ބޭންކް އޮފް ޗައިނާއިން ސްރީލަންކާއަށް 300 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް ހުށަހަޅައިފި ކަމަށް ސްރީލަންކާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ހަމަ އެއާއެކު، މި ލޯނުގެ މިންވަރު 1 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރު ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް، މިކަމުގެ ސީދާ މައުލޫމާތު ހުރި މަސްދަރަކުން ރޮއިޓަސްއަށް މައުލޫމާތު ދީފައިވެއެވެ.

ބޭންކް އޮފް ޗައިނާއަކީ ރައުސުލްމާލަށް ބަލާއިރު، ޗައިނާ ސަރުކާރުގެ ހަތަރުވަނައަށް އެންމެބޮޑު ބޭންކެވެ.

ސްރީލަންކާގައި ދާދިފަހުން ހިނގައިދިޔަ ސިޔާސީ އަރާރުންގަނޑުގެ ސަބަބުން އެގައުމުގެ ކްރެޑިޓް ރޭޓިންގްސް ވަރަށް ބޮޑަށް ދަށްކޮށްފައި އޮތުމުގެ ސަބަބުން ބޭރުގެ ފަރާތްތަކުން ލޯނު ހޯދުމުގައި ސްރީލަންކާއަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާތީ، ބޭންކް އޮފް ޗައިނާއިން މި ހުށަހެޅި ފުރުސަތުގެ ބޭނުން ހިފުމާމެދު ސަރުކާރުން ވިސްނަމުންދާ ކަމަށްވެސް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ބޭންކް އޮފް ޗައިނާއިން ހުށަހެޅި މި ލޯނާބެހޭ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުންވެސް އަދި ބޭންކް އޮފް ޗައިނާއިންވެސް ހާމަކޮށްފައި ނުވާތީ، މި މައުލޫމާތު މީޑިއާއާ ހިއްސާކުރި ފަރާތުން ނަން ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.

ސްރީލަންކާއިން ގެންދަނީ އެގައުމުގެ ބޭރުގެ ލޯނުދަރަނިތައް އަދާކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ސްރީލަންކާއަކީ ބޭރުގެ ދަރަނި ގަވާއިދުން އަދާކުރާ ގައުމެކެވެ.

މިއަހަރު ފެށުނުއިރު އެގައުމުން އަދާކުރަންޖެހޭ ބޭރުގެ ލޯނުދަރަނި އުޅެނީ 5.9 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. މީގެ ތެރޭގައި މިފެށުނު 2019 ވަނަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރަންޖެހޭ 2.6 ބިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.