އުމުރުން 18 އަހަރުން ދަށުގެ ޒުވާނުންނާއި ކުޑަކުދިން ރޭގަނޑުގެ ވަކި ވަގުތެއްގެފަހުން ގެއިން ބޭރުގައި އުޅުން މަނާކުރުމަށް ވިސްނަމުންދާ ކަމަށް މެލޭޝިޔާ ސަރުކާރުން ބުނެފިއެވެ.

އެގޮތުން، އުމުރުން 18 އަހަރުނުވާ ޒުވާން ކުދިންނާއި އަދި ކުޑަކުދިން ރޭގަނޑުގެ ވަކި ވަގުތެއްގެފަހުން މަގުމަތީގައި އުޅުން މަނާކޮށް ކާފިއު ހިންގައި، އާއިލާގެ ބޮޑުމީހަކާ އެކުގައި މެނުވީ ގެއިން ބޭރުގައި ނޫޅެވޭގޮތް ހެދުމަށް ވިސްނަމުންދާ ކަމަށް ބުނެފައި ވެއެވެ.

މިއީ، ޒުވާން ކުދިންނާއި އަދި ކުޑަކުދިން ނޭދެވޭ އަމަލުތައް ހިންގުމުގައި ބައިވެރިވުމާއި އަދި އެފަދަ ކުދިންގެ މައްޗަށް އަންނަ ނޭދެވޭ ނުފޫޒުތަކުން ސަލާމަތް ކުރުމުގެ ގޮތުން އަޅަން ގަސްތުކުރާ ފިޔަވަޅެއް ކަމަށް މެލޭޝިޔާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިގޮތަށް ކާފިއު ހިންގުމުން، ޚާއްސަކޮށް މަސްތުވާތަކެތި ބޭނުންކުރުންފަދަ މައްސަލަތަކުން އެކުދިން ސަލާމަތް ކުރެވޭނޭ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.

އުމުރުން 18 އަހަރުން ދަށުގެ ޒުވާނުންނާއި ކުޑަކުދިން ރޭގަނޑުގެ ވަކި ވަގުތެއްގެފަހުން ގެއިން ބޭރުގައި އުޅުން މަނާކޮށް ކާފިއު ހިންގުމާމެދު މަޝްވަރާ ކުރެވުނީ، މަސްތުވާތަކެތި ނައްތާލުމާ ގުޅޭގޮތުން މެލޭޝިޔާ ސަރުކާރުން އެކުލަވާލާފައިވާ ކެބިނެޓް ކޮމިޓީގައެވެ. މި ކޮމިޓީގެ ރިޔާސަތުގައި އިންނެވީ މެލޭޝިޔާ ބޮޑުވަޒީރުގެ ނާއިބް ޑރ. ވާން އަޒީޒާ ވާން އިސްމާއިލްއެވެ.

ޑރ. ވާން އަޒީޒާ ވާން އިސްމާއިލް ވިދާޅުވީ، 18 އަހަރުން ދަށުގެ ޒުވާނުންނާ ދެކޮޅަށް ކާފިއު ހިންގުމާމެދު ސަރުކާރުން ސީރިއަސްކޮށް ވިސްނަމުންދާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، މަސްތުވުމަށްޓަކައި އެކި ޒާތްޒާތުގެ އެއްޗެހި ބޭނުންކުރުން، އެ އުމުރުގެ ކުދިންގެ މެދުގައި ރެކޯޑް އަދަދަކަށް މައްޗަށް ގޮސް އެކަމުގެ ސީރިއަސްކަން ބޮޑުކަމުންނެވެ.

އުމުރުން 18 އަހަރުން ދަށުގެ ޒުވާނުން ރޭގަނޑުގެ ވަކި ވަގުތެއްގެފަހުން ގެއިން ބޭރުގައި އުޅުން މެލޭޝިޔާއިން މަނާކޮށް ކާފިއު ހިންގަން ނިންމައިފިނަމަ އެގައުމަކީ މިކަންކުރާ ފުރަތަމަ ގައުމަށް ވެގެނެއް ނުދާނެއެވެ. އައިސްލޭންޑުންވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

"އަޅުގަނޑުމެން މިދަނީ އައިސްލޭންޑުން މިކަމުގައި އަމަލުކުރާ ސިޔާސަތު ބަލަމުން. މިއީ، އަޅުގަނޑުމެންނަށްވެސް ކުރެވިދާނެ ކަމެއް" މެލޭޝިޔާ ބޮޑުވަޒީރުގެ ނާއިބް އަޒީޒާ ވިދާޅުވިއެވެ.

ވާން އަޒީޒާ ވާން އިސްމާއިލް ވިދާޅުވީ، ޒުވާނުންނަށް ކާފިއު ހިންގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، އެހެންނަމަވެސް ނޭދެވޭ އަމަލުތައް ހިންގުމުން ޒުވާނުން ދުރުކުރުމަށްޓަކައި މިއީ ކޮންމެހެންވެސް ކުރާންޖެހިފައިވާ ކަމެއް ކަމަށެވެ.

އައިސްލޭންޑްގައި އަމަލުކުރަމުންދާ "ޗައިލްޑް ޕްރޮޓެކްޝަން އެކްޓް" ބުނާގޮތުން، ރޭގަނޑު 8:00 ގެ ފަހުން އުމުރުން 12 އަހަރުން ދަށުގެ ކުދިން އާއިލާގެ ބޮޑުމީހަކާ އެކުގައިމެނުވީ ބޭރުގައި އުޅުމަކީ މަނާކަމެކެވެ.

އުމުރުން 13 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން، އެކުދިން ކިޔަވާ ސްކޫލްގެ އިވެންޓެއް، ކުޅިވަރު އެސޯސިއޭޝަނެއްގެ އިވެންޓެއް ނުވަތަ ޔޫތު ކްލަބެއްގެ އިވެންޓެއް ނިމި، ގެއަށް ދިއުމަށްފިޔަވައި، ރޭގަނޑު 10:00 ގެ ފަހުން ގެއިން ބޭރުގައި އުޅުމަކީ މަނާކަމެކެވެ.

މިގާނޫނާ ޚިލާފްވާ ކުދިން ފުލުހުން މަގުމަތިން ހުއްޓުވައި ފުލުހުންގެ ސްޓޭޝަންތަކަށް ގެންދެއެވެ. މައިންބަފައިންނަށް ޖެހެނީ އެކުދިން ބަލައި ފުލުސް ސްޓޭޝަންތަކަށް ދާށެވެ.

އައިސްލޭންޑުން އަމަލުކުރާ ގާނޫނާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އެ ގާނޫނަކީ އދގެ ގައިޑްލައިންތަކާއި، ކުޑަކުދިންގެ އިންސާނީ ހައްގުތަކާ ޚިލާފް ކަމެއް ކަމަށްވެސް ބުނެއެވެ.