ޗައިނާގެ މުސްލިމުން އަމަލުކުރަން، ޗައިނާ ސަރުކާރުން ބޭނުންވާ އުސޫލުތަކަށް އިސްލާމްދީން ބައްޓަންކުރަން އާ ގާނޫނެއް ފާސްކޮށްފިއެވެ.

މިއީ، އިސްލާމްދީނުގެ އުސޫލުތައް ޗައިނާ ބޭނުންވާގޮތަށް ފައްތަން ކުރަމުންދާ މަސައްކަތުގައި ޗައިނާ ސަރުކާރުން އެންމެފަހުން އެޅި ފިޔަވަޅެވެ.

އަލަށް ފާސްކުރި ގާނޫނުގައި ކަނޑައަޅާފައިވަނީ، ޗައިނާއިން ކަނޑައަޅާ އުސޫލުތަކަށް ކުރިއަށްއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީން ބައްޓަން ކުރުމަށެވެ.

ޗައިނާ ސަރުކާރުގެ އިނގިރޭސިބަހުން ނެރޭ ނޫސް، ގްލޯބަލް ޓައިމްސްއިން ބުނެފައިވަނީ، ޗައިނާގެ އިސްލާމީ 8 އެސޯސިއޭޝަނާއި، ޗައިނާ ސަރުކާރުން ބައްދަލުކޮށް މަޝްވަރާކޮށް، އިސްލާމްދީނަކީ ސޯޝަލިޒަމްގެ އުސޫލުތަކާ އެއްފަދަ ދީނަކަށް ހެދުމާއި، އަދި ޗައިނާއަށް ފެތޭ ދީނަކަށް ހެދުމަށް ފިޔަވަޅުތައް އެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިފަދައިން ޗައިނާ ސަރުކާރާއެކު އެއްބަސްވެފައިވަނީ ޗައިނާގެ އިސްލާމީ ކޮން އެސޯސިއޭޝަންތަކެއް ކަމެއް ގްލޯބަލް ޓައިމްސްއިން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގެ ބައެއް ހިސާބުތަކުގައި އިސްލާމްދީނަށް އުޅުން އޮންނަނީ ވަރަށްބޮޑު މަނާކަމަކަށް ހަދާފައެވެ. އެގޮތުން، މުސްލިމުން ނަމާދުކުރަން ތިއްބައި ހިފައި ހައްޔަރު ކުރުމާއި، ރަމަޟާންމަހު ރޯދަ ހިފުމުން ހައްޔަރު ކުރުމާއި، ތުނބުޅި ބެހެއްޓުމުންނާއި، ބުރުގާ އެޅުމުންނާއި، މޫނުބުރުގާ އެޅުމުން މުސްލިމުން ހިފައި ހައްޔަރުކުރުން މިހާރުވެސް ކުރިއަށް ގެންދެއެވެ.

ޗައިނާގެ ރައީސްކަމަށް ޝީ ޖިންޕިންގ ވަޑައިގެންނެވި ފަހުން، އިސްލާމްދީނާއި، ބައިމަދު އެހެން ދީންތަކާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅުއްވަން ފަށްޓަވާފައި ވެއެވެ. އެގޮތުން، އެހެން ދީންތައް "ޗައިނާގެ އުސޫލުތަކަށް ފައްތަން" ވަރުގަދަ ކެމްޕެއިނެއްވެސް ހިންގަމުން ގެންދެއެވެ.

އދއިން ބުނެފައިވަނީ، ޗައިނާގެ އުއިޣުރު މުސްލިމުންގެ މިލިއަނެއްހާ މީހުން ޗައިނާއިން ގަދަކަމުން އިސްލާހީ ކޭމްޕްތަކަށް ލައިގެން ގެންގުޅެމުންދާ ކަމަށެވެ. އެގޮތުން، އެފަދަ ކޭމްޕްތަކުގައި އިސްލާމްދީނާ ދެކޮޅުހެދުމަށް މުސްލިމުންނަށް މަޖުބޫރުކުރުވުމާއި، ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ވަފާތެރިވުމަށް މަޖުބޫރު ކުރަމުން ގެންދާ ކަމަށެވެ.

ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަކީ އެއްވެސް ދީނެއް ގަބޫލުކުރާ ޕާޓީއެއް ނޫނެވެ. އެއްވެސް ދީނެއް ގަބޫލުކުރާ މީހަކަށް ސަރުކާރުގެ ވަޒީފާއެއްވެސް ނުދެއެވެ.

ޗައިނާ ސަރުކާރުން ބައިމަދު ނަސްލުތައް ނެތިކޮށްލުމުގެ ކެމްޕެއިނެއް ކުރަމުންދާ ކަމަށް ބުނެ، ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުންވެސް ގެންދެއެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓްގައި މިދިޔަ އަހަރުގެ އޯގަސްޓްމަހު ލިޔުނު ލިއުމެއްގައި ބުނެފައިވަނީ، ޗައިނާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ކެމްޕެއިނަށް ދުނިޔެ އަޅާނުލާ ތިބެވެން ނެތްކަމަށެވެ. ހާލަތު ވަރަށް ގޯސްކަމަށެވެ.

ޗައިނާ ސަރުކާރުން ގެންދަނީ އެގައުމުގައި ހުރި އިސްލާމީ ނިޝާންތައް ނަގައި، މިސްކިތްތަކުގެ ގުއްބުތައް ތަޅައި ތިރިކޮށް، ބައެއް ހިސާބުތަކުގެ މިސްކިތްތައް އެއްކޮށް ބަންދުވެސް ކުރަމުންނެވެ.

އޭއެފްޕީން ބުނެފައިވަނީ، ޗައިނާގައި އިސްލާމީ ސްކޫލްތައް ހިންގުމާއި، އަރަބި އަކުރު އުނގަންނައިދޭ ކްލާސްތައް ހިންގުންވެސް ޗައިނާ ސަރުކާރުން މިހާރު މުޅިން މަނާކޮށްފައިވާ ކަމަށެވެ. އަދި އިސްލާމްދީނާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ކުޑަކުދިން ބައިވެރިކުރުންވެސް މަނާކޮށްފައިވާ ކަމަށެވެ.

އެކަމަކު، މިހުރިހާ ކަމަކާ ޗައިނާ އިންކާރު ކުރެއެވެ. ބުނަނީ، ބައިމަދު ދީންތަކާއި ޘަގާފަތްތައް ޗައިނާ ސަރުކާރުން ހިމާޔަތްކުރާ ކަމަށެވެ.

އެކަމަކު، މިދިޔަ ހަފްތާގައި އެކަނިވެސް ޗައިނާ ސަރުކާރުންވަނީ ޔޫނާން ޕްރޮވިންސްގައި ހުރި މުސްލިމުންގެ ތިން މިސްކިތެއް ބަންދުކޮށްފައެވެ. މިކަން ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓް ކޮށްފައި ވެއެވެ.

މި މިސްކިތްތަކަކީ ޗައިނާއިން އެކަހެރިކޮށްފައިތބޭ އެގައުމުގެ ބައިމަދު ހުއީ ނަސްލުގެ މުސްލިމުން ބިނާކޮށްފައިވާ މިސްކިތްތަކެކެވެ. ޔޫނާން ޕްރޮވިންސް އޮންނަނީ މިޔަންމާއާ އިންވެގެންނެވެ.

ޗައިނާގެ އާބާދީގައި 23 މިލިއަން މުސްލިމުން ހިމެނޭ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކާއިރު، އެ އަދަދު އަސްލު ސާޅީ މިލިއަނަށްވުރެ ގިނަވާނޭ ކަމަށް ޗައިނާގެ މުސްލިމު ލީޑަރުން ވިދާޅުވެއެވެ.