ސްޓާބަކްސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފެއްގެ ފިރިމީހާ އޭނާގެ އަންހެނުން މަސައްކަތް ކުރާ ކޮފީ ޝޮޕަށް އާންމުކޮށް އަންނަ ކަސްޓަމަރަކަށް ކިޑްނީ ހަދިޔާ ކޮށްފިއެވެ.

މިއީ ވޮޝިންޓަން ސްޓޭޓްގައި ހުންނަ ސްޓާބަކްސްގެ ބަރިސްޓާރއެއް އޭނާގެ ރެގިއުލާ ކަސްޓަމަރަކަށް ކޮފީގެ އިތުރުން ދިން ހަދިޔާއެއްގެ ވާހަކައެވެ.

ސްޓާބަކްސްއިން އާންމުކޮށް ހިދުމަތްހޯދާ ސިފައިންގެ ކުރީގެ މީހެއް ކަމަށްވާ ވިންސް ވިލާނޯއަށް އާންމުކޮށް ކޮފީތަށި ގެނެސްދޭ ބަރިސްޓަރއަކީ ނިކޯލް މެކްނީލްއެވެ. އެއް ދުވަހެއްގެ ހެނދުނު ވިލާނޯއަށް ކޮފީތަށި ގެނެސްދިން އިރު ފެންނަފެނުމުގައި ވިލާނޯ ބަލިކަމުގެ އަސަރު ނިކޯލްއަށް ފާހަގަ ކުރެވުނެވެ.

އެމެރިކާގެ އޮންލައިން ނޫހަކާ ހަވާލާދީ ވިލާނޯ ބުނީ ނިކޯލްއަކީ ތެދުވެރި، އޯގާތެރި އާ ކަންކަން ދަސްކުރާހިތްވާ މީހެއް ކަމަށެވެ. "އޭނާ އެހީ ކިހިނެތްހޭ ކަންކަން، ރަނގަޅު ދުވަހެއްހެން ހިޔެއް ނުވެއޭ" ވިލާނޯ ބުންޏެވެ.

އެދުވަހު ބަރިސްޓާއަށް އޭނާގެ ހާލުކިޔާދީ ކިޑްނީ ފެއިލްވަމުންދާ ކަމަށާއި، ދާދި އަވަހަށް ހަފްތާއަކު އެއްފަހަރު ޑައިލިސިސް ހަދަން ޖެހިދާނެ ކަމަށާއި، ދިރިހުރުމަށްޓަކައި މުޅިން އާ ކިޑްނީއެއް ބޭނުންވާ ކަމަށް ވިލާނޯ ބުންޏެވެ.

ވިލާނޯގެ ހާލު އެނގުމުން ތިން ދަރިންގެ މަންމައެއް ކަމުގައިވާ ނިކޯލް ގެއަށްއައިސް އޭނާގެ ފިރިމީހާ ޖަސްޓިން އާއި އެވާހަކަ ހިއްސާކުރިއެވެ.

"އަހަރެންގެ އަންހެނުން އެވާހަކަ ކިޔާދިން ވަގުތު އަހަރެން ހިތަށްއެރި އަހަރެން މިކަން ކުރާނީއޭ" ކިޑްނީ ހަދިޔާކުރި ޖަސްޓިން ބުންޏެވެ.

ޖަސްޓިން ކިޑްނީ ހަދިޔާކުރަން ނިންމި ހަބަރު ލިބުމުން ސިހުނު ކަމަށާއި، އަދި ނުވެސް ދަންނަ މީހެއް އޭނާގެ ފުރާނަ ސަލާމަތްކޮށްދޭން ތައްޔާރަށް ހުރި ކަމަށް ހިތަށްއެރި ކަމަށް ވިލާނޯ ބުންޏެވެ.

ޖަސްޓިންގެ ކިޑްނީއަކީ "ޕާފެކްޓް މެޗް" އެއް ކަމަށް ވުމުން ވިލާނޯ އާއި ޖަސްޓިން ސާޖަރީހެދީ މިދިޔަ މަހުއެވެ. ކިޑްނީ ބަދަލުކުރުމުގެ އޮފަރޭޝަން ކުރިޔަށް ގެންދިޔައީ 26 ޑިސެމްބަރު 2018 ގައި ޔުނިވަސިޓީ އޮފް ވޮޝިންޓަން މެޑިކަލް ސެންޓަރުގައެވެ.

މިސާޖަރީ ކާމިޔާބުވެފައިވާއިރު ވިލާނޯ އާއި އޭނާ އާންމުކޮށް ހިދުމަތްހޯދާ ސްޓާބަކްސްގެ ބަރިސްޓަރ ނިކޯލްގެ ފިރިމީހާ ޖަސްޓިންއަކީ މިހާރު ގާތް ދެރަހްމަތްތެރިންނަށްވެސް ވެއްޖެއެވެ.

ސާޖަރީ ހެދި ޑޮކްޓަރު ކެރީ މިނޭލީ ބުނީ މިއީ އިންސާނިއްޔަތުކަމުގައި ހުރި ކުޅަދާނަކަން ނުވަތަ އެ މިންވަރު ދައްކުވައިދިން ރީތި މިސާލެއް ކަމަށެވެ.