އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް އުން އަނެއްކާވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ދެލީޑަރުންގެ ދެވަނަ ބައްދަލުވުން އޮންނާނީ އަންނަ ފެބްރުއަރީމަހުގެ ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ސީދާ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަދި ސަމިޓް ބާއްވާ ވަކި ތަނެއްވެސް ކަނޑައަޅާފައެއް ނުވެއެވެ.

ޓްރަމްޕާއި، ކިމް ޖޮންގް އުން ބައްދަލު ކުރައްވާގޮތަށް އަނެއްކާވެސް މި ހަމަޖެހުނީ، ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލަތަކުގައި އުތުރު ކޮރެއާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ އެންމެ އިސްވެރިޔާ ކިމް ޔޮންގް ޗޯލް، ޓްރަމްޕް ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

މިދިޔަ އަހަރުގެ ޖޫންމަހުގެ 12 ވަނަ ދުވަހު ޓްރަމްޕާއި، ކިމް ޖޮންގ އުން ސިންގަޕޫރުގައި ބައްދަލު ކުރެއްވިފަހުން، މައްސަލައިގައި އިތުރު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އެހެންނަމަވެސް، ދެ ލީޑަރުން އަލުން ބައްދަލު ކުރައްވާގޮތަށް ހަމަޖެހުމުން، މިއީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ރުޅާލުމަށް ކުރެވޭ މަސައްކަތްތަކުގައި ކުރިއެރުމެއް ލިބިދާނެ ކަމުގެ ނިޝާނެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

ދެކުނު ކޮރެއާގެ ރައީސްގެ އޮފީހުން ބުނެފައިވަނީ، ޓްރަމްޕް-ކިމްގެ ދެވަނަ ބައްދަލުވުމުގެ ސަބަބުން ކޮރެއަން ޕެނިންސޫލާއަށް ދާއިމީ ސުލްހައެއް ގެނައުމަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޓްރަމްޕާއި، ކިމް ޖޮންގް އުން ދެވަނަ ބައްދަލުވުމަކަށް ވަޑައިގަންނަވާއިރު، އެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އުވާލާފައެއް ނުވެއެވެ.

އެމެރިކާގެ ސިޔާސީ ބައެއް ފަރާތްތަކުން ބުނަނީ، ޓްރަމްޕް އަނެއްކާވެސް ކިމްއާ ބައްދަލު ކުރައްވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ޖައްސަވާ ކެމްޕެއިން ސްޓަންޓެއްގެ ގޮތުގައެވެ.