ސިނަމާލެ ބްރިޖާއި، އެބްރިޖާ އިންވެގެންހުރި މަގުތަކުގައި ސީސީޓީވީ ކެމެރާއާއި، ސްޕީޑްކެމެރާ އަދި ރަތްބޮކި ދިއްލިފައިހުންނަ ވަގުތުތަކުގައި ހުރަސްކޮށްދާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެގޮތް ހެދުމަށް ބޭނުންކުރާ ރެޑްލައިޓްކެމެރާ ހަރުކުރުމުގެ އަމަލީ މަސައްކަތް ކައިރި މުސްތަގްބަލެއްގައި ފެށޭވަރު ވާނެކަމަށް ސްޕްރިޑެންޓް އޮފް ޕޮލިސް ހުސެން ސަމީރު ވިދާޅުވެއްޖެއެވެ.

ވީނިއުސްގެ އެގިދާނެތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޕްރިޑެންޑް އޮފް ޕޮލިސް ހުސެން ސަމީރު ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބްރިޖު އަދި ބްރިޖާއި އިންވެގެންހުރި މަގުތަކުގައި ހަރުކުރަން ނިންމަވާފައިވާ ސްޕީޑްކެމެރާ، ސާވެއިލެންސްކެމެރާ އަދި ރެޑްލައިޓްކެމެރާ ހަރުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ހުސެން ސަމީރު ވިދާޅުވީ، މިމަޝްރޫޢުގެ ސާރވޭކޮށްނިމި ބްރިޖް އަދި ބުރިޖާއި އިންވެގެންހުރި މަގުތަކުގައި ހަރުކުރަންބެނުންވާ ކެމެރާތަކުގެ ކޮލެޓީވެސް ބެލިފައިވާ ކަމަށާއި މިކަމަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެހުމުން އަމަލީމަސައްކަތްތަށް ފެށޭނެ ކަމަށެވެ. އަދި ސަރުކާރުގެ ތިރީސް ދުވަހުގެތެރޭގައި މި ވައުދާ ގުޅުންހުރި އިދާރީ މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ހުސެން ސަމީރު ވިދާޅުވީ، ބުރިޖާއި ބުރުޖާ އިންވެގެންހުރި މަގުތަކުގައި މަދުންނަމަވެސް ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތައް އުޅޭކަމަށާއި، އެހެންކަމުން މި ހަރުކުރެވޭ ކެމެރާތަކުގެ ސަބަބުން އެފަދަ ފަރާތްތައް ދެނެގަނެވި ފިޔަވަޅު އަޅަން ފަސޭހަވެގެންދާނެ ކަމަށެވެ.

އެގޮތުން ސްޕީޑްކެމެރާ ބޭނުންކޮށްގެން ގަވާއިދާ ޚިލާފަށް ދުއްވަާ ވެހިކަލްތަކުގެ ރަޖިސްޓަރީ ނަންބަރު އެގިގެންދާނެ ކަމަށާއި އެފަރާތްތަކަށް ފިޔަވަޅުއަޅާނެ ނިޒާމެއް އެކުލަވާލަމުން ދާކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

މާލެ-ހުޅުމާލެ ބްރިޖާއި، ބުރިޖާއި އިންވެގެން ހުރި މަގުތަކުގައި ސްޕީޑްކެމެރާ، ސާވެއިލެންސްކެމެރާ އަދި ރެޑްލައިޓްކެމެރާ ހަރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުގެ 100 ދުވަހުގެތެރޭގައި ހިމެނޭ "ރައްކާތެރިކަން" މިދާއިރާގެ ތެރެއިން ކުރަން ނިންމަވާފައިވާ ހަވައުދުގެ ތެރެއިން ވައުދެކެވެ.