އައިލެންޑްއޭވިއޭޝަނުން ހިންގާ ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ދީފިއެވެ.

ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްދެއްވީ އެކުންފުނީގައި ކުރިން ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި އަދި މިހާރު މިނިސްޓަރ އޮފް ސްޓޭޓްފޯރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަޤާމުގައި ހުންނެވި އަހުމަދު ޒުހެއިރެވެ.

މޯލްޑިވިއަންގެ ފަރާތުން ހުއްދައާއި ހަވާލުވެ ވަޑައިގެންނެވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ރިޒްވީއެވެ.

ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ދަތުރުކުރުން އިފްތިތާހްކޮށްދެއްވައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ އެއާޕޯޓަށް ރޭގަނޑު ފުލައިޓްތައް ޖައްސަން ފެށުމަކީ ތިމަރަފުށީގެ ރައްޔިތުންނަށާއި ރަށުގެ އިޤުތިޞާދަށް މަންފާކުރާނެ ކަމެއް ކަމުގައެވެ.

މިގޮތުން އެކަމުގެ ސަބަބުން އެރަށުގައި ގެސްޓް ހައުސްގެ ހިންގާ ފަރާތްތަކަށްވެސް ލުއިފަސޭހަކަން ލިބޭނެކަން ފާހަގަކުރެއްވިއެވެ.

ތިމަރަފުށީ އެއާޕޯޓު 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވިއިރު ފާއިތުވި 5 އަހަރުވެސް އެއެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓްތައް ދަތުރު ކުރަނީ ދުވާލުގެ ވަގުތުތަކުގައެވެ.

އަދި އެއާޕޯޓަށް ދަތުރު ކުރަނީވެސް ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓްތަކެވެ.

ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތިމަރަފުށީގެ ރައްޔިތުންގެ ފަރާތުން ވަނީ ހާއްސަ ސަޤާފީ ކުޅިވަރު ހަރަކާތްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.