ސައުދީ އަރަބިއްޔާގެ ދުވެލި މަޑުޖެހިފައިވާ އިކޮނޮމިކް ގްރޯތް ރޭޓް ހަލުވިކުރުމަށް 2019 ވަނަ އަހަރު 7 އިންސައްތައަށްވުރެ އިތުރަށް ދައުލަތުން ސްޓޭޓް ސްޕެންޑިންގެ ގޮތުގައި ހަރަދުކުރުމަށް ނިންމައިފިއެވެ.

އަންނަ އަހަރު ސްޓޭޓް ސްޕެންޑިން ނުވަތަ ދައުލަތުން ހޭދަކުރާ މިންވަރު އިތުރު ކުރުމަށް ނިންމިއިރު އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި ލިޔެކިއުންތައް ބުނާގޮތުން ސައުދީގެ އިގްތިސާދީ ދުވެލި މަޑުޖެހިލީ ތެލުގެ އަގު ދަށްކުރުމުންނެވެ.

އިގްތިސާދީ ދުވެލި ކުރިއެރުވުމަށް 2019 ވަނަ އަހަރު ދައުލަތުން 1.106 ޓްރިލިއަން ސައުދީ ރިޔާލް ނުވަތަ 295 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ސައުދީން ވަނީ ނިންމާފައެވެ.

ސައުދީ ސަރުކާރުން އިގްތިސާދީ ދުވެލި ހަރުދަނާކުރުމަށް އާ ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު މިއަހަރު 1.030ޓްރިލިއަން ސައުދީ ރިޔާލް ހަރަދުކޮށްފައިވެއެވެ.