(29 ޑިސެމްބަރު 2018 އާ ގުޅޭ)

އޭގެ ފަހުން މިސްކިތު ގޯތިތެރެ ބަލަހައްޓަމުން އައީ އަހަރެންގެ އަންހެނުންނެވެ. އަންހެނުން އެކަން ކުރީ އޭނާގެ މަންމަގެ ހަނދާނުގައެވެ. އަހަރެންގެ މި ލޯބީގެ ރަމްޒެއްގެ ގޮތުން ވެސް މެއެވެ. އެއްވެސް އަގެއް ނަގައިގެނެއް ނޫނެވެ. ހަމަ ހިލޭ ސާބަހަށެވެ. ފިސާރި އުފަލުންނެވެ.

ކޮންމެ ދުވަހަކީ ވެސް އަހަރެންނަށް މުހިންމު ދުވަހެކެވެ. މުހިންމުވަނީ އަހަރެންގެ އުފާވެރި ޙަޔާތަށެވެ. އެ ހަޔާތުގެ މިސްރާބު ސީދާކޮށްދިން ސަމުގާއަކީ ކަޅުވަކަރު މިސްކިތެވެ. އަހަރެންގެ ދިރިއުޅުމުގެ ޚިޔާލު އުފަންވީ އެ މިސްކިތުގެ ހަރިންމަތެރެއިންނެވެ. ނަރީމާ އެކަން ދަތެވެ. އެކަން ގަބޫލުކުރިއެވެ. އެ ގަބޫލުކުރުމާއެކު އެއްވެސް ދުވަހެއް ވައްޓައިނުލައި ނަރީމާ އެ މިސްކިތް ކުނިކެހިއެވެ. މިސްކިތު ގޯތި ތެރޭ ހުރި އުނިމާގަހަށް ފެންދީހެއްދިއެވެ. އެ ގަހުން މާ ބިނދެ އޭގެ ވަސް ގެއާހަމައަށް ވެސް ގެނެސްދިނެވެ.

ފަހުން ފަހުން އަހަރެން ދާ ކޮންމެ ތަނަކުން އެވަސް ދުވާފަދައެވެ. ކޮޓަރި ތެރޭގައި ވެސް އެވަސް ހަރުލާފައި ހުންނަ ފަދައެވެ. އަހަރެންނަށް އެންމެ މީރުވަސް ދުވާ މަލަކީ އެއީއެވެ. މި ލޯބީގެ ހަނދާންތައް އާކޮށްދޭ ވަހަކީ ވެސް އެއީއެވެ.

އަހަރެމެންގެ ހަޔާތަށް 36 އަހަރު ފުރުނު ދުވަހެވެ. އުފާވެރި ހަނދާންތަކެއް އާލާކުރަމުން ދިޔަ ވަގުތެކެވެ. ނަމަވެސް ދެ މީހުންނަށް ވެސް ތިބެވުނީ ހުއްޓުން އަރާފައެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. އެތައް ހަނދާންތަކެއް ގުޅިފައިވާ މިސްކިތް އެހެން ތަނަކަށް ބަދަލުކުރާ ވާހަކަ ކަންފަތުގައި ޖެހުމުން ހީވީ ގައިން ބައެއް މަދުވިހެންނެވެ. ދިރިއުޅުމުގެ 36 އަހަރުގެ މާޒީން ބައެއް ގެއްލުނު ހެންނެވެ. ވީވެސް އެހެންނެވެ. ނަރީމާގެ މަސައްކަތުން ބައެއް ގެއްލުނީއެވެ. އާދަކޮށް ކޮންމެ ދުވަހެއްގެ ހެނދުނު މިސްކިތް ދޮށަށް ދިޔަ ދިއުން ނިމުމަކަށް އައީއެވެ.

ނަމަވެސް ކޮންމެ ދުވަހެއްގެ ހެނދުނު ހައެއް ޖަހާއިރު އެ މިސްކިތް ފެންނަ ހިސާބަށް ނަރީމާ ދެއެވެ. އެތަނަށް ގެންނަމުންދާ ބަދަލުތައް ބަލައެވެ. އެ ބަދަލުތަކުން ނަރީމާގެ ހިތުގެ ލޯބީގެ ދޮންވެލި ތުނޑިއަށް ބިންދަމުން ދިޔައީ އޭގެ ކުރިން ދުވަހަކުން ވެސް ޖަހާފައި ނުވާފަދަ ބޮޑެތި ރާޅުތަކެކެވެ. އެ ރާޅުތަކުގެ ގަދަ އޮޔާއެކު ދުލުން ބޭރުވަމުން ދިޔައީ ހުއްޓުމެއް ނެތް ޝަކުވާތަކެކެވެ. އެ ޝަކުވާތަކުގެ އަޑު އަހަނީ އަހަރެންނެވެ. އެ މިސްކިތް އެތަނުން ނެގީ ކީއްކުރަން ހެއްޔެވެ؟ އެތައް އަހަރެއް ވެފައިވާ އެ ބިނާ އެހެން ރަށަކަށް އެ ގެންދަނީ ކީއްވެ ހެއްޔެވެ؟ އެއީ ކާކުގެ ޚިޔާލެއް ހެއްޔެވެ؟ އެ މިސްކިތް އެތާ ބަހައްޓައިގެން އެ ކުރާކަމެއް ނުކުރެވޭ ހެއްޔެވެ؟ އެ މިސްކިތް ކުރީ ކޮން އުނދަގުލެއް ހެއްޔެވެ؟ ކަމެއް ވާއިރަށް އެ މިސްކިތް ނަގަން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އެތައް ފަހަރަކު ތަކުރާރު ކުރަމުން ދިޔަ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނުހޯދުނެވެ. އެ ސުވާލުތަކުން އަހަރެންގެ ލޮލަށް ޖަމާކޮށްދިނީ ކަރުނައެވެ. އެއީ މާޒީގެ އެތައް ހަނދާންތަކެއް ގެނެސްދިން ކަރުނައެވެ. އެއިން ކޮންމެ ތިއްކެއްގައި ވަނީ އަހަރެމެންގެ ލޯބީގެ ނިޝާންޖަހާފައެވެ. އެ ނިޝާން ފެންނަ ކޮންމެ ފަހަރަކު އަހަރެންނަށް ވެސް ރޮވެއެވެ. ގިސްލެވެއެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟ ނަރީމާއަށް ވިސްނައި ދޭނީ ކިހިނެއް ހެއްޔެވެ؟

ނަރީމާގެ ޝަކުވާތައް އިތުރުވެ އެ ވޭނީ ސަކަރާތުގައި ނަރީމާ މި ދުނިޔެއާ ވަކިވިއެވެ. ވަކިވީ ކަޅުވަކަރު މިސްކިތް އެންމެ ފަހުން ބަހައްޓާފައި ހުރި ތަނުން ނެގުމުން، ލިބުނު ހިތާމައިގައޭ ބުނާކަށް ނޭނގެއެވެ. އެނގޭކަމަކީ އެ ތާރީޚީ ތަރިކައަކީ ނަރީމާގެ ލޯބީގެ ރަމްޒެއްކަމެވެ. އެކަމުން ނަރީމާއަށް ލިބުނު ނުތަނަސްކަމަކީ ބޮޑުވެގެންވާ ވޭނެއްކަމެވެ. ދިރެމުންދިޔަ ލޯބީގެ ރަމްޒެއް ކުއްލިގޮތަކަށް ވީނުވީއެއް ނޭނގި ދިއުމުން ނަރީމާގެ ހަވާސް ތެޅިގަތްކަމެވެ. އެ ހަށިގަނޑުގެ ހުވާސް ހުއްޓުވިކަމެވެ. އެ ވަކިވުމުގެ ވިހައިގެ އަސަރު އަހަރެންގެ ހަށިގަނޑަށް ވެސް ކުރިކަމެވެ.

ޓީވީން ލައިވްކުރަމުން ދިޔަ ޕްރޮގުރާމް ނިމިގެން ދިޔައީ ޚިޔާލުގެ މާޒީއަކަށް އަހަރެން ގަންބާލާފައެވެ. އަދިވެސް ވިސްނެނީއެވެ. އެ ޚިޔާލުތަކުން ނުކުންނަން ބޭނުން ނުވަނީއެވެ. އަހަރެންނަށް ވެސް އަހަރެންގެ ޚިޔާލު ފާޅުކުރެވޭނެއެވެ. އެ މިސްކިތް ބަހައްޓާނެ ތަނަކާމެދު ޚިޔާލު ހުށަހެޅޭނެއެވެ. އެ ނިޔަތުގައި އަހަރެން ލިޔަންފެށީ ސިޓީއެކެވެ.

ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ތިޔަ ފެއްޓެވީ ގައުމީ މަސައްކަތްޕުޅެކެވެ. ބައްޕާފުޅު ވެރިކަމަށް ވަޑައިގެން ކުރެއްވި ފުރަތަމަ މަސައްކަތްޕުޅަކީ ވެސް ތިޔައެވެ. މި ފަހަރު ވެސް ކުރައްވަން ޖެހިވަޑައިގެންނެވި ފުރަތަމަ ކަމަކީ ތިޔައެވެ. ތިޔަ ކުރައްވާ މަސައްކަތްޕުޅަށް ޝުކުރާއި ތަޢުރީފު ހައްގެވެ. މިހިތަށް ވެރިވާ އިހުސާސްތައް ނުހަނު މައްޗެވެ.

މިނިސްޓަރެވެ. ތިޔަ ކަޅުވަކަރު މިސްކިތް އަޅުގަނޑަށް ވަރަށް ޚާއްޞައެވެ. ޚާއްޞަވީ އެ ބިނާއާ އަޅުގަނޑުގެ ޙަޔާތާ ވެސް ގުޅިފައިވާތީއެވެ. އަޅުގަނޑުގެ ދިރިއުޅުމުގެ ދަތުރު އެ މިސްކިތުން ފެށިފައިވާތީއެވެ. މިސްކިތް އެންމެ ފަހުން ބެހެއްޓި ތަނުގައި ބެހެއްޓީއްސުރެ ފާއިތުވީ ކޮންމެ އަހަރެއްގެ ކޮންމެ ދުވަހަކު ފަސް ފަހަރު އެ މިސްކިތަށް އަޅުގަނޑު އެރީމެވެ. އެއްވެސް ނަމާދެއް ނާޅަމެވެ. ކޮންމެ ދުވަހަކު އަޅުގަނޑުގެ އަންހެނުން އެ މިސްކިތު ގޯތި ތެރެ ކުނިކެހިއެވެ. އެއްވެސް ދުވަހެއް ވައްޓައެއް ނުލައެވެ. މިދައްކަނީ 13140 ދުވަހުގެ ވާހަކައެވެ. 36 އަހަރުގެ މާޒީގެ ވާހަކައެވެ. ނަމަވެސް އެއީ މާޒީއެވެ. އެ މާޒީން މިއަދު ލޮލަށް ޖަމާވަނީ ކަރުނައެވެ. އެ ހަނދާންތަކުން ހިތަށް ވެރިވަނީ ބުނެދޭން ނޭނގޭ ފުން އިހުސާސެކެވެ. އެ އިހުސާސްތަކުން ޒަޚަމު ނުވާ، އޭގެ ތަދުން ވޭންނާޅައި އެންމެ ގުނަވަނެއް، އެންމެ ނާރެއް ވެސް މިހަށިގަނޑަކު ނުވެއެވެ.

މިނިސްޓަރެވެ. އެ މައުޟޫ ބޭއްވީމެވެ. ނަމަވެސް ކަޅުވަކަރު މިސްކިތުގެ ވާހަކަ ބޭއްވޭކަށް ނެތެވެ. އެ ބިނާ ހުންނަން ޖެހޭނީ މާލޭގައެވެ. ފުރަމާލޭގައެވެ. އެ ބިނާ ނިސްބަތްވާ ބިމުގައެވެ. އޭގެ އުފަން ފަސްގަނޑުގައެވެ. އެ މިސްކިތްދެކެ، މާލޭގެ މި ފަސްގަނޑު ލޯބިވާ ވަރަށް ލޯބިވާނެ އެހެން ފަސްގަނޑެއް މި ރާއްޖެއަކު ނޯންނާނެއެވެ. އެ މިސްކިތާ ގުޅިފައިވާ އެހެން ބަޔަކު ވެސް ނުތިބޭނެއެވެ. އެ ތަރިކައިގެ ހަގީގީ އިހުސާސް ކުރެވޭނެ އެހެން ހިތްތަކެއް އެހެން ރަށްތަކަކުންނެއް ނުލިބޭނެއެވެ. ތަރިކައިގެ އިހުސާސަކީ ތަފާތު އިހުސާސެކެވެ. ތަރިކަ ދިރުވުމަކީ އޭގެ އިހުސާސް ދިރުވުމެވެ. ހަގީގަތް ދިރުވުމެވެ. އެ ހަގީގަތް ނީލަންކިޔާކަށް ނުޖެހެއެވެ. އެހެން ރަށެއްގެ މާއްދީ ވިސްނުމެއްގެ އޮށަކަށް އެ މިސްކިތް ހަދާކަށް ވެސް ނުޖެހެއެވެ. އެ މިސްކިތަށް ކުރެވުނު ވަރު ކުޑައެއް ނޫނެވެ. އެއްފަހަރު އޭގެ އަމިއްލަ ވަޒަނުން ވެސް ނެރެލެވިއްޖެއެވެ. ދެވަނަ ފަހަރަށް ވެސް ފުރުޞަތު ހުޅުވައިލެވިއްޖެއެވެ. ގުދުރަތުގެ ފުރިހަމަ އަތަކުން އެ ބިނާ އެ ހިމާޔަތް ކުރައްވަނީ ފަހެ ކީއްވެ ހެއްޔެވެ؟ ބޭނުން ތަނަކު ރާވާލެވޭ ގޮތަށް ހިމުން ކީލީގެ ކަޅުވަކަރުން ހަދާފައިވާ އެ ތަރިކައަށް އިހުމާލު މި ވަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

ދެރައެވެ. ވަރަށް ދެރައެވެ. މި މާލެއިން ބޭރަށް ކަޅުވަކަރު މިސްކިތް ހިނގައިދާނެތީ ކަންބޮޑުވެއެވެ. މިއީ ނާތަހުޒީބު ވިސްނުމެއް ނޫނެވެ. އަމިއްލަ އެދުން އިސްވެފައިވާ ވިސްނުމެއް ވެސް ނޫނެވެ. އެ މިސްކިތް މިއަދު އެ ރޮނީ ރެފިއުޖީއެއްގެ ދަރަޖަ ލިބިފައިވާތީއެވެ. އޭގެ ގުނަންތައް ވަކިވަކިކޮށް ބައިބައިކޮށްފައިވާތީއެވެ. އޭގެ މާހައުލުން ބޭރުކޮށްފާނެތީއެވެ. އެގޮތަށް މިންވަރުވެގެން ނުދިއުމަކީ އަޅުގަނޑުގެ އެދުމެވެ.

ސިޓީގެ ފަހު ޖުމުލައާ ހަމައަށް ދެވުނު އިރު އަހަރެންގެ އަތުގައި އޮތް ގަލަން ދޫވާހެން ހީވިއެވެ. ހާސްވާ ގޮތް ވީއެވެ. ހިތުގެ ތެޅުން އަވަސްވެ ނޭވާލާން އުނދަގޫވީއެވެ. ނަރީމާގެ މަތިން މާ ބޮޑަށް ހަނދާންވީއެވެ. އޭނާ އައިސް ބުނާ ކަހަލައެވެ. އަންނާށެވެ. ތިޔަ ތަނުގައި ހުރުމުގެ މާނައެއް ނެތެވެ. ލިބޭނެ އުފަލެއް ނޯންނާނެއެވެ. ހޯދޭނެ މޮޅުތަކެއް ނުހުންނާނެއެވެ. ތެދެކެވެ. ހިތް އެ ބުނަނީ ވެސް ރަނގަޅު ވާހަކަތަކެކެވެ. ނަމަވެސް ނަސީބަކީ ވެސް ނިޢުމަތެއްކަން ގަބޫލުކުރަން ޖެހެއެވެ. މިންވަރަށް އީމާންވާން ވެސް ޖެހެއެވެ. އަހަރެންނަށް ނަރީމާ ލިބުނެވެ. އެކުގައި 36 އަހަރު ފިސާރި ލޯބިން ހޭދަކުރެވުނެވެ. ނަރީމާގެ ދުނިޔޭގައި ކޮންމެ ދުވަހަކު އުނިމަލުގެ ވަހުން އަހަރެންގެ ރޫހު ތާޒާ ކޮށްދިނެވެ. އެ ހުރިހާ ކަމެއް ގުޅިފައިވަނީ ކަޅުވަކަރު މިސްކިތާއެވެ. މިއަދު އެ މިސްކިތް ބަހައްޓާން އަހަރެން އެދެނީ ސަލްޓަންޕާކު ތެރޭގައެވެ. ކުރިންވެސް ހުރި ތަނުގައެވެ. ހަމަ އެގޮތަށެވެ. އެއީ އަހަރެންގެ ލޯބީގެ ވެސް ރަމްޒެކެވެ.

(ނިމުނީ)