ކިޔަވައިދިނުމަކީ ފަސޭހަކަމެއް ނޫނެވެ. ބަޔަކަށް އެއްޗެއް އުނގަންނައި ދިނުމަކީ ހީކުރާ ވަރަށްވުރެ އުނދަގޫކަމެކެވެ. އެކަމަކު މިކަން ގަބޫލުކުރަނީ ކާކު ހެއްޔެވެ؟ މިކަމާ އެއްބަސް ވާނީ ކާކު ހެއްޔެވެ؟ ޔަގީނުން ވެސް މި ކަމުގައި އުޅޭ މީހުން މި ބަހާ އެއްބަސް ވާނެއެވެ. ނަމަވެސް މިއީ މާ ބުރަ ކަމެއްކަމަށް ބައެއް މީހުންނަކަށް ގަބޫލެއް ނުކުރެވެއެވެ. އެ މީހުންގެ ލޯތަކަށް ފެންނަނީ އަހަރެމެން މަސައްކަތްތަކުން ބައެކެވެ. ކަންފަތްތަކަށް އިވެނީ ދައްކާ ވާހަކަތަކުން ވެސް ބައެކެވެ. އަހަރެންނަށް ގަބޫލުކުރެވެނީ ހަގީގީ މުދައްރިސުން އެ އުފުލާ ބުރަ ވަޒަން ނުކުރެވެނީ އެހެންވެ ކަންނޭނގެއެވެ.

ކޮންމެ ގޮތަކަށް ގަބޫލުކުރެވުނަސް އަހަރެންގެ ހަޔާތުން ބައެއް މި ހޭދަވީ މުދައްރިސެއްގެ ގޮތުގައެވެ. ދަރިވަރުންތަކަކަށް ކިޔަވައި ދިނުމުގައެވެ. އެނގުނު އެއްޗެއް އެހެން ބަޔަކަށް އަންގައި ދިނުމުގައެވެ.

ފާއިތުވީ ހަތް އަހަރު، އަހަރެން ކުރި މަސައްކަތުން އަހަރެންނަށް ލިބުނީ ދެ އުފަލެކެވެ. އެއީ ބަޔަކަށް އުނގަންނައި ދިނުމުގެ އުފަލާއި އަހަރެންނަށް އާމްދަނީއެއް ލިބުމުގެ އުފަލެވެ. މި ދެ އުފާ ހާސިލުވަމުން ދިޔަ ނަމަވެސް މާ ބޮޑު ކުރިއެރުމެއް މި ކަމުގައެއް ނެތެވެ. މި ކަމަށް އައި މާ ބޮޑު ތަރައްގީ އެއްނެތެވެ.

ބައެއް އެކުވެރީން ބުނެއެވެ. ތިކަން ހުއްޓާލާފައި އެހެން ކަމެއް ފަށާށެވެ. އޭރުން ތިޔަ ދިރިއުޅުން މާ ތިޔާގިވާނެއެވެ. ވަގުތުގެ ބޭނުން މާ ހެޔޮކޮށް ހިފޭނެއެވެ.

ތެދެކެވެ. އަހަރެންނާ އެކު ކިޔެވި ބައެއް މީހުން ކުދި ފިހާރަތައް ހުޅުވައިފިއެވެ. އެކުގައި ކޯސްހެދި ބައެއް މީހުން ކިޔަވައިދިނުމުގެ ދާއިރާ ދޫކޮށް ބޮޑެތި މުއްސަނދިންނަށް ވެއްޖެއެވެ. އަހަރެން ހުރީ ހަމަ އެ ފެންވަރުގައެވެ. ދިރިއުޅުން އޮތީ ހަމަ އިއްޔެ މެންދުރުގައެވެ. މިކަމާ ކިތަންމެ ވަރަކަށް ވިސްނިޔަސް މި ދާއިރާއިން ދުރަށްދާކަށް ހިތެއް ނޭދެއެވެ. މިކަން ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ.

"ދެން ތިކަމާ ވިސްނިޔަސް ލިބޭނެ މޮޅެއް އެބަ އޮތްތަ؟ ނާޝިދު ބޭނުމެއް ނުވެއެއްނު ތި ދާއިރާ ދޫކޮށްލާކަށް. މަށަށް ޔަގީންވަނީ އެހެން ދާއިރާއެއްގައި އުޅުނުނަމަ މިއަށްވުރެ ތަނަވަސް ވާނެކަން" ގެއްލިފައި އިން ޚިޔާލުން އަހަރެން ނުކުންނަން މަޖުބޫރު ކުރީ އަންހެނުންގެ އަޑެވެ. އަހަރެންގެ މަސައްކަތަށް އެންމެ ބޮޑަށް ފާޑުކިޔާ އެކަކީ އަންހެނުންނެވެ. އަހަރެން އުޅޭލެއް ބުރަކަމާއި ލިބޭ އާމްދަނީ ކުޑަ ކަމުގެ ޝަކުވާ އެންމެ ބޮޑަށް ކުރަނީ ވެސް އަންހެނުނެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެހުނަސް، ފަހަށް ރައްކާކުރެވިފައިވާ މިންވަރެއް އަތުގައި ނެތުމަކީ އަންހެނުންގެ އެންމެ ބޮޑު ޝަކުވާއެވެ.

"ތިކަން އަހަރެންވެސް ގަބޫލުކުރަން. އެކަމަކު މި އޮތް ހުރިހާ ދުވަހަކު މިކަމުގައި އުޅެފައި މިކަމުން ދެން ދުރަށް ދިއުމުގެ މާނައެއް ނެތް. މިހާރު ވެސް މި އުޅޭ ގޮތަށް އިރާދަކިރެއްވިއްޔާ އުޅެވިދާނެއްނު. އެކަމަކު މިހާރު އެބަ ވިސްނަން އެހެން ގޮތަކަށް" އަހަރެންނަށް ލިބުނު ފުރުޞަތެއްގެ ވާހަކަ އަންހެނުންނާ ހިއްސާކުރަން ފުރުޞަތު ހޯދީމެވެ.

"އަނެއްކާ ކޮންގޮތަކަށް؟ ކީއްކުރަން ތި ވިސްނަނީ؟" އަންހެނުންގެ އަވަސް ސުވާލު އައިސް ކަންފަތުގައި ޖެހިގަތެވެ.

"މިހާރު މި ވިސްނަނީ މި ރަށު ކެންޕަހަށް ބަދަލުވާން. ގައިމު އޭރުން ލިބޭ އެއްޗެއް ތަންކޮޅެއް ބޮޑުވާނެ. މިހާރު މި އުޅޭލެއް ތަންކޮޅެއް ލުއިވާނެކަމަށް" އަހަރެން ވިސްނަމުން ދިޔަ ގޮތް އަންހެނުންނާ ހިއްސާކުރީމެވެ.

"ތިއެއް މަށަކަށް ނޭނގެ. މަށަށް އެނގެނީ ކިޔަވައި ދިނުމަކީ ބުރަ ކަމެއްކަން. ކިޔަވައިދޭ ކޮންމެ ތަނަކަށް ވަނަސް ނާޝިދަށް އުޅެން ޖެހޭނީ ތި ހާލުގައިކަން" އަންހެނުންނަށް ވިސްނޭ ގޮތް އަންހެނުން ހާމަކުރިއެވެ.

"ދެން ބަލަމާ ހިނގާ. ހަމަ ޔަގީނުން ވެސް ފޮތްތައް މާކުކުރާކަށް ނުހުންނާނު. އެހައި ބައިވަރު ކުލާސްތަކެއް ނަގާކަށް ނުޖެހޭނެ. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އޯޓީ ލިބޭނެ" އަންހެނުން ވާހަކަ ގަބޫލު ނުކުރެވޭ ބައެއް ކަންކަން އަހަރެން ހާމަކުރީމެވެ.

"ބަލަ ކޮންމެ ތަނަކަށް ވަންނަސް ތި ހުރިހާ ކަމެއް އޮންނާނީ ތިހެން. ދުވަސްކޮޅެއް ފަހުން ކެނޑޭ އެއްޗެއް އެ ކެނޑެނީ. ޓީޗަރެކޭ ދާރިސެކޭ މާބޮޑު ތަފާތެއް ހުންނާނެކަމަކަށް މަށަކަށް ގަބޫލެއް ނުކުރެވޭ. މަށަށް ގަބޫލުކުރެވެނީ އެންމެ ކަމެއް. އެއީ ބޮޑެތި މީހުންނަށް ކިޔަވައިދޭން ޖެހޭނަމަ ބޮޑަށް ތައްޔާރުވާން ޖެހޭނެކަން" އަންހެނުން ވިސްނާފައި ތައްޔާރުކޮށް ދޫކޮށްލި ޖުމުލައިން އަހަރެންގެ ސިކުނޑިއަށް ވިސްނިފައި ނެތް ކަމެއް ފެންމަތިވިއެވެ.

އެއީ ތެދެކެވެ. ޔުނިވަރސިޓީ ކޯސްތަކަށް ކިޔަވައިދޭނަމަ ތައްޔާރުވާން ޖެހޭ މިންވަރު އިތުރުވާނެއެވެ. އެކަމަށް ހޭދަވާ ވަގުތު ގިނަވާނެއެވެ. ނަމަވެސް އެއީ އަހަރެންނަށް ނުވާވަރު ކަމެއް ނޫނެވެ. އެކަން މިފަހަރު ކުރާނަމެވެ. ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފާނަމެވެ. ޔަގީނުންވެސް ބެލެނިވެރިންގެ ޝަކުވާތަކުން އޭރުން ސަލާމަތް ވާނެއެވެ.

ޔުނިވަސިޓީން ވަޒީފައި ހަމަޖެހިގެން ރަށު ކެންޕަހުގައި އަހަރެން ކިޔަވައިދޭން ފެށީމެވެ. އެ ތަޖުރިބާ ވީ ވަރަށް އުފާވެރި ތަޖުރިބާއަކަށެވެ. ދިރިއުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔަ ތަޖުރިބާއަކަށެވެ. ޔުނިވަރސިޓީއަށް ވަނުމަށް ކުރިން ލިބުނު ފުރުޞަތުގެ ބޭނުން ކުރެވުނު ނަމައޭ ވެސް ހިތަށް އެރިއެވެ.

ކިޔައިވައިދޭން އަހަރެންނަށް ޖެހުނީ ޓީޗަރުންގެ ކޯހަކަށެވެ. އަހަރެންނަށް ވުރެ ބޮޑެތި މީހުންނަށެވެ. އަހަރެންނާ އެއް ޢުމުރެއްގެ މީހުންނަށެވެ. ބޮޑެތި މީހުންނަށް ކިޔަވައިދޭން ޖެހުމުން ބައެއް ފަހަރު އުނދަގޫވި ނަމަވެސް އެކަމަށް ވެސް އަހަރެން ތައްޔާރުވީމެވެ.

-- ނުނިމޭ --