މަޝްހޫރު އެކްޓަރ ލިއޮނާޑޯ ޑިކެޕްރިއޯއަކީ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ޖަނަވާރުތައް ހިމާޔަތްކުރުމަށް އަޑުއުފުލާ ފަރާތްތަކުގެ ލިސްޓުގެ އެންމެ ކުރީ ސަފުން ފެންނަ މޫނެކެވެ. ނަމަވެސް، އޭނާއަކީ ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވެފައިވާ ފަރާތެކެވެ.

އެއް ފަރާތުން ފެންނަނީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކެވެ. އަނެއްކޮޅުން ފެންނަނީ، އޭނާ ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މަންޒަރެވެ.

މައްސަލައަކީ ކޮބައިތޯއެވެ؟ މައްސަލައަކީ، ވައިގެމަގުން ކުރާ ދަތުރުތަކަކީ، ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުވާ ކަމަކަށް ވުމެވެ. އަދި ޑިކެޕްރިއޯއަކީ މިކަމާއި ދެކޮޅަށް ވަރަށް އަޑުހަރުކޮށް އަޑުއުފުލާ އެކަކެވެ.

ނަމަވެސް، މިހާރު މިވަނީ މުޅީން ތަފާތު މަންޒަރެއް ފެނިފައެވެ. ޕްރައިވެޓް ޖެޓުގައި ދަތުރުކުރުން ހުއްޓާލުމަށްފަހު، ޑިކެޕްރިއޯ މިވަނީ އެހެން މީހުންނެކޭ އެއްފަދައިން ކޮމާޝަލް ފްލައިޓުގައި ދަތުރުކުރަން ފަށާފައެވެ. 44 އަހަރުގެ އެކްޓަރު އެންމެފަހުން ފެނިފައިމިވަނީ އެމެރިކާގެ ނިއުޔޯކްގެ ޖޭއެފްކޭ އެއާޕޯޓުން ކޮމާޝަލް ފްލައިޓެއްގައި ދަތުރުކުރާ މަންޒަރެވެ. މިއީ، ތިމާވެށި ހިމާޔަތްކުރަން އޭނާ ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ގިނަބަޔަކު ގަބޫލްކުރެއެވެ.

2016 ވަނަ އަހަރުގެ އެކެޑެމީ އެވޯޑްސްގައި އޭނާވަނީ ތިމާވެށި ހިމާޔަތްކުރުމާ ބެހޭގޮތުން ޚާއްސަ ތަގުރީރެއް ދީފައެވެ. މިމަސައްކަތުގައި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބައިވެރިވުމަށް ގޮވާލާފައެވެ.

2014 ވަނަ އަހަރު ޑިކެޕްރިއޯވަނީ ޕްރައިވެެޓް ޖެޓުގައި 6 ދަތުރެއް ކޮށްފައެވެ. ތިމާވެށި ހިމާޔަތްކުރުމަށް އަޑުއުފުލުގެ މަސައްކަތް އޭނާ ފެށުމާއެކު، ޕްރައިވެޓް ޖެޓުގައި ދަތުރުކުރާތީ އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް، މިއަދު އެކަން މިވަނީ ބަދަލުވެފައެވެ.