ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ސިމް ކާޑު ދުކޮށް ބޭނުންކުރާ އަދަދު ވަރަށް ގިނަ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

ސައިރިކްްސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާބާދީ އުޅެނީ ފަސް ލައްކަ އަށްވުރެ ދަށުގައި ކަމަށް ވިޔަސް މިލިއަނަކަށްވުރެ ގިނަ ސިމް ކާޑު ރާއްޖޭގައި ބޭނުން ކުރާ ކަމަށެވެ. އެގޮތުން 450،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު ކޮންމެ މީހަކަށް ދެކާޑުގެ މަގުން ސިމްތައް ދޫކޮށް ބޭނުން ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔެ ތަރައްގީވެ ބަވަނަވަމުން އަންނައިރު އޭގެ އެންމެ އިސް ރޯލެއް އަދާކުރަނީ ޓެކްނޮލޮޖީ ކަމަށެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ވަނީ ޓެކްނޮލޮޖީއާ ގުޅިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގައުމުގެ ކުރިއެރުމަކީ ޒުވާނުން ކަމަށްވާތީ ތަރައްގީވަމުން އަންނަ ދުނިޔެއާ ރާއްޖެ އަރާ ހަމަވުމަށް ބޭނުންވަނީ ދާއިރާއިން ތަމްރީނު ލިބިފައިވާ ޒުވާނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ބޮޑު ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މިހާރު މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. އަދި ދާއިރާ ތަރައްގީވެ ނިމޭއިރު އިންޓަނެޓާއި އަދި މިނޫންވެސް ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ގިނަ ޝަކުވާތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.