އަމިއްލަ އޮފީހުގެ ވަޒީފާއަކަށް މީހަކު ހޮވުމަކީ ވެސް ބޮޑު ކަމެކެވެ. ދެ ފަހަރަކު އިއުލާނު ކޮށްގެން ވެސް ބިލާލު ހިތްހަމަ ޖެހޭފަދަ މީހަކު ނުހޯދުނެވެ. އޭނާގެ ވިސްނުމުގައި ރިސާޗް އެސިސްޓެންޓަކަށް ހުންނަންވާނީ ގޮތްހުރި، އިތުބާރު ކުރެވޭ، އެފަދަ ހުނަރުތައް ލިބި ހުރި މީހެކެވެ. ނަމަވެސް އެ ޝަރުތުތައް ފުރިހަމަ މީހަކު ބިލާލަކާ ދިމައެއް ނުވިއެވެ. ޑިގްރީ ނެގިޔަސް، މާސްޓަރސް ހެދިޔަސް އެއީ ބިލާލަކަށް މާ މުހިންމު ކަމެއް ހެނެއް ހިއެއް ނުވެއެވެ. އޭނާއަށް މުހިންމު ވަނީ އޭނާ ކުރާ ސުވާލުތަކަށް ދޭ ޖަވާބެވެ. ވަޒީފާ ބޭނުން ވެގެން އިންޓަވިއަށް އައި މީހުންނަށް އަރައި ނުގަނެވުނީ ބިލާލުގެ އެ ސުވާލުތަކުންނެވެ. ކިތަންމެ ކިޔަވައިގެން ހުއްޓަސް ބިލާލުގެ އެ ސުވާލުތަކަށް ޖަވާބު ނުދެވޭނަމަ އެއީ އެ މަގާމަށް އެކަށީގެންވާ މީހެއް ކަމަކަށް ބިލާލަކަށް ގަބޫލެއް ނުކުރެވެއެވެ. ކިޔަވައިގެން ތިބި ކިތަންމެ ބަޔަކު ބިލާލު ބޭނުން ނުވީ އެހެންވެއެވެ.

މިފަހަރު ވެސް އިންޓަވިއު ކުރަން އެ އިނީ ބިލާލެވެ. އޭނާގެ ކުރިމަތީ އެތައް ބަޔަކު ޖަވާބުދާރީވެ މަޢުލޫމާތު ހާމަކޮށްފިއެވެ. އެއިން ކޮންމެ މީހަކު ވެސް ނުކުމެގެން އެ ދަނީ ކޮންމެވެސް ވަރެއްގެ ނުރުހުމަކާ ވެސް އެކުއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެ ވަޒީފާއަށް އެ މީހަކު ޝަރުތު ހަމަ ނުވާކަން ފާޅުގައި ބިލާލު އެބަ ބުނެއެވެ. ބައެއް ފަހަރު ލަދު ވެސް ގަންނުވާލަނީއެވެ. ކުރާ ސުވާލަށް ޖަވާބުދޭން ނޭނގިއްޖެނަމަ ތިޔަ ފެންވަރުގެ މީހަކަށް މި ވަޒީފާ އެކަށީގެން ނުވާކަމަށް ވެސް ބުނަނީއެވެ. އެއީ ބިލާލުގެ މިޒާޖެވެ. އޭނާގެ ފާޑެވެ. ބައެއް މީހުން ބިލާލުދެކެ ހިތްހަމަ ނުޖެހެނީ ވެސް އެހެންވެގެންނެވެ. އޭނާއާ އެކުގައި މަސައްކަތް ކުރަން ބޭނުން ނުވަނީ ވެސް އެ ސަބަބާ ހުރެއެވެ. އެކަމަކު ވެސް ފައިސާ ހޯދަން ބޭނުން ވާނަމަ ބިލާލުގެ ގާތުގައި އުޅެގެން އެކަން ވާން އެބަ އޮތެވެ. އޭނާގެ އަތްމަތި ތަނަވަހެވެ. މުސާރަ ދިނުމުގައި ދީލައްޗެވެ.

ތިން ހަތަރު މީހުން ވަން ފަހުން އެ ކޮޓަރިއަށް އެ ވަނީ ޒުވާން އަންހެން ކުއްޖެކެވެ. އޭނާ ވަނުމާއެކު އިށީންނަންވީ ގޮނޑި ދެއްކުމަށް ފަހު އެ ޒުވާނާއާ ބިލާލު ހަތަރު ކަޅި ހަމަކޮށްލިއެވެ.

"އަމިއްލައަށް ތަޢާރަފު ވެލަންވީނު" ބިލާލު އެދުނީ ތަޢާރަފު ވެލުމަށެވެ.

"އަޅުގަނޑުގެ ނަމަކީ ފަރަހާ. އާމިނަތު ފަރަހާ. އަޅުގަނޑު ތަޢުލީމު ހާސިލު ކުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން. އެތަނުން ސެކަންޑްރީ ޓީޗިން ޑިގްރީ ހެދުމަށްފަހު ޓީޗަރެއްގެ ގޮތުގައި 8 އަހަރު މަސައްކަތް ކުރިން. އެއަށް ފަހު މާސްޓަރސް ހެދީ ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިން. އެންމެ ފަހުން މަސައްކަތް ކުރީ ޤައުމީ ދާރުލް އާސާރުގައި. ނަމަވެސް މިހާރު މި ހުރީ ހުސްކޮށް" ފަހަރާގެ ތަޢާރަފު އޭނާ ނިންމާލީ ހައެއްކަ ޖުމުލައިންނެވެ.

"ތި ނިމުނީ. އަހަރެންނަށް ގަބޫލުކުރެވެނީ ތަޢާރަފެއްގައި ހުންނަންޖެހޭ ސިފަތައް ތި ތަޢާރަފުގައި ނެތްކަމަށް. އެހެން ނަމަވެސް ކުރިއަށް ދަމާ ހިނގާ. ތި ބުނީ ދާރުލް އާސާރުގައި އުޅުނު ވާހަކަ. އެ ތަނުން ވަކިވީ ކިހިނެއްވެގެން؟ ނުވަތަ ވަކި ކުރީ ކީއްވެ؟" ބިލާލުގެ ދެވަނަ ސުވާލު އޭނާ ކުރިއެވެ.

"އަޅުގަނޑު ވަކި ކުރީކީ ނޫން. ވަކި ވީ. އެއީ އެ ތަނުގައި މަސައްކަތް ހުންނަ ގޮތުން ވަރަށް ގިނަ ފަހަރަށް ތާރީޚީ މަޢުލޫމާތު އެއްކުރުމަށް ރަށްރަށަށް ދާން ޖެހޭތީ. އެއީ ވަޒީފާ ދިން އިރު އެނގިފައި އޮތް ކަމެއް ނޫން. އެހެންވެ އަޅުގަނޑު އެދިގެން ވަކިކުރީ" މި ފަހަރު ވެސް ފަރަހާ ޖަވާބު ދާރީވީ ހިތްހަމަ ޖެހުމާއެކުއެވެ.

"އެތައް ބަޔަކާ ސުވާލު ކުރެވުނު އިރު ވަޒީފާއިން ކަނޑާލައިގެން އަންނަ މީހަކާ އަދި ދިމައެއް ނުވޭ. ކޮންމެ މީހަކު ވެސް ބުނަނީ ވަކިވީ ކަމަށް. ހަގީގަތް އެނގޭނީ ކަނޑާލި ފަރަތަށްތާ. ދެން ބުނެބަލަ؟ މިތަނާ މެދު މަޢުލޫމާތު ހުރީ ކިހައި ވަރަކަށް؟" ބިލާލުގެ މި ފަހަރުގެ ސުވާލަށް ފަރަހާ ހިނިތުންވެލިއެވެ. އެއަށްފަހު އޭނާގެ ވާހަކަ ފެށިއެވެ. އެ ވާހަކަތަކުން ބިލާލަށް ލިބެމުން ދިޔައީ ކޮންމެ ވެސް ވަރެއްގެ ހައިރާންކަމެކެވެ. އެހައި ގިނަ މަޢުލޫމާތު އެ ތަނާމެދު ފަހަރާއަށް އެނގިފައިވާތީއެވެ. ބިލާލުގެ މަސައްކަތް ފެށުނުގޮތާއި އެ މަސައްކަތުގައި ކުރިއަރައިދިއުމަށް ކުރި މަސައްކަތްތަކަށް ދަންދެން އަހަރުން އަހަރަށް އޭނާ ކިޔައި ދެމުން ދިޔައީތީއެވެ.

"އޯކޭ އެނގިއްޖެ. މޮމޮރީ ރަނގަޅުކަން ހާމަވެއްޖެ. އެކަމަކު އަދި ރިސާޗް މަސައްކަތްތަކަށް ކުޅަދާން މިންވަރު އަހަރެންނަކަށް ނޭނގޭ. ތާރީޚު އެނގުމަކީ އަދި ރިސާރޗް މަސައްކަތް ކުރަން އެނގުމެއް ނޫން. ރިސާޗްކުރަން އެނގޭކަން ދެތިން ޖުމުލައިން ބުނެލަދެވިދާނެތަ؟" އަނެއްކާ ވެސް ބިލާލު އިތުރު ސުވާލެއް ކުރިއެވެ.

"އަޅުގަނޑު ބައިވެރިވެގެން ތިން ރިސާޗެއް ހެދިން. ރިސާޗް މޮޑިއުލްއެއް ކިޔެވިން. އަދި ކިޔަވައި ވެސް ދިނިން" އެއްވެސް ޖެހިލުމެއް ނެތި ފަރަހާ ޖަވާބު ދިނެވެ.

"އެއްވެސް ރިސާރޗެއް ޝާއިޢުކޮށްފައިވާނެތަ؟" ފުރުޞަތުގެ ބޭނުން ހިފައި ބިލާލު އަނެއްކާ ވެސް ކުރީ އިތުރު ސުވާލެކެވެ.

"ނޫން. އަދި ނުކުރަން" ފަރަހާ ދިނީ ކުރު ޖަވާބެކެވެ.

"ރިސާރޗްގައި ބައިވެރިވިކަމަށް ވާނީ ރިސަރޗެއް ޝާއިޢުކުރެވުނީމާ. އެހެން ނޫނިއްޔާ ރިސާޗެއް ހެދިކަމަކަށް އަހަރެންނެއް ގަބޫލެއް ނުކުރަން. އެއީ އަދި ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ވެސް ނޫން" ފަހަރާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބިލާލު ވާހަކަދެއްކިއެވެ. އެ ވާހަކަތަކުގައި ވަނީ ބިލާލުގެ ހިތުގައި ހުރި ޚިޔާލުތަކެވެ. އޭނާގެ އެހީތެރިއަކަށް ނަގަން ބޭނުންވާ މީހާގެ ކިބައިގައި ހުންނަންވީ ސިފަތަކެވެ.

އެ ސިފަތައް ހުރި މީހަކު ހޯދި ދާނެ ހެއްޔެވެ؟ އެހައި މަމޮޅުވެގެން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އެހައި ބޮޑަށް އަނެކާ ލަދުގަންނުވާލަން އެ މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ ހަޖޫޖަހައި ޖޯކުޖަހައި ގޮތަށް ވާހަކަ އެ ދައްކަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އަނެކާ ދެރަކޮށްލުމަކީ ލިބޭ އުފަލަކީ ހެއްޔެވެ؟ ތިމާ ކުރިމަތީ އަނެކާ ރޮއްވާލުމަކީ ތިމާގެ މޮޅުކަން ހެއްޔެވެ؟ ފަރަހާގެ ހިތުގައި ކެކެމުން ދިޔައީ ނުތަނަވަސްކަމުގެ ސުވާލުތަކެކެވެ. ހިތް ހަމަ ނުޖެހުމުގެ ހައިޖާނުގަނޑެކެވެ. އެ ހައިޖާނުގަނޑުގައި އިންދާ ބިލާލުކުރީ އޭނާގެ އެންމެ ފަހު ސުވާލެވެ.

"މި ވަޒީފާއަށް ގާބިލުކަމަށް އަމިއްލައަށް ގަބޫލު ކުރަމުތަ؟"

"ނޫން. ނުކުރަން. ތިޔަ ބޭނުންވާ ހުރިހާ ޝަރުތެއް ފުރިހަމަ މީހަކު ނުހޯދޭނެ. އެކަމަކު ގަބޫލުކުރަނީ ތިޔަ ޝަރުތުތަކާ އެންމެ ގާތް ކުރަނީ އަޅުގަނޑުކަމަށް" ފަރަހާ މިފަހަރު ވެސް ދެއްކީ އޭނާގެ އިތުބާރެވެ. އެ އިތުބާރުން ބިލާލަށް ފާހަގަވީ ދެ ކަމެކެވެ. އެއްކަމަކީ ފަރަހާގެ ޖެހިލުން ކުޑަކަމެވެ. ދެވަނަ ކަމަކީ އިންޓަވިއުއަށް އޭނާ ތައްޔާރުވެފައި ހުރިމިންވަރެވެ. އެހެން ނަމަވެސް ދެ ތުންފަތް ފިއްތާލައި މޫނު ދެ ފަރާތަށް ހަލުވައިލައި ވަޒީފާ ހަމަޖެހޭ ފެންވަރު ނެތްކަމަށް ބުނެ ފަރަހާ ފޮނުވާލިއެވެ.

އިށީނދެ އިން ގޮނޑިން ފަރަހާ ތެދުވެ ޝުކުރު އަދާކުރުމުން ހިނގައިގަތެވެ. ފަރަހާ ހިނގައި ގަތުމާއެކު ބިލާލަށް ބަލައި ލެވުނެވެ. ސުވާލުތަކަށް ޖަވާބު ދޭން ކިތަންމެ މޮޅަސް އަދި މަސައްކަތަށް މޮޅު ނުވެދާނެއެވެ. ތައްޔާރުވެގެން އަންނަނަމަ ކޮންމެ މީހަކަށް ވެސް ސުވާލުތަކަށް ޖަވާބު ދެވިދާނެއެވެ. އެހެންކަމަށް ވާނަމަ އެހެން މީހުން ތައްޔާރު ނުވަނީ ހެއްޔެވެ؟ ބައެއް މީހުންނަށް ޖަވާބު ނުދެވިގެން އެދަނީ ކީއްވެ ހެއްޔެވެ؟

އެތައް ބަޔަކާ ބިލާލު އިންޓަވިއު ކުރިއެވެ. އެހެން ނަމަވެސް އެނާ ހިތްހަމަ ޖެހޭ މީހަކު ނުހޯދުނެވެ. އޭނާ ހަދަން ގަސްތުކުރާ ރިސާޗުގެ އެހީތެރިއެއްގެ ގޮތުގައި ނަގާނެ ކުއްޖަކު ނުހޮވުނެވެ.

ލިބިފައިވާ ގްރާންޓްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ދުވަސް އައިސް ޖެހިއްޖެއެވެ. ބިލާލަށް މަޖުބޫރުވީ ކޮންމެވެސް ކުއްޖަކު ހޮވާށެވެ. ނަމަވެސް ވަގުތީ ގޮތުންނެވެ. ހަމައެކަނި އެ ޕްރޮޖެކްޓަށެވެ. އެ މަސައްކަތަށެވެ.

ބިލާލު ނިންމީ އިންޓަވިއުކުރި ކުދިންތަކުގެ ތެރެއިން ކުއްޖަކު ހޮވާށެވެ. މާ ހަނދާން ގަދަ ނޫނަސް އިންޓަވިއުގައި ބައިވެރިވި އެކި މީހުންނާމެދު ބިލާލު ވިސްނަމުން ދިޔައެވެ. އެ މީހުންގެ ސިވީތައް ބަލަމުން ދިޔައެވެ. އެ ވިސްނުމުގެ ތެރެއިން ބިލާލުގެ ސިކުނޑިއަށް އައިސް ވަނީ ފަރަހާ އިންޓަވިއުގައި ބުނި ފަހު ޖުމުލައެވެ. ދެން އޭނާ ވިސްނީއެވެ. އެއީ ކާކުތޯ ޔަގީން ކުރާށެވެ. އެ ޖުމުލަ ހަނދާން ވީ ނަމަވެސް ސީދާ އެއީ ކާކުކަމެއް ހަނދާނަކަށް ނުގެނެވުނެވެ. އެ ސޫރަ ހިތަކަށް ނުވަނެއެވެ. އެންމެ ފަހުން ނޯޓް ގަނޑުކޮޅުތައް ނަގައިގެން އެކަން ޔަގީންކުރީއެވެ. އެއީ ފަރަހާކަން ހޯދީއެވެ.

ފަރަހާއަށް ފުރުޞަތު ދޭން ބިލާލި ނިންމިއެވެ. އެކަން ފަހަރާއަށް އެންގީ އޮފީސް ކުއްޖެކެވެ. ފަރަހާ އެ ފުރުޞަތާމެދު ވިސްނިއެވެ. އެ ފުރުޞަތު ބޭނުން ކުރާނީ ހެއްޔެވެ؟ ނަުވަތަ ދޫކޮށްލާނީ ހެއްޔެވެ؟ ފައިސާ ބޭނުންނަމަ އެ ފުރުޞަތުން އެކަން ހާސިލުވާނެއެވެ. ހިތްހަމަޖެހުން ބޭނުން ނަމަ އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ހަމައެކަނި އިންޓަވިއުއިން ވެސް ބިލާލުގެ މިޒާޖު ފަރަހާއަށް ވަނީ ފާހަގަ ކުރެވިފައެވެ.

(ނުނިމޭ)