ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ ކަޒުޔޯޝީ މިއުރާގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

ޖަޕާނުގެ ޤައުމީ ޓީމަށް ކުރީގައި ކުޅެފައިވާ މިއުރާއަށް އަންނަމަހު 52 އަހަރު ފުރޭނެއެވެ.

ފުޓުބޯޅައިގެ ދުނިޔޭގައި "ކިންގް ކާޒޫ"ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ މިއުރާއަކީ ޖަޕާނުގެ ޖޭ ލީގްގެވެސް އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ. އޭނާ ކުޅެނީ ޔޮކޮހޯމާ އެފްސީއަށެވެ.

މިއީ މިއުރާ ޕްރޮފެޝަނަލްކޮށް ފުޓުބޯޅަ ކުޅޭ 34 ވަނަ ސީޒަންއެވެ. "އަހަރެންނަށް ސަޕޯޓްކުރާ ހުރިހާ އެންމެންނަށްވެސް އަބަދުވެސް ޝުކުރުވެރިވަން. އަހަރެން ބޭނުމީ ވީހާވެސް ގިނަ މެޗެއްގައި އަހަރެންގެ ޓީމް ތަމްސީލުކޮށް، މޮޅު ކުޅުމެއް ދެެއްކުން." މިއުރާ ބުންޏެވެ.

2017 ވަނަ އަހަރު މިއުރާވަނީ ފުޓުބޯޅައިގެ ދުނިޔޭގައި އައު ރެކޯޑުތަކެއް ގާއިމްކޮށްފައެވެ. އެއީ، ޕްރޮފެޝަނަލް މުބާރާތެއްގައި ލަނޑުޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދުމެވެ. އަދި، އެންމެ ގިނަ ދުވަހު ޕްރޮފެޝަނަލް މުބާރާތްތަކުގައި ފުޓުބޯޅަ ކުޅޭ އެންމެ އުމުރުން ދުވަސްވީ މީހާގެ ޝަރަފުވެސް މެއެވެ. މިޝަރަފު މީގެކުރީން އޮތީ އިނގިރޭސި ކުޅުންތެރިޔާ ސްޓޭންލީ މެތިއުސްގެ އަތުގައެވެ.