ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހާޒިރުކޮށް ސުވާލުކުރަން ޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށް އެކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ވިދާޅުވެއްޖެ އެވެ.

ވީޓީވީ ފަސްމަންޒަރު ޕްރޮގްރަމުގައި ވާހަކަދައްކަވަމުން އަހްމަދު އަސްއަދު ވިދާޅުވީ ކޮމިޝަނުން ބަލަމުންގެންދާ މައްސަލައެއްގައި ކޮންމެ މީހަކާ ސުވާލުކުރަން ޖެހުނު ނަމަވެސް އެކަން ކޮމިޝަނުން ކުރާނެ ކަމަށެވެ. އެގޮތުން ކޮމިޝަނަށް ހާޒިރުކުރަން ޖެހެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވީ ނަމަވެސް ކޮމިޝަނަށް ހާޒިރުކުރާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

އަސްއަދު ވިދާލުވި އެސެޓް ރިކަވަރި ކޮމިޝަނަކީ ވަކި ސިޔާސީ މީހެއްގެ ފަހަތުން ދުވާނެ ކޮމިޝަނެއް ނޫން ކަމަށެވެ. އެކޮމިޝަނުން މަސައްކަތް ކުރަނީ ގައުމުގެ މަސްލަހަތުގައި ކަމަށާއި މަސައްކަތް ހަވާލުކުރި ބައެއްގެ މަސްލަހަތުގައި ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އައްސަދު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިދާރާތަކުގައި ތިބި ބައެއްގެ ރުހުމާއި ހިތްހަމަޖެހުން ހޯދުމަށް މަސައްކަތްކުރާނެ ކޮމިޝަނެއް ނޫން ކަމަށެވެ.