޑުމެން އެބަ ބަލަން ޕާލިމެންޓް ގްރޫޕްގެ ތެރެއިން. ބަލާފައި އެބޭފުޅަކު ގަސްދުގައި ފެއިލްކޮށްލުމަށް ކުރެއްވި ކަމެއް ކަމުގައިވާނަމަ އެބޭފުޅަކާ ދޭތެރޭގައި ޕާޓީގައި އެ އޮންނަ އުސޫލެއްގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނަން އަޅުގަނޑުމެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީންވެސް އެކަންކަން ކުރައްވާނެ. އެމްއާރްއެމް އަކީ އަދި ޕާޓީއެއް ނޫން. އެހެންނަމަވެސް އެއީ މޫވްމެންޓެއްގެ ގޮތުގައި ފެންނަމުން މިދަނީ އަދި. އެހެންވީމާ އެމްއާރްއެމް އިންވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަން ބައްލަވާނެ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކުވެސް ގައުމު އިސްކޮށްގެން ގައުމަށް ހުރި މުހިއްމު ކަންތައްތައް އިސްކޮށްގެން މަސައްކަތް ކުރަންޖެހޭނީ،" ރިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާގައި މުހިއްމު ތިން ބިލަކަށް ވޯޓަށް އަހަން އޮއްވާ، ގާނޫނީ އަދަދަށް މެމްބަރުން ވަޑައިނުގަތުމުން އެ ބިލްތަކަށް ވޯޓަށް ނާހާ، މަޖިލިސް ވަނީ ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ގޮސްފަ އެވެ. އެބިލްތަކަކީ ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާއި، ރިޔާސީ ކޮމިޝަންތަކުގެ ބިލާއި، ބާ ކައުންސިލް އުފެއްދުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ބިލެވެ.

މިޖަލްސާ އިދިކޮޅު މެމްބަރުން ވަނީ ބޮއިކަޓް ކޮށްފަ އެެވެ. މިޖަލްސާއަށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ 9 މެމްބަރަކު ހާޒިރުވެވަޑައި ނުގަންނަވަ އެވެ. އެއީ ޖުމްހޫރީ ޕާޓީގެ ހަ މެމްބަރަކާއި އެމްޑީޕީގެ ދެ މެމްބަރަކާއި އެމްއާރުއެމް އަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރެކެވެ.

މިޖަލްސާގައި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލްތަކަކަށް ވޯޓަށް އަހަން އޮތްކަން ހުރިހާ މެމްބަރުންނަށްވެސް އަންގާފައިވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ދިގުދަންމާލީވެސް ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ވަރަށް ގިނަ މެމްބަރުންނަކީ ހަމަ ޒަރޫރީ ބޭނުންތަކެއް ހުރި މެމްބަރުން. ދެން އިނގިވަޑައިގެންނަވާނެ ބައެއް ބޭފުޅުންނަކީ ޗުއްޓީ ދުރާލާ ރާވާ ބޭފުޅުން. ދެ ބޭފުޅަކު އުޅުއްވި އުމްރާގެ މަތިވެރި އަޅުކަމުގައިވެސް އަޅުގަނޑުމެންގެ ތެރެއިން. އެވެސް ހަމަ ވަރަށް ކުރިން ދުރާލާ ރާވާފައިވާ ބޭފުޅުން. ތިން ބޭފުޅަކު އުޅުއްވި ރަސްމީ ދަތުރުފުޅުގައި. މިހާހިސާބަށް އަޅުގަނޑުމެންނަށް ބެލިފައި އޮތްގޮތުން. އެހެންނަމަވެސް މަޖިލީހުގައި މުހިންމު ބިލްތަކެއް އޮތްކަމާއި އަންނަކަމާއި މިކަންކަން ހަމަ ހުރިހާ މެމްބަރުންނަށްވެސް އެންގިން ވަޑައިން ދެއްވުމަށް." ރިޔާޒު ވިދާޅުވި އެވެ.

ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާ މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ތިއްބެވީ މަޖިލިސް ދަތުރެއްގައި ރާއްޖެ އިން ބޭރުގަ އެވެ. އަދި އެހެން ބައެއް މެމްބަރުން ވެސް ތިއްބެވީ އަމިއްލަ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.