ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ކަޅުވަކަރު މިސްކިތަކީ އަހަރެންނަށް ޚާއްޞަ މިސްކިތެކެވެ. އެ މިސްކިތް އަހަރެންނަށް ޚާއްޞަވާ އެތައް ސަބަބެއް އެބަ ވެއެވެ. އެންމެ ފުރަތަމަ ގެއާ އެންމެ ކައިރީގައި ހުންނަ މިސްކިތަށް ވުމެވެ. އަހަރެންގެ މަޑު ހިނގުމުގައި ވެސް ވިއްސަކަށް ފިޔަވަޅު އެޅުމުން މިސްކިތުގެ ހަރިންމަތެރެއަށް ވަދެވެއެވެ.

އެ މިސްކިތަށް އަހަރެން ދާންފެށީ، މިހާރުގެ ރަސްރަނި ބަގީޗާ ހުރި ހިސާބުގެ އިރު ދެކުނު ކަނުގައި 1980 ވަނަ އަހަރު އެ މިސްކިތް އަލުން ބެއްޓި ދުވަހުން ފެށިގެންނެވެ. އެ ދުވަހު މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަހަރެން ބައިވެރިވީމެވެ. މުހައްމަދު ޖަމީލުދީދީ އާއި އަބުދުﷲ ހަމީދުފަދަ ދައުލަތުގެ އިސްވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. މިސްކިތުގެ ހަރިންމަތެރޭ ބޭއްވުނު އެ ރަސްމިއްޔާތުގައި ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅު އަޑުއަހަން އަހަރެން ވެސް ހުރީމެވެ. އެ ވާހަކަތަކަށް އެ ދުވަހު ހިތުން ތަޢުރީފު ކުރި އެކަކީ އަހަރެންނެވެ.

އޭރުވެސް އަހަރެން ގަބޫލުކުރާ ގަބޫލުކުރުމެއް އޮތެވެ. އެ މިސްކިތް ވިއްކައިލެވިގެން ނުވާނެއެވެ. އެ ތަރިކަ ދޫކޮށްލެވިގެން ނުވާނެއެވެ. ބާޒާރުގައި ގަނެވިއްކާ މުދަލަކަށް އެ މިސްކިތް ވެގެން ނުވާނެއެވެ. އަހަރެން އެންމެ ބޮޑަށް ކަންބޮޑުވީ ފަރަންޖީއެއްގެ މިލްކަކަށް އެ މިސްކިތް ވުމުންނެވެ. އެތައް ބައެއްގެ ހިތުގެ ނުރުހުމާއެކު ކީ ނީލަން އެންމެ 9715 ރުފިޔާ 26 ލާރިއަށް އޮސްޓްރޭލިޔާގެ ވޭން ރީޑް ކިޔައި މަހުޖަނަކު ކާމިޔާބު ކުރުމުންނެވެ. އަހަރެންގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ޒުވާން ލޭ ކެކިގަތީ އެހިސާބުންނެވެ. އަޅުކަން ކުރަމުން ދިޔަ ދުވަސްވީ މިސްކިތެއް މާލޭން ބޭރުކުރުމުންނެވެ. ދިވެހިންގެ ވެރިރަށުގައި ހުރި މުގައްދަސް ބިނާއެއް ބިދޭސީއެއްގެ މިލްކަކަށް ހެދުމުންނެވެ. ނަމަވެސް އެ ނުތަނަސްކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފިނަމަ ވާނެ ގޮތް އަހަރެންނަށް އެނގެއެވެ. އެފަދަ ކަންކަމުން ލިބޭނެ އަނިޔާ އަހަރެންނަށް ވަނީ ކުރިން ތަޖުރިބާ ކުރެވިފައެވެ. އެ ހޫނުން އަހަރެން ވަނީ ފިހިފައެވެ. އެހެންވެ އެ ދިލައިން މަޖުބޫރުކުރީ އަހަރެންގެ ދޫ ތަޅާލާފައި ބޭއްވުމަށެވެ.

ދެން އިވުނީ މިސްކިތް ގަތް މަހުޖަނު، ހިންގަމުން ދިޔަ ރިޒޯޓުގައި އެ މިސްކިތް ބެހެއްޓި ވާހަކައެވެ. އެ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އަހަރެންކަހަލަ މީހުންނަށް ލިބުނެވެ. އެއަށްވުރެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ވެރިކަން ބަދަލުވެ، އަހަރެއް ނުވަނީސް މިސްކިތް އުފަން ފަސްގަނޑަށް އެ މިސްކިތް ގެނައުމުގެ މަސައްކަތް ފެށުމުންނެވެ. އެ މަސައްކަތުގައި ބައިވެރިވުމުގެ ނަސީބު އަހަރެންނަށް ލިބުނެވެ. އެކަމުގައި ޢަމަލީ ގޮތުން އަހަރެން ވެސް ބައިވެރިވީމެވެ.

މިސްކިތް އަލުން ހުޅުވުމުން އެ މިސްކިތަށް ގަވައިދުން ދާންފެށި އެކަކީ އަހަރެންނެވެ. ގެއާ ކައިރިވުމުން މާދުރަކަށް ހިނގާކަށް ނުޖެހެއެވެ. ކޮންމެ ވަގުތެއްގެ ބަންގި ގޮވާ އަޑުވެސް ރީތިކޮށް އިވެއެވެ. ފަތިސް ވަގުތު ވެސް މީހަކު ގޮވާކަށް ނުޖެހެއެވެ. އެ މިސްކިތު ބަންގީގެ އަޑުވީ އަހަރެންނަށް ލިބުނު ސޯނާ ގަޑިއަކަށެވެ.

އެ މިސްކިތަށް އަހަރެންގެ ހިތުގައި ޚާއްޞަ ލޯތްބެއް އުފެދުނެވެ. އެ މިސްކިތް މާލެއިން ބޭރުކުރުމުން ވީ ދެރައާއި އަލުން މާލެ ގެނައުމަށް ކުރެވުނު މަސައްކަތްތަކުގައި ހޭކުނު މީހެއްގެ ހައިސިއްޔަތުން ކުރެވުނު އުފާވެރި އިހުސާސްތަކުގެ ސަބަބުންނެވެ. އެހެންވެ އެނޫން މިސްކިތަކަށް އަހަރެން ދާހިތެއް ނުވިއެވެ.

އެ މިސްކިތަށް ވަންނަ ކޮންމެ ފަހަރަކު އެތައް އަހަރެއްގެ ކުރިއަށް އަހަރެން ގެންދެއެވެ. އެ ތަނުގެ މޮޅު ފަރުމާއަށް ތަޢުރީފު އޮއްސެއެވެ. ގަލުވަޑާމުގެ އެ ކެނޑުންތަކުން ޝޯޚުކުރުވައެވެ. މި ހުރިހާ ކަމަކާއެކު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އެ މިސްކިތުގެ ސާފުތާހިރު ކަމެވެ. ގޯތިތެރެ ކުނިކަހައިފައި އޮންނަލެއް ރީތިކަމެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ހައެއް ޖަހާއިރު މިސްކިތުގެ ގޯތިތެރެ ކުނިކަހަން އަންނަ މުސްކުޅި މާމަ އެކަން ގަވައިދުން ކުރަމުން ދިޔަ ކުރުމެވެ. ގޯތި ތެރޭގައިހުރި އުނިގަހަށް ފެންދީ އެ ގަސް ހެއްދުމަށް އެ މާމަ ކުރި ބުރަ މަސައްކަތެވެ.

އެއްދުވަހެއްގެ ހެނދުނެވެ. މިސްކިތުން އަހަރެން ފޭބިއިރު މިސްކިތު ގޯތިތެރެ ކުނިކަހަން އޮތީ އެހެން މީހެކެވެ. ބަލައިބެލުމަށް ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. އަހަރެންގެ ޝައުގުވެރިކަން އެ ޒުވާނާއަށް ދަމައިގެން ނަމަވެސް ނަފުސުގެ ކޮންޓްރޯލް އަހަރެން ހޯދީމެވެ. އަދި އެ މާމައަށް ވީގޮތް ބަލައިލާހިތްވިއެވެ.

"ކޮބާ؟ މި ތަން ކުނިކަހަން އަންނަ މާމަ؟" ކަރުކެހިލަމުން އެ މީހާއާ އަހަރެން ސުވާލުކުރީމެވެ.

"ވަރަށް ބޮޑަށް ބަލިވެ އުޅެނީ. އެހެންވެ ނާދެވުނީ" ކުޑަ ހާސްކަމަކާއެކު އެ މީހާ ޖަވާބު ދިނެވެ.

"ތިޔައީ އެ މާމަގެ ކާކު؟" އަނެއްކާ ވެސް އަހަރެން ސުވާލުކުރީމެވެ. ބޭނުމަކީ މާމަގެ އިތުރު މަޢުލޫމާތެއް ހޯދުމެވެ.

"އަހަރެންނަކީ ނަރީމާ. ތި ބުނާ މާމައަކީ އަހަރެންގެ މަންމަ. މިކަން ނުކުރެވިއްޖެނަމަ މަންމަ ވަރަށް ދެރަވާނެ. އެހެންވެ އަހަރެން މިކަން ކުރެވޭތޯ މި ބަލަނީ" އަހަރެންގެ ސުވާލަށް ނަރީމާ ޖަވާބު ދިނެވެ.

"މަންމައަށް ސަލާން ބުނެދޭތި. ބުނޭ މިސްކިތުން ދިމާވާ މީހާއޭ. އޭރުން މަންމައަށް އެނގޭނެ" އަހަރެން ބުނީމެވެ.

އެ ދުވަހަށް ފަހު ހަފުތާއެއް ވަންދެން މިސްކިތް ކުނިކަހަން އައީ ނަރީމާއެވެ. އެ ހަފުތާގެ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ނަރީމާގެ މަންމަގެ ހާލުއަހުވާލު އަހަރެން އަހަމެވެ. އެ ސުވާލު ވީ ނަރީމާއާއި އަހަރެންގެ ގުޅުން ބަދަހިވުމަށް ލިބުނު ތަޅުދަނޑިއަކަށެވެ. އެ ތަޅުދަނޑިން ހުޅުވުނީ ހަމައެކަނި އަހަރެން ދައްކަން ބޭނުންވި ވާހަކައެއް ނޫނެވެ. އަހަރެންގެ ހިތްވެސް އެ ތަޅުދަނޑިން ހުޅުވުނުފަދައެވެ. ލޯތްބޭ މިކިޔާ އެއްޗެއް ހިތުގައި ހަރުލި ފަދައެވެ. އެ މަސްތީ އިހުސާސް ހިތުގައި ބިންވަޅު ނެގުނު ފަދައެވެ.

އަހަރެން ނަރީމާއާ ރައްޓެހިވީމެވެ. ނަރީމާގެ މަންމަ ގާތުގައި އެ ވާހަކަ ދެއްކީމެވެ. އެ ގުޅުން ދާއިމީ ގުޅުމަކަށް ހަދައި ނަރީމާއާ ކައިވެނިކުރަން ތައްޔާރުވީމެވެ. އަހަރެންނާއި ނަރީމާގެ ކައިވެނި ވެގެން ދިޔައީ ނަރީމާގެ މަންމަގެ ހިތަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ މިސްކިތު ވަކަރަށް ވެފައިވާ އެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅަކީ ނަރީމާއެވެ. އުމުރުން 26 އަހަރުގައި އެ މަންމަ ކުރި ކައިވެނި ރޫޅި ދިޔައީ ނަރީމާ ލިބުނު ފަހުންނެވެ. އޭގެ ފަހުން ނަރީމާ ބެލީ އެ މަންމައެވެ. ބައްޕައެއްގެ އެހީތެރިކަމާ ނުލައެވެ. އިތުރު ކައިވެންޏެއް ކުރަން ނުކެރި އެ ވިސްނުމުގައި އެކަނިވެރިވެގެންނެވެ. ހިތުގައި އެޅި އެތައް ތަކުލީފަކާއި ވޭނެއް ތަހައްމަލުކުރަމުންނެވެ. އެ މަންމަ ހުރިހާ ކަމެއް ކުރީ، މިސްކިތު ކުނިކަހައިގެން ހެޔޮ އެދޭ މީހަކު ދެމުން ދިޔަ މުސާރައިންނެވެ.

މާގިނަ ދުވަސްތަކެއް ނުވެ، ނަރީމާ އަހަރެންގެ އަނތްބަކަށް ހެދީމެވެ. އެ ދުވަހަށްފަހު ނަރީމާއާއި އޭނާގެ މަންމަ ވެސް އުޅުނީ އަހަރެންގެ ގޭގައެވެ. އެ ހިތްދަތި މަންމަގެ މާޔޫސީ ހަޔާތުގައި ބާކީ އޮތްތަން ހިނިތުން ކުރުވުމަށް އަހަރެންނަށް ކުރެވުނުހައި ކަމެއް ކޮށްދިނީމެވެ. މަންމަގެ ހަމައެކަނި މަސައްކަތަކީ މިސްކިތު ކުނިކެހުމެވެ. މަރުވުމާ ހަމައަށް ވެސް މަންމަ އެކަން ކުރިއެވެ. އެކަން ކުރާ ހިތުންނެވެ. މަންމަގެ ފަހުނޭވޭ ދިޔައީ ވެސް އެކަން ކުރަން ހުއްޓައެވެ. ހަމަ ކުއްލި މަރެއްގެ ގޮތުގައެވެ.

އޭގެ ފަހުން މިސްކިތު ގޯތިތެރެ ބަލަހައްޓަމުން އައީ އަހަރެންގެ އަންހެނުންނެވެ. އަންހެނުން އެކަން ކުރީ އޭނާގެ މަންމަގެ ހަނދާނުގައެވެ. އަހަރެންގެ މި ލޯބީގެ ރަމްޒެއްގެ ގޮތުން ވެސް މެއެވެ. އެއްވެސް އަގެއް ނަގައިގެނެއް ނޫނެވެ. ހަމަ ހިލޭ ސާބަހަށެވެ. ފިސާރި އުފަލުންނެވެ.

(ނުނިމޭ)