އިންޑޮނޭޝިޔާ އަންހެނަކު ޕެޓެއްގެގޮތުގައި ގެންގުޅުނު ބޮޑު ކިނބުލެއް، އެ އަންހެންމީހާއަށް ހަމަލާދީ މަރާލުމަށްފަހު އަންހެންމީހާގެ ހަށިގަނޑުގެ އެއްބައި ކާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ނަމަވެސް، އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން މިކަން ހިނގައިގެން އުޅޭކަން ހާމަކޮށްފައިވަނީ އިއްޔެއެވެ.

އުމުރުން 44 އަހަރުގެ ޑިއެސީ ޓުވޯ ނަމަކަށްކިޔާ އަންހެންމީހާއަށް ކިނބޫ ހަމަލާދިނުމުގެ ހާދިސާ ހިނގާފައިވަނީ އިންޑޮނޭޝިޔާގެ ރަށެއް ކަމަށްވާ ސުލަވެސީގައެވެ.

މި އަންހެންމީހާއަކީ ސުލަވެސީގެ އުތުރުން މިނަހާސާ ނަމަކަށްކިޔާ ސަރަހައްދުގައި ހުންނަ ޕާރލް ފާމެއްގައި ހުންނަ ލެބޯޓަރީއެއްގެ އެންމެ އިސް ވެރިޔާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

ދިގުމިނުގައި 4.4 މީޓަރު ހުންނަ ކިނބުލަކީ އެ އަންހެންމީހާ ފެންގަނޑެއް ހަދައިގެން އޮޅުކޮށްގެން ގެންގުޅުނު ކިބުލެއް ކަމަށް ވެއެވެ.

ކިނބޫ ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ އަންހެންމީހާގެ ހަށިގަނޑު، އޭނާއާއެކު ލެބޯޓަރީގައި މަސައްކަތްކުރާ އެހެން މީހުންނަށް ފެނުނީ އެ ހާދިސާ ހިނގިދުވަހުގެ އަނެއްދުވަހު ހެނދުނުއެވެ.

އިންޑޮނޭޝިޔާގެ ކޮންޒަރވޭޝަން އޭޖެންސީން ވާހަކަ ދެއްކެވި ހެންޑްރިކް ރަންޑެންގަން ވިދާޅުވެފައިވަނީ، އަންހެންމީހާ ކިނބުލުގެ ވަކިތަކުގެ ދަށުވީ ކީއްވެގެންކަމެއް ބުނަން ނޭނގޭ ކަމަށެވެ.

މަންޒަރު ސިފަވާގޮތުން ކިނބޫ ބާއްވާފައިއޮންނަ ފެންގަނޑަށް ކޮންމެވެސް ގޮތަކުން އަންހެންމީހާ ވެއްޓުނީ ކަމަށް ބެލެވޭކަމަށާއި، ފުލުހުން އެ ހާދިސާގެ ތަހްގީގު އަށްވެސް ކުރިއަށް އެބަ ގެންދާކަމަށް ހެންޑްރިކް ވިދާޅުވިއެވެ.

ޑިއެސީ ޓުވޯ ޕެޓެއްގެގޮތުގައި ނުވަތަ އޮޅުކޮށްގެން ގެންގުޅުނު ކިނބުލަށް ދީފައިވާ ނަމަކީ "މެރީ"އެވެ.

ހެންޑްރިކް ރަންޑެންގަން ވިދާޅުވީ، ކިނބޫ އޮތީ އަންހެންމީހާގެ އެއްއަތްވެސް ކާލާފައި ކަމަށެވެ. އަދި އަންހެންމީހާގެ ބަނޑާވީ ފަޅިން ހަށިގަނޑުގެ ބޮޑުބައެއް ފެންނާންވެސް ނެތްކަމަށް ވިދާޅުވިއެވެ.

"ބެލެވޭގޮތުގައި އެބައިތައް މިހާރު ހުރީ ކިނބުލުގެ ބަނޑުތެރޭގައި" ހެންޑްރިކް ވިދާޅުވިއެވެ.

އިންޑޮނޭޝިޔާގެ އޮފިޝަލުން މިހާރުވަނީ އެ ކިނބޫ ހޭނައްތައިގެން އޭތި އޮތްތަނުން ނަގައި އެހެން ތާކަށް ގެންގޮސްފައެވެ.

މިކަމަށް ހިންގި އޮޕަރޭޝަނަށް ތިންގަޑިއިރު ހޭދަވި ކަމަށާއި، އެކަމުގައި ކޮންޒަރވޭޝަން އޮފިޝަލުންނާއި، ސިފައިންނާއި ފުލުހުންގެ އެތައްބަޔަކުވެސް ހަރަކާތްތެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިނބޫ ދެން ގެންދެވޭނީ ކިނބޫ ހިމާޔަތްކޮށްގެން ގެންގުޅޭ ޖަންގަލީގެ ސަރަހައްދަކަށް ކަމަށް މީޑިއާއިން ބުނެފައި ވީނަމަވެސް، ކިނބޫ މަރާލާނެކަމެއް ނުވަތަ ނޫންކަމެއްވެސް ބުނެފައެއް ނުވެއެވެ.

މީޑިއާއިން ބުނެފައިވަނީ، މަރުވި އަންހެންމީހާ އޮޅުކޮށްގެން ގެންގުޅުނު ކިނބުލަކީ ހުއްދަނޫން މަގުން ހޯދައިގެން ގެންގުޅުނު އެއްޗެއް ކަމަށެވެ.

އިންޑޮނޭޝިޔާއަކީ ބިންބޮޑު އަދި ޖަންގަލިތަކާއި ފަރުބަދަތައްވެސް ގިނަ، އެތައް ރަށެއްގެ މައްޗަށް އެކުލެވޭ ގައުމަކަށްވާއިރު، އެގައުމަކީ ޖަންގަލީގެ ތަފާތު އެތައް ޖަނަވާރަކާއި ދޫނިސޫފާސޫފި އުޅޭ ގައުމެކެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެހެން އެއްވެސް ހިސާބަކުން ނުފެންނަ ޖަނަވާރުތައްވެސް އުޅެއެވެ.

އިންޑޮނޭޝިޔާގައި އުޅޭ ދިރޭތަކެތީގެ ތެރޭގައި އާންމުކޮށް އިންސާނުންނަށް ހަމަލާދީ އިންސާނުން މަރާ ކިނބުލުގެ އެތައް ބާވަތެއްވެސް ހިމެނެއެވެ.