އަމިއްލަ ފަރާތަކުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޕްރީސްކޫލްގައި މިއަހަރުގެ ޖުލައި ހިސާބުގައި ކިޔަވައިދޭން ފެށޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހުޅުމާލޭ ނެއިބަހުޑް ދޭއްގައި އަމިއްލަ ފަރާތަކުން ހަދާފައިވާ މިއިމާރާތް ހައުންސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

މި ސްކޫލް އިމާރާތް މީގެ ކުރިން ބޭނުންކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހެއްގެ ގޮތުގަ އެވެ.

މި ސްކޫލު އެޑިޔުކޭޝަނ ްމިނިސްޓްރީ އާއި ހަވާލުކުރުމަށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އިމާރާތަކީ ހުޅުމާލޭ ނެއިބަހުޑް ދޭއްގައި އަމިއްލަ ފަރާތަކުން ހުރިހާ ޚަރަދެއް ކޮށްގެން ހިލޭ ހަދައިދީފައިވާ އިމާރާތެއް ކަމަށެވެ.