ފިލްމުތަކުގައި ކުޅެފައިވާ މަންޒަރުތައް ދިރިއުޅުމުގައި ކޮޕީ ނުކުރާށެވެ. މިއީ މިހާރު ވަރަށް ގިނައިން އިވޭ ނަސޭހަތުގެ ބަސްކޮޅެކެވެ.

ފަހަކަށްއައިސް، މި ބަސްކޮޅު އަޑުއިވޭ މިންވަރު މިވަނީ އިތުރުވެފައެވެ. ޚާއްސަކޮށް، ނެޓްފްލިކްސްގެ އައު ފިލްމު "ބަރޑް ބޮކްސް" ޕްރިމިއަރ ކުރުމަށް ފަހުއެވެ.

މަޝްހޫރު އެކްޓްރެސް ސޭންޑްރާ ބުލޮކް އުޅޭ މި ފިލްމުން ފެނިގެންދަނީ، ކަނުބަނދެގެން ހުންނަ ސޭންޑްރާ ބުލޮކްއަކާއި ކުޑަ ދެކުދީން ކޯރެއް ހުރަސްކޮށް، ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރަން އުޅޭ މަންޒަރެވެ.

މި މިފިލްމު އާންމުވުމާއިއެކު، "ބަރޑް ބޮކްސް ޗެލެންޖް" ގެ ނަމުގައި މުޅީން އައު ކަމެއް މިވަނީ ފެށިފައެވެ. މިފިލްމުގެ މަންޒަރުތައް ކޮޕީކުރަން ގިނަ މީހުން މަސައްކަތް ކުރާން ވަނީ ފަށާފައެވެ. މި ޗެލެންޖާއި ގުޅިގެން އެތައް ބަޔަކަށް އަދި ޚާއްސަކޮށް ގިނަ އަދަދެއްގެ ކުޑަކުދީންނަށް ބޮޑެތި އަނިޔާތަކެއްވަނީ ލިބިފައެވެ.