އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައި ކުރިއަށްދިޔަ ޖަނާޒާއެއްގެ ތެރެއަށް އިންޑިއާ ސިފައިން ބަޑިޖެހުމުގެ ސަބަބުން 11 މީހުން ޒަޚަމްވެއްޖެއެވެ.

ޚަބަރު ލިބޭގޮތުގައި ޖައްމޫ އެންޑް ކަޝްމީރުގެ ޝޯޕިއަން ޑިސްޓްރިކްޓްގެ ސުގާންގައި މިއަދު ބޭއްވި ޖަނާޒާއަކީ، އިންޑިއާ ސިފައިންނާއި ކަޝްމީރުގެ މިނިވަންކަމަށް ހަނގުރާމަކުރާ މުޖާހިދުންނާ ދެމެދު މިދިޔަ ހޮނިހިރުދުވަހު ހިނގި ކުރިމަތިލުންތަކެއް އިންޑިއާ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ދެމީހުންގެ ޖަނާޒާއެވެ.

އިންޑިއާ ސިފައިން މަގުތައް ބަންދުކޮށްފައި އޮތުމާއެކުވެސް ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވިއެވެ.

އިންޑިއާ ސިފައިން ބަޑިޖަހާފައިވަނީ ޖަނާޒާއަށް އެއްވާ މީހުންގެ އަދަދު ގިނަވާން ފެށުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން، އަސްލު ވަޒަނާއި، ޝޮޓްގަން ޕެލެޓްގެ އިތުރުން، ޖަނާޒާގެ ތެރެއަށް އިންޑިއާ ސިފައިން ކަރުނަގޭސްވެސް ޖަހާފައި ވެއެވެ.

މިކަމާ ގުޅިގެން ޒުވާނުން ގެންދިޔައީ އިންޑިއާ ސިފައިންނަށް އޮށްގަލުން ހަމަލާތައް ދެމުންނެވެ.

އަނަޑޮލު ނޫސް އޭޖެންސީން ބުނެފައިވަނީ، ސިފައިން ބަޑިޖެހުމުގެ ސަބަބުން ޒަޚަމްވި ހަމީހަކު ޕުލްވާނާގައި ހުންނަ ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާދެމުން ގެންދާ ކަމަށެވެ. އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ މީހުންގެ ތެރެއިން އެކަކު ހާލު ސީރިއަސް ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގެ ކިބައިން ކަޝްމީރު މިނިވަންކުރުމަށް 1989 ވަނަ އަހަރުން ފެށިގެން މުޖާހިދުން ގެންދަނީ ހަނގުރާމަ ކުރަމުންނެވެ. މި ހަނގުރާމައިގައި ކަޝްމީރުގެ ގިނަ ރައްޔިތުން ތާއީދުކުރަނީ މުޖާހިދުންނަށެވެ.

ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިއާއި ޕާކިސްތާނުންވެސް ދައުވާކުރާއިރު، ކަޝްމީރު މިހާރުއޮތީ ދެގައުމުގެ ދެމެދުގައި ބައި ކުރެވިފައެވެ.

ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާއި އިންޑިއާ މިހާތަނަށް ތިން ހަނގުރާމަ ކޮށްފައިވާއިރު، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ޒުވާނުންނަށް ހަތިޔާރުދީ އެމީހުންނަށް ހަނގުރާމައިގެ ތަމްރީނުތައް ޕާކިސްތާނުން ދޭ ކަމަށް ބުނެ އިންޑިއާއިން ޕާކިސްތާނު ކުށްވެރި ކުރަމުން ގެންދެއެވެ. ނަމަވެސް ޕާކިސްތާނުން އެ ތުހުމަތު ދޮގު ކުރެއެވެ.

އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކަޝްމީރުގެ މުހާހިދުން ކުރަމުންދާ ހަނގުރާމައާއި، އާންމު ރައްޔިތުންގެ އުތުރިއެރުމާ ދެކޮޅަށް އިންޑިއާއިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް 70،000 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައިވަނީ، ފާއިތުވި ދިހަވަރަކަށް އަރުގެ ތެރޭގައި މިދިޔަ 2018 ވަނަ އަހަރަކީ އެންމެ ގިނަމީހުން މަރުވި އަހަރު ކަމަށެވެ.

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ގާނޫނުހަދާ މަޖިލީސް އިންޑިއާއިން މިހާރުއޮތީ ރުޅާލާފައެވެ. އެހެންކަމުން، ކަޝްމީރު މިހާރު އޮތީ ސީދާ އިންޑިއާގެ ރައީސްގެ ވެރިކަމުގެ ދަށުގައެވެ.

ކަޝްމީރަކީ އިންޑިއާގައި އޮންނަ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓެވެ.