މި ހިނގާ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ފާޅުވާނެކަމަށް ބުނާ "ބްލަޑް މޫން" އަކީ ދުނިޔެ ނިމުމަކަށް އައުމަށް ފާޅުވާ ނިޝާނެއް ކަމަށް އިސްރާއިލްގެ ޔަހޫދީ ފާދިރީއަކު ބުނެފިއެވެ.

އިސްރާއިލްގެ ޔަކުޓަޔަލް ފިޝް ނަމަކަށްކިޔާ ފާދިރީއެއް ގަބޫލުކުރާ ގޮތުގައި "ބްލަޑް މޫން" ނަމަކަށް ކިޔާ ހަނދު ފާޅުވުމާއެެކު ހުރިހާ ޔަހޫދީން އިސްރާއިލްއަށް ބަދަލުވާން ޖެހެއެވެ. މިހަނދު ފާޅުވުމަަކީ ދުނިޔެ ނިމުމަކަށް އައުމަށް ދޭ ނިޝާނެއް ކަމަށްބުނެ، މި ފާދިރީ ބުނެފައިވަނީ ޔަހޫދީންނަށް އެންމެ ބޮޑަށް ހިމާޔަތް ލިބޭނެ ތަނަކީ އިސްރާއިލް ކަމުގައެވެ.

ފާދިރީ ފިޝް ގަބޫލުކުރާ ގޮތުގައި މިބްލަޑް މޫން އިސްރާއިލް އަކަށް ނުފެންނާނެއެވެ. އަދި މިއީ އެމެރިކާގެ ޔަހޫދީން އިސްރާއިލްއަށް ބަދަލުވާން ޖެހޭކަން އެންގުމަށް ދޭ މެސެޖެއް ކަމުގައިވެސް ގަބޫލުކުރެއެވެ.

ފާދިރީ ފިޝް ގަބުލުކުރާ ގޮތުގައި ދުނިޔެ ނިމުމަކަށް އައުމުގެ ގިނަ އަލާމާތްތަކެއް މިހާރުވެސް ދުނިޔެމަތިން ފެންނަމުން އެބަދެއެވެ. އެގޮތުން މިހާރު ސިޔާސީގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމަކީވެސް ދުނިޔެ ނިމުމަކަށް އައުމުގެ އަލާމާތެއް ކަމުގައި އޭނާ ބުނެފައިވެއެެވެ.

މިމަހު 21 ވަނަ ދުވަހު ފާޅުވާ ބްލަޑް މޫން ފާޅުވުމަށްފަހު ދުނިޔެ ނިމުމަކަށް އައުމުގެ ގިނަ އަލާމާތްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ފާދިރީ ފިޝް ގަބޫލު ކުރެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ގައުމުތަކުގައި އޮންނަ ސާރުކާރުތައް ވެއްޓި، ރައްޔިތުންނަށް އެކިވަރުގެ ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ފާރިދީ ފިޝް ބުނެފައިވެއެވެ. މިފަދަ ހުރިހާ ކަމަކުން ސަލާމަތް ވެވޭނެ ކަމަށް މި ފާދިރީ ގަބޫލުކުރަނީ ހުރިހާ ޔަހޫދީން އިސްރާއީލަށް ބަދަލުވެގެންނެވެ.

އެހެންނަމަވެސް މި ފާދިރީ "ބްލަޑް މޫން" ސިފަކޮށްފައިވާ ގޮތާއި ހިލާފަށް ސައިންސްވެރިން ބުނާގޮތުގައި ބްލަޑް މޫންއަކީ ހަނދު ދުނިޔޭގެ ހިޔަނިން ފާޅުވުމާ ގުޅިގެން ހިފާ ހަނދުކޭތައެއްގެ ސަބަބަުން ފާޅުވާ ރަތް އައްޔެކެވެ. މި ރަތްއަލި ފާޅުވަނީ، ހަނދު ދުނިޔެމަތީގައި ދައުރުވަމުންދާއިރު އިރުގެ އަލި ހަނދަށް އެޅުމުގެ ސަބަބުން ކަމުގައިވެސް ސައިންސްވެރިން ބުނެއެވެ. އިރުގެ އަލި އެޅުމުގެ ސަބަބުން ހަނދަށް މިއަންނަ ބަދަލު ސައިންސްވެރިން ސިފަކޮށްފައިވަނީ "ރޭލީހް ސްކެޓަރިން" ގެ ނަމުގައެވެ.