މޯލްޑިވިއަން އިން އަގު ހެޔޮ ކުރި އެތެރޭގެ އުދުހުންތަކުގެ ޓިކެޓް މިއަދުން ފެށިގެން ވިއްކަން ފަށައިފި އެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ބޮޑުކަމުގެ ޝަކުވާ އަކީ ރައްޔިތުން ކުރަމުންދިޔ ޝަކުވާއަކަށް ވާއިރު މިކަމަށް ހައްލެއް ހޯދައިދީ އަގުތައް ހެޔޮ ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

އައިލެންޑް އޭވިއޭޝަން އިން އަގުތަކަށް ގެނައި މި ބަދަލާއެކު މޯލްޑިވިއަން އިން ދަތުކުރާ މަންޒިލްތަކުގެ ދެކޮޅު ޓިކެޓްގެ އަގުތައް ވަނީ މިއަދުން ފެށިގެން ހެޔޮވެފަ އެވެ.

މޯލްޑިވިއަން އިން މިއަދުން ފެށިގެން މާލެ އާއި ހަނިމާދޫގެ ދެކޮޅު ދަތުރާއި މާލެއާއި ތިމަރަފުށީގެ ދެކޮޅު ދަތުރު އަދި މާލެއާއި ކައްދޫގެ ދެކޮޅު ދަތުރަށް ޓިކެޓް ވިއްކާނީ 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

އަދި މާލެއާއި އިފުރާއި ދެމެދުގެ ދެކޮޅު ދަތުރާއި މާލެއާއި ކުޑަހުވަދޫގެ ދެކޮޅު ދަތުރަށް ޓިކެޓް ވިއްކާނީ 1،500 ރުފިޔާއާއި 2،056 ފުރިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

މާލެއާއި ކޫއްޑޫ އަދި މާލެއާއި ކާޑެއްދޫގެ ދެކޮޅު ދަތުރަށް 1،652 ރުފިޔާއާއި 2،442 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ޓިކެޓް ވިއްކާއިރު މާލެއާއި ފުވައްމުލައް އަދި މާލެއާއި އައްޑޫ އަށް ދެކޮޅު ޓިކެޓް ވިއްކަނީ 1،698 ރުފިޔާއާއި 2،598 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

މާލެ އާއި އައްޑޫގެ ދެކޮޅު ދަތުރުގެ އަގު މީގެ ކުރިން ހުރީ 3،554 ރުފިޔާއަށެވެ.