ސްރީލަންކާގެ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން އިގްތިސޯދު ބަލިކަށިވެ އެގައުމުގެ ތިން ބޭންކެއް ޑައުންގްރޭޑް ކޮށްފި އެވެ.

ޑައުންގްރޭޑް ކޮށްފައިވާ ތިން ބޭންކަކީ ބޭންކް އޮފް ސިލޯން، ހަޓަން ނޭޝަނަލް ބޭންކް އަދި ސަންޕަތް ބޭންކެވެ.

ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީން މި ތިން ބޭންކު ޑައުންގްރޭޑް ކޮށްފައިވަނީ ބީ2 އިން ބީ1 ގެ ދަރަޖަ އަށެވެ.

މިތިން ބޭންކުގެ ދަރަޖަ ދަށްކޮށް ފިޔަވަޅު އަޅާފައިވާ މި ދަނޑިވަޅަކީ ލަންކާގެ ގޯސްވެފައިވާ ސިޔާސީ މަޝްރަހާއި ގުޅިގެން ސޮވަރިން ރޭޓިން ދަށްވެފައިވާ ދަނޑިވަޅެކެވެ.

ބޭންކުތަކުގެ ހާލަތު ދަށްވި ކަމަށް ލަފާ ކުރެވޭ ދެ ކަމަކީ އިގްތިސޯދީ ހީނަރުކަން ކުރިމަތިވުމާއި ނޮން ޕާފޯމެންސް ލޯން އެކްޓިވިޓީސް އިތުރުވުން ކަމަށް ބެލެވެ އެވެ.

މޫޑީން ބުނީ ލަންކާގާޢީ އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގެ ފޮރިން އެކްސްޗޭންޖް ރޭޓާއި ފޮރިން ރިޒާވަށް އަންނަ ޕްރެޝަރު ވެސް އިތުރުވަމުންދާ ކަމަށެވެ.

މޫޑީން ބުނީ އަހަރެއްހާ ދުވަހު ހަރުދަނާ ކްރެޑިޓް ރޭޓިންއެއް އޮތުމަށްފަހު މިހާރު ބޭންކްތައް ހިންގުމަށް އެކަށީގެންވާ މާހައުލެއް ނެތުމުގެ ސަބަބުން ބޭންކް ތަކުގެ އެސެޓް ކޮލިޓީއަށާއި އަދި ބޭންކް ފައިދާއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ނޮން ޕާފޯމިން ލޯން ރޭޝިއޯ އިތުރުވަމުން އަންނަ އިރު އެ ރޭޝިއޯ މިދިޔަ އަހަރުގެ ނިމުނުއިރު ހުރިވަރާއި އަޅާ ކިޔާ އިރު އޮގަސްޓް 2018 އާއި ހަމައަށް ހުރީ 3.6 އިންސައްތައިގަ އެވެ. ޑިސެމްބަރު 2017 ގައި އެ އަދަދު ހުރީ 2.5 އިންސައްތައިގަ އެވެ.