ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ނަމުގައި އެއްވެސް ފްލެޓެއް ނުހުންނާނެކަމަށާ އިމްރާންގެ މާލީ ބަޔާނުގައި ހިމަނާފައިވާ ފްލެޓަކީ އޭނާގެ ފްލެޓެއްކަމަށް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް ވިދާޅުވެއްޖެއެވެ.

ރީމް މިހެން ވިދާޅުވެފައިވަނީ ޝައިޚް އިމްރާން އަބްދުﷲގެ މާލީ ބަޔާން އާންމުކުރެއްވިއިރު، މިނިސްޓަރުގެ މިލްކިއްޔާތުގައި އަގުބޮޑު ފްލެއްޓެއް ހުރިކަން ހާމަވުމާއި ގުޅިގެން، އެއީ ކިހިނެތް ހޯއްދެވި ފްލެޓެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފެށުމުންނެވެ.

އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް ވިދާޅުވީ އޭނާގެ އާއިލާގައި ތިބި ހަ ކުދިންނަށްވެސް ބައްޕަ ފުލެޓް ގަނެދެއްވާފައިވާކަމަށެވެ. އަދި އެ ފްލެޓްތައް ގަނެދެއްވާފައިވަނީ ބައްޕަގެ އަމިއްލަ ފައިސާއިން އެއްފަހަރާ ފައިސާ ދެއްކެވުމަށްފަހުކަމަށް ރީމް ވިދާޅުވިއެވެ. ރީމް ވިދާޅުވީ އޭނާގެ ކޮންމެ އެއްޗަކީ ފިރިކަލުން އިމްރާންގެވެސް އެއްޗެއްކަމަށާ އެހެންކަމުން މާލީ ބަޔާނުގައި ފްލެޓްގެ ވާހަކަ ޖަހާފައިވަނީ އެރިއޮޅުމަކުންކަމަށެވެ.

މީގެ އިތުރަށް އިމްރާންގެ މާލީ ބަޔާނުގައި، 50،000 ރުފިޔާގެ ސައިކަލެއް އެބަހުރިކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެއީވެސް ބައްޕަ އޭނާއަށް ގަނެދެއްވި އެއްޗެއްކަމަށް ރީމް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއްވަންދެން ޝައިޚް އިމްރާން ޖަލުގައި އޮންނެވުމަށްފަހު، މިނިވަންވެވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކުއެވެ. އެއާއިއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަމަށް އެމަނިކުފާނު ވަނީ އައްޔަންކުރައްވާފައެވެ. އެހެންކަމުން އިމްރާންގެ މާލީ ބަޔާނުގައި ހުޅުމާލެއިން އަގުބޮޑު ފްލެޓެއް ހުރިކަމަށް ހާމަވުމުން ގިނަ ބަޔަކު ވަނީ އެކަން ސާފުކޮށްދިނުމަށް ގޮވާލާފައެވެ. އަދި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބަށް ތާއީދުކުރާ ބައެއް ފަރާތްތަކުން މިކަން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހާމަކޮށްފައެވެ.

ޝައިޚް އިމްރާން އަބްދުﷲގެ އަނބިކަނބަލުން މަރިޔަމް ރީމްގެ ބައްޕައަކީ މަޝްހޫރު ވިޔަފާރި، އިމްނާ ޓްރޭޑްގެ ވެރިޔާއެވެ. ރީމްގެ ބައްޕަ ވިޔަފާރިކުރައްވާތާ ވަރަށް ގިނަ އަހަރުތަކެއްވަނީ ވެފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރީމްގެ ބައްޕަ ވަނީ އޭނާގެ ހަ ކުދިންނަށް ހަ ފްލެޓް އަދި ރީމްގެ ބައްޕައާއި މަންމައަށް އިތުރު ފްލެޓެއްވެސް ބައްލަވައިގެންފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ނަމުގައި އެއްވެސް ފްލެޓެއް ނުހުންނާނެކަމަށާ އިމްރާންގެ މާލީ ބަޔާނުގައި ހިމަނާފައިވާ ފްލެޓަކީ އަނބިކަނބަލުން ރީމްގެ ފްލެއްޓެއްކަމަށް އިމްރާންގެ އެންމެ ގާތްއެކުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފްވެސް ވަނީ ވިދާޅުވެފައެވެ. އިޔާޒްވެސް ވިދާޅުވީ ރީމްގެ އާއިލާގެ ހަ ބޭފުޅުންނަށް އެބޭފުޅުންގެ ބައްޕަ ފްލެޓް ގަނެދެއްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުންގެ މާލީ ބަޔާން ހާމަކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިސް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތް ދުވަސްތަކުގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ހުރިހާ މާލީ ބަޔާންތަކެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިއުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.