އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ ލީޑަޝިޕުން ވަކިވަކި މެންބަރުންނަށް ފާޅުގައި ކެމްޕެއިން ކުރި ކަމަށާއި، އެމްޑީޕީގެ އެތެރޭގެ ހިންގުން ބަދަލުކުރަންޖެހޭ ކަމަށް މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި 2019 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައި އަލީ ނިޒާރަށް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. އެމްޑީޕީގެ އެންމެ ހަރަކާތްތެރި އެއް މެންބަރު އަލީ ނިޒާރަށް އިންތިޚާބު ނާކާމިޔާބުވެވަޑައިގަތީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލް އާއި ވާދަކުރައްވައިގެންނެވެ. ނާޒިލް އަކީ އެމްޑީޕީގެ ޕްރައިމަރީގެ ތުޅާދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވި ގާނޫނީ ވަކީލް ހިސާން ހުސައިންގެ ފިރިކަލުންނެވެ.

މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަން މިހާރުވެސް ފުރުއްވަމުން ގެންދަވާ އަލީ ނިޒާރަށް ޕްރައިމަރީން ލިބުނު ނާކާމިޔާބީ އާއި ގުޅިގެން އަލީ ނިޒާރު ވިދާޅުވީ ނާކާމިޔާބީގެ ފަހަތުގައި ކަންބޮޑުވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ނާކާމިޔާބަކީ އެމްޑީޕީގެ ޕްރައިމަރީގެ އުސޫލުތައް ކުރިއަށް ގެންދިޔަ ގޮތް ކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި އެއް ސަބަބީ ޕީޕީއެމުން ކުއްލިއަކަށް އެމްޑީޕީއަށް ބަދަލުވި ގިނަ މެންބަރުންތަކެއް އޭނާ އާއި ދެކޮޅަށް ނިކުތުމުން ކަމަށެވެ.

"ޕްރައިމަރީގެ އުސޫލުތައް ގޯހީ. ފަހުވަގުތާ ހަމައަށްވެސް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ވަން މީހުންނަށްވެސް ވޯޓުލެވުނު. 400 އެއްހާ މީހުން އަލަށް ގުޅުނު. 2000 އަށް ވުރެ ގިނަ މެންބަރުން ޕްރައިމަރީގައި ވޯޓުލި އިރު ޕީޕީއެމުން އެމްޑީޕީއަށް ބަދަލުވި މީހުން ގިނަ. އަޅުގަނޑަކީ ނިމިދިޔަ ސަރުކާރުގައި ޕީޕީއެމަށް އެންމެ ބޮޑަށް ފާޑުކީ އެކަކު. ޕީޕީއެމުން އެމްޑީޕީއަށް ބަދަލުވި ގިނަ މީހުން ތިބީ ސީދާ އަޅުގަނޑު ބަލިކުރަން ހިފާފަ. ފައިސާއިންވެސް ކުޅެފައި އެބަހުރި. އެއީ އެއް ސަބަބު،" ނިޒާރު ވިދާޅުވި އެވެ.