މާލެ ސަރަހައްދުގައި ޓެކްސީ ކުރުމުގެ އަގު ކަނޑައެޅުމާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް ފޯރަމެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން އިންތިޒާމުކޮށްގެން ބޭއްވި މި ފޯރަމަކީ ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތްދޭ ފަރާތްތަކާއި އަދި އާންމުންގެ ޚިޔާލު ހޯއްދެވުމަށް ބޭއްވި ފޯރަމެކެވެ.

"ގްރޭޓަރ މާލޭ އޭރިޔާ ޓެކްސީ ފެއަރ ކަނޑައެޅުމަށް ޚިޔާލު ހޯދުމުގެ ފޯރަމް" މިނަމުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ފޯރަމް ފަށްޓަވައި ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، ބޭނުންފުޅުވަނީ ހުރިހާ ފަރާތްތަކެއްވެސް އަޑުތައް އައްސަވައި، ޚިޔާލު ހޯއްދަވައި އާންމު ރައްޔިތުންނަށްވެސް ފައިދާވާނެ ގޮތަކަށް ރަނގަޅު ބަދަލުތަކެއް ގެންނަވަން ކަމަށެވެ. އަދި މިކަން މި ކުރައްވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ވަރަށްބޮޑު އެއްބާރުލެއްވުމަކާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

މިރޭގެ ފޯރަމްގައި ގިނައިން ޚިޔާލު ފާޅުކުރީ، ޓެކްސީ ޑްރައިވަރުންނެވެ.

އެގޮތުން ގިނަ ޑްރައިވަރުން ފާޅުކުރި ޚިޔާލުތަކުގައި ބުނެފައިވަނީ، މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރަކަށް މިހާރު ނަގާ 100 ރުފިޔާ ބޮޑުނޫން ކަމަށެވެ. ސަބަބުތައް ކަމަށް ބައެއް ޑްރައިވަރުން ފާހަގަކުރީ، ޚިދުމަތާއި ތަކެތީގެ އަގުތައް މިހާރު ބޮޑުކަމެވެ.

އޭގެ އިތުރުން، މެއިންޓެނަންސްއަށް ކުރަންޖެހޭ ޚަރަދު ބޮޑުކަންވެސް ބައެއް ޑްރައިވަރުން ފާހަގަކުރިއެވެ.

ޓެކްސީތަކުން މިހާރު ނަގާ އަގާމެދު އާންމުން ޝަކުވާ ނުކުރާ ކަމަށާއި، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރަކަށް 100 ރުފިޔާ ނެގުމަކީ ދެފަރާތުން ގަބޫލުވާ އަގެއް ކަމަށްވެސް ބައެއް ޑްރައިވަރުން ޚިޔާލު ފާޅުކުރިއެވެ.

އެއް ޑްރައިވަރަކު ބުނީ، ސަރުކާރުން ސީދާ އަގެއް ކަނޑައަޅަންވީ ކަމަށާއި، އެކަމަކު މަގުތައް ފަސޭހަ ކޮށްލަދޭންވީ ކަމަށެވެ. މާލޭގެ ބައެއް މަގުތަކުގައި ވިޔަފާރިވެރިން ޕާކިންގ ޒޯންތައް ބަންދުކޮށް ބްލޮކްކޮށްގެން އުޅޭ އުޅުމަށްވެސް ހައްލު ހޯދައިދިނުމަށް ޑްރައިވަރަކު އެދުނެވެ.

މާލޭގައި ޓެކްސީ ދަތުރަކަށް ފަންސަވީސް ރުފިޔާ ނަގާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި، އެހެންކަމުން އަގަށް ބަދަލު ގެންނަންޖެހޭ ކަމަށް އެއް ޑްރައިވަރަކު ބުންޏެވެ. އަދި ތަކެތީގެ އަގުތަކަށް ބަލާއިރު މިހާރު ނަގާ އަގު ބޮޑު ނޫންކަމަށްވެސް ބުންޏެވެ.

މާލެއިން ޓެކްސީގައި ހުޅުމާލޭ ފެރީ ޓާމިނަލްއަށްގޮސް، ފެރީގައި ހުޅުމާލެއަށް ދިއުމަށްފަހު ޓެކްސީގައި ގެއަށްދިއުމަށް ބޮޑު އަދަދެއް ދޭންޖެހޭއިރު، މާލެއިން ސީދާ ޓެކްސީގައި ހުޅުމާލޭގެ ގެއާ ހަމައަށް ދިއުމަށް 100 ރުފިޔާ ބޮޑު ނޫންކަމަށްވެސް ބައެއް ޑްރައިވަރުން ބުންޏެވެ. ހަމަ އެއާއެކު ޓެކްސީތަކަށް އެއަރޕޯޓްގައި މަޑުނުކުރޭ މައްސަލަވެސް ނެގިއެވެ.